އުމްރާނީ ތަރައްގީ ފުޅާކުރުމަށް 'އިންފްރާންސްޓަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ' އުފައްދައިފި

މަދުން އާބާދުވެފައިވާ ސަރަހައްދު ތަކުގެ އުމްރާނީ ތަރައްގީ ހާސިލުކުރުމަށް 'އިންފްރާންސްޓަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް'ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސް އެ ކުންފުނި އުފައްދެވީ ގެޒެޓުގައި ޝާއިއުކުރެއްވި ގަރާރަކުން ކަމަށެވެ. އެ އޮފީހުން ބުނީ، މި ކުންފުނި އުފެއްދުމުގެ މަގުސަދަކީ ސަރުކާރުގެ އިގްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާބަން ސަރަހައްދުތަކާއި މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުން ކަމަށެވެ. އަދި ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ގައު އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމަށެވެ. ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 10 މިލިއަން ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 100 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ޤާނޫނީ ގޮތުން އަމިއްލަ ކުންފުންޏެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ރާއްޖޭގައި މެދުމިނުގެ ހަތް އާބަން ސެންޓަރެއް ގާއިމް ކުރަން ހިމަނުއްވާފައެވެ. އެއީ މާލޭގެ އުތުރުން ތިން ސެންޓަރާއި ދެކުނުން ހަތަރު ސެންޓަރު ހިމެނޭ ގޮތަށެވެ. މި ސަރުކާރުން ވަނީ އަމާޒަކީ، ރާއްޖޭގެ ބައެއް ރަށްރަށް ހިމެނޭ ގޮތަށް އާބަން ރީޖަންތަކާއި ސެންތަރުތަކެއް ގާއިމްކޮށް، އާބަން ރީޖަންތަކުގައި ނުވަ އަހަރުތެރޭ އެއް ލައްކަ މީހުން އާބާދު ކުރުން ކަމަށް މީގެ ކުރިން ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ