ކީލިއަން އެމްބާޕޭއަކަށް އެކަމެއް ނުވި އެވެ. ލިއޮނެލް މެސީ އާއި ނޭމާއަކަށް ވެސް އެ އުފަލެއް ނުގެނެވުނެވެ. އެކަމަކު ދުނިޔޭގެ ފެންވަރުގެ އަލި ގަދަ ތަރިއެއް ނެތި ޕިއެސްޖީން މިރޭ ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
ޖަރުމަނުގެ މިޔުނިކްގައި ކުޅުނު ފައިނަލް މެޗުގައި އިޓަލީގެ އިންޓަ މިލާން 5-0ގެ ބޮޑު ތަފާތަކުން ބަލިކޮށް، ހަލާކުކޮށް، ފުނޑުކޮށް، ފްރާންސްގެ ޗެމްޕިއަން މި ތަށި ކާމިޔާބުކުރުމަކީ އެ ކްލަބުން ދެކެމުން އައި އެތައް އަހަރެއްގެ ހުވަފެން ހަގީގަތަކަށް ވުމެވެ.
ޕީއެސްޖީގެ ވެރިޔާ ގަތަރުގެ ނާސިރުލް ހަލައިފީއަށް ޗެމްޕިއަންސް ލީގުގެ ތަށި ނުލައި އެ ކްލަބްގެ ފޮތް ފުރިހަމައެއް ނުވެ އެވެ. މެސީ އާއި އެމްބާޕޭ އާއި ނޭމާ އެއްފަހަރާ އެ ޓީމަށް ގެންދިޔައީ ވެސް އެ މަގުސަދު ހާސިލްކުރާށެވެ. ނަމަވެސް މިރެއާ ހަމައަށް އެ ބޮޑު ހޭދައިން ވެސް އެ އުފާވެރިކަން ފްރާންސްގެ ވެރިރަށަށް ގެނެވޭ ގޮތެއް ނުވި އެވެ.
ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭގެ ބެލުމުގެ ދަށުން ޕީއެސްޖީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން އެ ހޯދި ނިސްބަތުން ވަރަށް ޒުވާން ޓީމެއް ނެރެގެންނެވެ. މިއީ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ޕިއެސްޖީގެ އާ މުޅިން އާ ފެށުމެކެވެ.
ފުރަތަމަ ހާފުގައި ދެ ލަނޑު އަދި ފަހު ހާފުގައި ތިން ލަނޑު ޖަހައި، އިންޓަ މިލާނަށް ގެނެސްދިނީ ހިތި އަދި ބަދު ނަސީބު ރެއެކެވެ. މިހާ ބޮޑު ތަފާތަކުން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް މުބާރާތުގެ ތަށި އެއްވެސް ކްލަބަކަށް ކާމިޔާބުނުކުރެވޭތާ 63 އަހަރު ވެއްޖެ އެވެ.
ޕީއެސްޖީން އިންޓަ ހަލާކުކޮށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ