ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ޤާއިމުކުރުމުން ޤާސިމްގެ ތަޢުރީފު ސަރުކާރަށް

ރާއްޖޭގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ޤާއިމުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ތަޢުރީފުކުރައްވާފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ވަރަށް އުންމީދީ މަޝްރޫޢެއް ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.
ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މި މަޝްރޫޢު ފެށުމަށް އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމްބީއެސްގެ ވެރިޔާ ޝެއިޚް ނާއިފް ބިން އީދު އަލް ސާނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލުމަށް އެޅިގެން ދިޔަ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢަކީ ދުނިޔޭގެ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމުގައިވެސް ޤާސިމް ފާހަގަކުރެއްވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް އާ އީޖާދުތަކާއި ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުޢިއްޒުގެ މި މަސައްކަތަށް ހުރިހާ ސިޔާސީ ލީޑަރުންވެސް އެއްބާރުލުން ދެއްވުމަށް ޤާސިމް ގޮވާލެއްވިއެވެ.
އެމްއައިއެފްސީގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރުގެ ސަރަހައްދެކެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބެލެވޭއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މި ސެންޓަރުގައި 3,500 މީހުންގެ ޖާގައިގެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް، ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ޚާއްޞަކޮށްފައިވާ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކެއް، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކެއް، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކެއް، ރީޓެއިލް ސަރަޙައްދެއް، އޯޝަނޮގްރަފިކް މިއުޒިއަމްއެއް، މިސްކިތެއް އަދި އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ވަނީ ރޭވިފައެވެ.
އިޤްތިޞާދީ ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި މި މަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމަށް އިންޤިލާބެއް ގެނުވާނެ މަޝްރޫޢެކެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި ލީޑަޝިޕްގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ޤާސިމް އިބްރާހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި މަޝްރޫޢަކީ ޤައުމީ ފެންވަރުގައި މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވާ، ޤާސިމް އިބްރާހީމް ވަނީ ހުރިހާ ސިޔާސީ ލީޑަރުންވެސް މި މަސައްކަތަށް އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.
މި މަޝްރޫޢު ފެށުމާއެކު، ރާއްޖޭގެ އިޤްތިޞާދީ މަންޒަރު ބަދަލުވެ، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ސަމާލުކަން ރާއްޖެއަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި އާ ވަޒީފާގެ ފުރުޞަތުތައް އުފެދި، ޒުވާނުންނަށް އިތުރު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
                   
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ