ފިލްމު 'ކޭއެފްޖީ' އަދި 'ކަންތާރާ' ގެނެސްދިން ކުންފުނީގެ ފިލްމެއް ރިތިކްއަށް
އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯފި "ކޭއެފްޖީ" އަދި "ކަންތާރާ" ފިލްމު ގެނެސްދިން ހޮމްބާލޭ ފިލްމްސްއާ ރިތިކް ރޯޝަން ގުޅިފައިވާކަން އެ ޕްރޮޑަކްޝަން ކުންފުނިން އިއުލާނުކޮށްފިއެވެ. އިންޑިއާގެ އެންމެ ވަރުގަދަ ފިލްމު ޕްރޮޑަކްޝަން ކުންފުނިތަކުގެތެރޭ ހިމެނޭ ހޮމްބާލޭ ފިލްމްސް އަކީ މިހާތަނަށް އެ ކުންފުނިން ގެނެސްދީފައިވާ ފިލްމުތަކުގެ ކާމިޔާބީއާ ގުޅިގެން ބެންޗްމާކެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެ ޕްރޮޑަކްޝަން ހައުސްގެ ފައުންޑަ ވިޖޭ ކިރަގަންދުރު ބުނި ގޮތުގައި އެ ކުންފުންޏަކީ އަބަދުވެސް އާއްމުންނަށް އިބްރަތެއް ހާސިލުކުރެވޭނެ ކަހަލަ ވާހަކަތައް ސިނަމާއަށް ގެނެސްދިނުމަށް އިސްކަންދޭ ކުންފުންޏެކެވެ. ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަން އަނީ ޖޫނިއަ އެންޓީ އާރް ފިލްމު "ވޯ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ އެހެންކަމުން އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެތެރޭ ހިމެނޭ ރިތިކް ރޯޝަންއާ އެކު ފިލްމު ޕްރޮޖެކްޓެއް ފެށުމުގެ ވިސްނުމަކީ ދެ ފަރާތަށް ވެސް އަދި ބެލުންތެރިންނަށް ވެސް ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިޖޭ ވަނީ ބުނެފައެވެ. ކާމިޔާބު އެކްޝަން ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ރިތިކް ރޯޝަން އަކީ އިތުރު ތަފްސީލަކަށް ބޭނުންނުވާނެ ތަރިއެއް ކަމަށާއި ރިތިކަކީ ފެށުނީއްސުރެ ބެލުންތެރިންގެ ލޯބި ހޯދުމުގައި ދެމިހުރި އެކްޓަރެއް ކަން އެ ޕްރޮޑަކްޝަން ކުންފުނިން ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ. މި ޕްރޮޑަކްޝަން ކުންފުންޏާ ރިތިކް ގުޅުނުކަން އިއުލާނުކުރި ނަމަވެސް ރިތިކާ އެކު އުފައްދަން ގަސްތުކުރާ ފިލްމާބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ އަހަރު ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދިން ފިލްމު "ފައިޓާ"އިން ފެނުނު އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮގަސްޓް މަހުގެ 14ގައި ރިލީޒްކުރާ ފިލްމު "ވޯ 2"އިންނެވެ. އެންޓީއާރު ޖޫނިއަ ބޮލީވުޑަށް ތައާރަފްވާ މި ފިލްމަކީ އަޔާން މުކަރުޖީ ޑައިރެކްޓްކޮށް އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ