ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏަކުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަން ނިންމައިފި އެވެ.
ފުނަދޫގައި އަޅާ ފައިނޭންޝަން ސެންޓަރަށް އިންވެސްޓު ކުރީ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިންނެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ އިންވެސްޓްމަންޓުން ބިނާ ކުރާނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް އަމާޒުކޮށްގެން އަޅާ "ފައިނޭންޝަލް ފްރީ ޒޯން" ނުވަތަ ބިޔަ މާލީ ހަބެއް ކަމަށެވެ.
ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނިމޭނީ 2030 ވަނަ އަހަރެވެ. އެތަން ފެށުމާއެކު ފުރަތަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ ޖީޑީޕީ އިތުރުވެ، ފަސް ވަނަ އަހަރުގެ އާމްދަނީއަށް އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.
ފައިނޭންޝަލް ސެންޓަރުގެ ސަބަބުން ފަތުރުވެރިކަމަށް ރާއްޖެ ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައިސް، އިންޑިއާ ކަނޑުގެ ލީޑިން ފައިނޭންޝަލް ހަބަކަށް ރާއްޖެވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ފައިނޭންޝަލް ސެންޓަރުގެ ސެންޓާޕީސްއެއްގެ ގޮތުގައި ތަރައްގީ ކުރަނީ 3500 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލެކެވެ. އޭގެ އިތުރުން ހޮޓާތަކާއި ރެސިޑެންސް ބިލްޑިންގުތަކާއި މިއުޒިއަމްއަކާއި މިސްކިތަކާއި ސްކޫލެއް ވެސް އެ އިންވެސްޓްމެންޓުގެ ދަށުން އިމާރާތް ކުރާނެ އެވެ.
އޭގެ އިތުރުން، ކުޅިވަރު ކުޅޭ ތަންތަނާއި ސްޕާ ފަދަ ތަންތަނާއި ބައިސްކަލު ދުއްވާ ޓްރެކަކާއި ވަރަސް ހިތްގައިމު އޮފީސް އިމާރާތްތައް ވެސް އެތަނުގައި ހަދަން ވަނީ ހަމަޖެހިފަ އެވެ.
ފައިނޭންޝަލް ސެންޓަރު ބިނާ ކުރަނީ ތިމާވެއްޓަށް ކުރާ އަސަރުން ތަނަށް ގެއްލުމެއް ނުވާނެ ގޮތަށެވެ. އަދި އެތަނަށް ބޭނުންވާ ހަކަތަ އުފައްދަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެންނެވެ. ފައިނޭންޝަލް ސެންޓަރުގައި ކާރެއް ބޭނުމެއް ނުކުރާނެ އެވެ. އޭގެ ބަދަލުގަިއ ދަތުރު ކުރާނީ އަންޑާގްރައުންޑް ޓްރާންސްޕޯޓޭޝަން ނިޒާމަކުންނެވެ.
ފައިނޭންޝަލް ސެންޓަރު ޑިޒައިންކޮށްފައި ވަނީ އާކިޓެކްޓް ޖިއާނީ ރަނައުލޯ އެވެ. ތަނުގެ ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށެވެ. ފައިނޭންޝަލް ސެންޓަރުގައި 780،000 އަކަ މީޓަރުގެ ބިން ތަރައްގީ ކުރާނެ އެވެ. އެތަން ބިނާ ކުރަނީ 6500 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ. އަދި ފައިނޭންޝަލް ސެންޓަރަށް ތަރައްގީ ކުރަނީ ދުވާލަކު 35،000 މީހުން އެތަނަށް ދާނެ ކަމަށް ބަލައިގެންނެވެ.
ގަތަރުގެ ޝާހީ އާއިލާގެ ނަޔެފް ހިންގަވާ ކުންފުންޏަކުން ފައިނޭންޝަލް ސެންޓަރަށް 8.8 ބިލިއަން ޑޮލަރު އިންވެސްޓު ކުރަނީ ގަތަރުގެ ޝާހީ އާއިލާގެ ނަޔެފް ހިންގަވާ ކުންފުންޏަކުން ފައިނޭންޝަލް ސެންޓަރަށް 8.8 ބިލިއަން ޑޮލަރު އިންވެސްޓު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ