މިއަހަރުގެ ހައްޖުމޫސުމުގައި ހައްޖުވެރިންގެ ރައްކާތެރިކަމާ ސަލާމަތަށް ބުރޫއަރާނެ އެއްވެސް ކަމެއް ދިމާވެފައެއްނުވޭ: ސައޫދީ އިންޓީރިއަރ މިނިސްޓަރ

ހައްޖުވެރިންގެ ރައްކާތެރިކަމާ ސެކިއުރިޓީއަށް ބުރޫއަރާނެ އެއްވެސް ކަމެއް މިއަހަރުގެ ހައްޖުމޫސުމުގައި ދިމާވެފައި ނުވާކަމަށް ސައޫދީއަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް އަބްދުލް އަޒީޒް ބިން ސައުދު ބިން ނާއިފް ވިދާޅުވެއްޖެ އެވެ. މިގޮތުން ހައްޖުވެރިން ކަރަންޓީން ކުރަންޖެހޭފަދަ ރޯގާއެއްފަދަ ކަމެއް ކުރިމަތިވެފައި ނުވާކަން މިނިސްޓަރު ފާހަގަ ކުރައްވާފައި ވެއެވެ. ކަމެއް ދިމާވުމުގެ ކުރިން އެކަންކަން ހުއްޓުވުމަށް ސިއްހީ ހިދުމަތް ދިން ފަރާތްތަކުން އެޅި ޚާއްސަ ފިޔަވަޅު ތަކުގެ ސަބަބުން، ހޫނު ގަދަ ވުމުގެ ސަބަބުން ހާލުދެރަވެ އަދި ބަލިވި މީހުންގެ ރޭޓު ދަށް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. 
މިއަހަރުގެ ހައްޖު މޫސުމުގެ ކާމިޔާބީތައް ޕްރިންސް އަބްދުލް އަޒީޒް ފާހަގަ ކުރައްވާފައިވަނީ މިކަމުގެ މުނާސަބަތުގައި ސަލްމާން ރަސްގެފާނަށާއި ،އަދި ވަލީއަޙްދު އަދި ޕްރައިމިނިސްޓަރ މުހައްމަދު ބިން ސަލްމާން އަށް ފޮނުއްވި ޚާއްސަ މަރުހަބާގެ މެސެޖް ތަކެއްގައެވެ. އަމިއްލަ ނަންފުޅުގެ އިތުރުން ސަރަހައްދުތަކުގެ އަމީރުންނާއި ސުޕްރީމް ހައްޖު ކޮމިޓީގެ މެމްބަރުންނާއި ސަލާމަތީ ބާރު ތަކާއި ސަރުކާރު އަދި އަމިއްލަ އޭޖެންސީތަކުގެ ފަރާތުން ފޮނުއްވި މެސެޖް ގައި މިނިސްޓަރު ވިދާޅުވެފައިވަނީ މިފަދަ ކާމިޔާބީ ހާސިލްވެފައިވަނީ ކީރިތި ﷲގެ މަދަދާއެކު ،ރަސްގެފާނާއި ވަލީ އަޙްދު އެކަމަށް ދެއްވި ސަމާލުކަމާއި ފުރިހަމަ އިރުޝާދުގެ ސަބަބުން ކަމުގައެވެ. އަދި ރަސްފާނާއި ވަލީ އަޙްދުގެ އިރުޝާދުފުޅު ތަކަކީ، ސަލާމަތީ ޚިދުމަތްތަކާއި ސިއްހީ ހިދުމަތް ދިންތަންތަނާއި،ޓްރެފިކް ބެލެހެއްޓިފަރާތްތަކާއި،އިންތިޒާމްތައްރޭވި ފަރާތްތައް ހިމެނޭހެން، ހިދުމަތް ދިން ހުރިހާ ފަރާތްތަކަކުން، އެހާ ފުރިހަމަ ކޮށް ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ބެލި "ކޯނަރ ސްޓޯން" ކަމުގައި ވިދާޅުވެފައި ވެއެވެ.  
މިފަދަ ފުރިހަމަ ޚިދުމަތްތަކެއް މިއަހަރު 1،673،230 ހައްޖުވެރިންނަށް ފޯރުކޮށްދެވިފައިވާ ކަން މިނިސްޓަރު ފާހަގަ ކުރައްވާފައި ވެއެވެ.
ޕްރިންސް އަބްދުލް އަޒީޒް ގެ މެސެޖް ނިންމަވާލައްވާފައިވަނީ ރަސްގެފާނާއި ވަލީއަޙްދުގެ ރައްކާތެރިކަމަށް ދުޢާ ކުރައްވަމުންނެވެ.އަދި އެދެބަފައިކަލުންނަކީ އިސްލާމް ދީނަށާއި މުސްލިމް އުންމަތަށް ހުރި ބާރަކާއި ޝަރަފެއްގެ ގޮތުގައި ލެއްވުން އެދޭކަމަށް ވިދާޅުވެފައި ވެއެވެ.އަދި ރަސްގެފާނާއި ވަލީއަޙްދުގެ ޒައާމަތުގެ ދަށުގައި ސައޫދީ އަރަބިއްޔާ އަށް ސަލާމަތާއި ހަމަޖެހުން އަދި އިތުރު ފާގަތިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ