ކުރުސީ އެކައުންޓު ބްލޮކް ކުރަން ވަޒީރުންނަށް އަންގައިފި ކުރުސީ އެކައުންޓު ބްލޮކް ކުރަން ވަޒީރުންނަށް އަންގައިފި

ކާކުކަން ނޭނގޭހެން ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި 'ހަސަން ކުރުސީ' ގެ ނަމުގައި ހިންގާ އެކައުންޓު، ވަޒީރުން ބްލޮކް ކުރަން ފަށައިފި އެވެ.
ކުރުސީ އެކައުންޓުން ރޭ ކުރި ޕޯސްޓުތަކެއްގައި، ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ބަންޑާރަނައިބު އަހުމަދު އުޝާމް އޭނާގެ އެކައުންޓް ބްލޮކް ކުރި ކަމަށް ބުނެފައިވެ އެވެ. ބްލޮކް ކޮށްފައިވާތަން ފެންނަ ސްކްރީން ޝޮޓުތަކެއް އޭނާގެ ޕޯސްޓުތަކުގައި ހިއްސާކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން އަދަދު ނޫހުން ވާހަކަދެއްކި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވަނީ ވަޒީރުން ކުރުސީ ބްލޮކް ކުރަން ނިންމީ އެކަމަށް މަޝްވަރާކޮށް ސަރުކާރުން އެންގުމުން ކަމަށެވެ. މިކަން ބައެއް ވަޒީރުން ވެސް މި ނޫހަށް ކަށަވަރުކޮށްދީފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ކުރުސީ ބްލޮކް ނުކުރަނީ އެންމެ ވަޒީރެކެވެ.
ކުރުސީ އެކައުންޓަކީ 2022 އިން ފެށިގެން އެކްސްގައި ހިންގަމުންދާ އެކައުންޓެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ސަރުކާރާ ދެކޮޅަށް އެ އެކައުންޓުން ގިނަ ޕޯސްޓުތަކެއް ކުރަމުން ގެންދިޔަ އެވެ.
މި ވެރިކަން ފެށުމަށްފަހު ކުރުސީ އެކައުންޓުން ގެންދަނީ ސަރުކާރާ ދެކޮޅަށް ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. މި ފަހުން ވެސް އެފަދަ ގިނަ ތުހުމަތުތަކެއް ކުރި އެވެ.
ސޯލިހާއި މުއިއްޒުގެ ވެރިކަމުގައި ވެސް ފުލުހުން ވަނީ ކުރުސީ އެކައުންޓު ހިންގާ ބައެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެ އެކައުންޓު ހިންގާ ބަޔަކު ހޯދަން ކޯޓު އަމުރުތަކެއް ވެސް ނެރުނެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރެއްގެ ތެރެއިން އެމަނިކުފާނާއި އަނބިކަނބަލުންގެ ފޮޓޯއެއް ނަގާ ކުރުސީއަށް ދިން މައްސަލަ އެއްވެސް ފުލުހުން ބެލި އެވެ. އެ މައްސަލާގައި ފޮޓޯ ނެގި މީހާގެ ފޯނު ފުލުހުން ހިފެހެއްޓި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ