އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެފްއޭއެމުން އެކި ކަންކަމަށް ނަހަމަ ގޮތުގައި ބޭނުންކުރި ފައިސާގެ މިންވަރު ގާތްގަނޑަކަށް 4 މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ)އަށް އަރާފާނެ ކަމަށް، ފީފާއިން އައްޔަންކުރި އަންކޫރާ ކޮންސަލްޓިންއިން އަންދާޒާކޮށްފި އެވެ.
މިކަން ހާމަވީ މިދިއަ އަހަރުގެ ޖޫން މަހު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑްކުރަން ފީފާއިން ނިންމި ނިންމުމުގަ އެވެ.
އެ ނިންމުން ބިނާކުރީ ޕްރޮސެކިއުޓަ ޖެނެރަލްގެ އެންގެވުމަށް ފުލުހުން އެފްއޭއެމަށް ވަދެ ހިންގި ތަހުގީގާ ގުޅިގެން އެފްއޭއެމްގެ މާލީ މުއާމަލާތްތައް ބަލަން ފޮނުވި އަންކޫރާއަށް ހޯދުނު ހޯދުންތަކުގެ މައްޗަށެވެ. އަންކޫރާގެ ރިޕޯޓްގައި ބުނި ގޮތުގައި ފީފާއިން އެފްއޭއެމަށް ދިން މާލީ އެހީތެރިކަމުގެ ތެރެއިން ގާތްގަނޑަކަށް 4 މިލިއަން ޑޮލަރު، އެ އެހީ ދިން ކަންކަމުގެ ބަދަލުގައި އެހެން ކަންކަމަށް ބޭނުންކޮށްފައި އޮވެދާނެ އެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ބައްސާމް ކަމަށް ވެސް، އެ ރިޕޯޓްގައި ތުހުމަތުކުރި އެވެ.
ބައްސާމާ ދެކޮޅަށް ރާއްޖޭގައި ހިންގަމުން އަންނަ ޖިނާއީ ތަހުގީގުތަކުން މިހާތަނަށް ތުހުމަތުކޮށްފައި ވަނީ 10،000 ޑޮލަރަކާއި 1 މިލިއަން ޑޮލަރު، އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކުރެއްވި ކަމެވެ. އެގޮތުން 1 މިލިއަން ޑޮލަރު ހޭދަކުރިކަމަށް ބެލެެވެނީ ރާއްޖޭގެ މައި އެއް ކޮންސްޓްރަކްޝަން ކުންފުނި، އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތްކުރި އަމިން އެވެނިއުއިން ދެ ޕެންޓްހައުސް އާއި ތިން ކޮޓަރީގެ އެޕާޓްމަންޓެއް ގަތުމަށެވެ.
އަންކޫރާގެ ހޯދުންތަކުން އެނގެނީ ފީފާއިން ފޮނުވާ ފައިސާ ޖަމާކުރަން ބޭންކް އޮފް ސިލޯންގައި ހުޅުވާފައި އޮންނަ އެފްއޭއެމްގެ އެކައުންޓުން 1 މިލިއަން ޑޮލަރު، އަމިންއަށް ދޫކޮށްފައި އޮތް ކަމެވެ. އެއީ ކޮވިޑް-19ގެ ހާލަތުގައި އެހީތެރިވާން ފީފާއިން އެފްއޭއެމްއަށް ދިން 1.9 މިލިއަން ޑޮލަރުގެ ބައެކެވެ.
ފީފާއިން ބުނި ގޮތުގައި އެ އެކައުންޓާ ގުޅޭ ކަންކަމުގައި ސޮއިކުރުމުގެ ބާރު 1 ފެބްރުއަރީ 2018އިން ފެށިގެން ދީފައި އޮންނަނީ އެފްއޭއެމްގެ ތިން ވެރިޔަކަށެވެ. އެއީ:
ބައްސާމް އަދީލް ޖަލީލް (އެފްއޭއެމްގެ ރައީސް)
އަލީ އުމަރު (އެފްއޭއެމްގެ ނައިބު ރައީސް)
ހުސެއިން ޖަވާޒު (އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ)
އެކަމަކު އަމިންއަށް ދިން 1 މިލިއަން ޑޮލަރުގެ ޗެކްގައި ސޮއިކުރައްވާފައި އޮތީ މީގެ ތެރެއިން ކޮން ބޭފުޅެއް/ބޭފުޅުންނެއް ކަމެއް، ބައްސާމް ސަސްޕެންޑްކުރިކަން ފީފާއިން އެންގި ލިއުމުގައި ނެތެވެ.
އަމިންއަށް ދިން މި 1 މިލިއަން ޑޮލަރުގެ ބޭނުމަކީ ކޮބައިކަން ފީފާގެ ހޯދުންތަކުން އަދި ފެނިފައި ނެތަސް ރާއްޖޭގެ ފުލުހުންގެ ތަހުގީގުން ވަނީ އޭގެ އަސްލު ހާމަވެފަ އެވެ. އަމިން އެވެނިއުއިން ބައްސާމް ޕެންޓްހައުސްތަކާއި އެޕާޓްމަންޓެއް ބައްލަވައިގަތީ އެ ފައިސާއިން ކަމާއި އެކަމަކު އަމިންއިން ދޮގު ލިއުމެއް ތައްޔާރުކުރީ އެއީ ޑޮލަރު ގަތުމަށް ހިންގި މުއާމާލާތެއްގެ ގޮތުގައި ކަމަށް ވެސް، ފުލުހުންގެ ތަހުގީގުން އެނގެ އެވެ. އެކަމަކު އެ 1 މިލިއަން ޑޮލަރަށް ޖެހޭ 15.42 މިލިއަން ރުފިޔާ އެފްއޭއެމަށް ލިބިފައެއް ނުވެ އެވެ.
މި މައްސަލާގައި މަނީ ލޯންޑަރިންގެ ދައުވާ ޕީޖީން ވަނީ ބައްސާމާއި އަމިންގެ މައްޗަށް އުފުލައިފަ އެވެ.
ކޮވިޑް-19ގެ އެހީއަށް ދިން 1 މިލިއަން ޑޮލަރުގެ އިތުރުން ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ މާފަންނު ސްޓޭޑިއަމްގައި އެޅި ސްޕޯޓްސް އެރީނާ މަޝްރޫއުއަށް ފީފާއިން ދިން 1.4 މިލިއަން ޑޮލަރުގެ ބޮޑު ބައެކެވެ. އެ ފައިސާގެ ތެރެއިން 1،036،000 ޑޮލަރަށް ވީ ގޮތެއް، އެފްއޭއެމްގެ އެއްވެސް ލިއެކިއުމަކުންނާއި ބޭންކް ސްޓޭޓްމަންޓުން ފެންނާކަށް ނެތެވެ.
މިއީ އެ މަޝްރޫއުގެ ފިޔަވަހި 1 އަށް ފީފާއިން ދިން ފައިސާ އެވެ. ފީފާގެ ރިޕޯޓްގައި އެ މަޝްރޫއުގެ ފިޔަވަހި 2އަށް ދިން 575،000 ޑޮލަރު (8.8 މިލިއަން ރުފިޔާ) ވެސް އެހެން ކަންކަމަށް ބޭނުންކޮށްފައި އޮތް ކަމަށް ތުހުމަތުކުރި އެވެ. އެ ފައިސާ ހަރަދުކުރި ގޮތުގެ ލިއެކިއުންތަކެއް ވެސް އެފްއޭއެމުން ފީފާއަށް ހުށައަޅާފައި ނުވާ ކަމަށް، ރިޕޯޓްގައި ބުންޏެވެ.
ސްޕޯޓްސް އެރީނާ މަޝްރޫއުގައި ހިމެނެނީ ބޮޑު އިމާރާތަކާއި ޓާފް ދެ ދަނޑެވެ. އިމާރާތް ހުރީ ނުނިމި އެވެ. އެތަނުގެ ތިރީ ބައި ގުދަންތަކަކަށް ކުއްޔަށް ދޫކުރީ ވެސް، އިމާރާތަށް ގެންނަ ބަދަލުތައް ފީފާއަށް އެނގެން ޖެހޭއިރު އެކަން ވެސް ނުކޮށް ކަމަށް، ފީފާއިން ބުނެ އެވެ.
ކުރިން ހާމަވެފައި ހުރި ލިއުންތަކުން ސްޕޯޓްސް އެރީނާ މަޝްރޫއުއަށް ފީފާއިން ފައިސާ ދޫކުރީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ބައްސާމްގެ މައްޗަށް އައި ނުވަ މަސް ދުވަހުގެ ސަސްޕެންޝަނާ ބެހޭ ލިއުމުގައި ދެވަނަ ފިޔަވައްސަށް 575،000 ޑޮލަރު ދިންކަން އެނގެން އެބަ އޮތެވެ.
އަންކޫރާއިން ފީފާއަށް ހުށައެޅި ރިޕޯޓް ބައްސާމަށް ނުދޭތީ އެއީ މައްސަލައެއްގެ ގޮތުގައި، ސަސްޕެންޝަނުގެ ކުރިން އޮތް އަޑުއެހުމުގައި އޭނާގެ ފަރާތުން ފާހަގަކުރި އެވެ.
ބައްސާމުގެ ދިފާއުގައި ވިދާޅުވެފައި ވަނީ އޭނާއަށް ފުރިހަމަ ދިފާއުއެއް އެކުލަވާލެވޭނީ މާލީ ކަންކަމުގައި ހުރި ގޯސްތައް ފީފާއަށް އެންގި އަންކޫރާގެ ރިޕޯޓް ލިބިގެން ކަމަށެވެ.
ފީފާގެ ސަސްޕެންޝަނާ ދެކޮޅަށް ދުނިޔޭގެ ކުޅިވަރާ ބެހޭ އާބިޓްރޭޝަނަށް ބައްސާމް މައްސަލައެއް ވެއްދި އެވެ. ނަމަވެސް އާބިޓްރޭޝަނުން 15 ފެބްރުއަރީ 2025ގައި ނިންމީ އެ ސަސްޕެންޝަން ރަނގަޅު ކަމަށެވެ.
ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ބައްސާމްގެ މައްޗަށް އައި ސަސްޕެންޝަން މިދިއަ މާޗު މަހު ވަނީ ނިމިފަ އެވެ.
ބައްސާމާއި އެފްއޭއެމްއިން ނަހަމަ ގޮތުގައި ބޭނުންކުރި ފައިސާގެ މިންވަރު 4 މިލިއަން ޑޮލަރަށް އަރާފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ