ނެޓްފްލިކްސް އާއި ޕީއެންސީ ގުޅިގެން ގެނެސްދޭ 'ދަ ރޯޔަލްސް' އަންނަ މަހު ނެޓްފްލިކްސްއަށް
ބޮޑު ކާސްޓަކާ އެކު ނެޓްފްލިކްސްއިން ގެނެސްދޭ "ދަ ރޯޔަލްސް" ސީރީސް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމް ކުރާނެކަން އިއުލާނުކޮށްފިއެވެ. އިޝާން ހައްތަރު އަދި ބަތަލާ ބޫމީ ޕެޑްނެކަރު ލީޑް ރޯލްތަކުން ފެންނާނެ މި ސީރީސް އަކީ، ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ޕްރިޓިޝް ނަންޑީ ކޮމިއުނިކޭޝަންސް (ޕީއެންސީ) އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ސީރީސްއެކެވެ. އިޝާން ޝަހީ ރަސްކަލެއްގެ ރޯލްއިން ފެންނާނެ މި ސީރީސްގެ ކާސްޓުންގެތެރޭ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން، އިންޑިއާގެ ޓެލެވިޒަން ޝޯތަކުން މަޝްހޫރުވި ބަތަލާ ސާކްޝީ ތަންވާރު، ނޯރާ ފަތޭހީ،ޑިނޯ މޯރިއާ، މިލިންދު ސޯނަމް، ޗަންކޭ ޕާންޑޭ އަދި ވިހާން ސަމަތު ހިމެނެއެވެ. ނެޓްފްލިކްސްގެ ސީރީސް 'ދަ ރޯޔަލްސް"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި ފިލްމުގެ ސްކްރިޕްޓް ލިބުނުއިރު ބަތަލާ ބޫމީ ބުނީ އޭރު އޮތީ ޑެންގޫ ހުން ޖެހި އެކަމަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ކަމަށެވެ. ހޮސްޕިޓަލުގައި އޮވެގެން ސްކްރިޕްޓް ކިޔުންވީ ވަރަށް ފަސޭހަ ކަމަކަށް ކަމުގައި ބޫމީ ވަނީ ބުނެފައެވެ. "ދަ ރޯޔަލްސް"ގެ ސްކްރިޕްޓް ވަރަށް ޝައުގުވެރި ކަމަށާއި ކޮންމެ ދުވަހަކު ވެސް ކުރިއަށްހުރި އެޕިސޯޑުތަކުގެ ސްކްރިޕްޓްތައް ކިޔާލަން އޭގެ ސްކްރިޕްޓްތައް ގެނެސްދިނުމަށް އޭރު ދިޔައީ އެދެމުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މިއީ މުޅިން ތަފާތު ދެ ދުނިޔެއެއްގައި އުޅޭ ކެރެކްޓާސްއިން ތަކެއް ފެންނާނެ ސީރީސްއެއް ކަމަށާއި "ދަ ރޯޔަލްސް"ގެ ސްކްރިޕްޓުން ހަނދާންކޮށްދިނީ މަޝްހޫރު ކާޓޫނު ކެރެކްޓާސް ކަމަށްވާ ޓޮމް އެންޑެ ޖެރީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ބޫމީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މުދައްސަރު އަޒީޒްގެ ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ"އިންނެވެ. "ދަ ރޯޔަލްސް"ގެ ލީޑް އެކްޓަރު އިޝާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، ނެޓްފްލިކްސްއިން ގެނެސްދިން އެކްޓަރުގެ ފުރަތަމަ ހޮލީވުޑް ސީރީސް "ދަ ޕާފެކްޓް ކަޕަލް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ