އައްޑުއަށް 98.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަބްދުﷲ އިބްރާހީމް 25 އަހަރަށް ޖަލަށްލައިފި

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ އައްޑޫ ސިޓީ ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހީމް 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ފުލުހުން އޮކްޓޯބަރު 1، 2020 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަބްދުﷲ އިބްރާހީމް ހިމެނޭ ގޮތަށް ޖުމްލަ 16 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އަދި މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ 8 މީހަކު ދޫކޮށްލާފައި ވާއިރު 8 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އަބްުދުﷲ އިބްރާހީމް އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި ޖުމްލަ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. މި އޮޕަރޭޝަނުގައި އަބްދުﷲ އިބްރާހީމް ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ފުލުހުން ގޮސް ކަނޑުމަތިން ހުއްޓުވަން މަސައްކަތް ކުރި ވަގުތު ކަނޑަށް ގޯނިތަކެއް އުކާލާފައިވާއިރު ފުލުހުން ކަނޑަށް ފުންމާލައިގެން އެ ތަކެތި ނަގާ އަބްދުﷲ އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މަސްތުވަތާކެތި އެތެރެކުރުމުގެ ދެ ދައުވާއެއް އަބްދުﷲ އިބްރާހީމްގެ މައްޗަށް އުފުލިއިރު އޭނާ ވަނީ އެ ދައުވާތަކަށް އިއުތިރާފުވެ، ޕީޖީއޮފީހާ އެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށް އަދަބު ލުއިކޮށްފައެވެ.
އަބްުދުއްﷲ އިބްރާހީމްގެ މައްޗަށް އުފުލި ދެ ދައުވާގެ ކުށުގެ އަދަބަކީ 50 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެންނަމަވެސް ޕީޖީ އޮފީހާ އެކު ހެދި އިއުތިރާފު އެއްބަސްވުމުން އަދަބުގެ ދެބައިކޮށް އެއްބައި ލުއިވެ 25 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި ބަންދުގައި 4 އަހަރު ހޭދަކޮށްފައި ވާތީ، ހުކުމުން ދެން ތަންފީޒު ކުރަން ޖެހެނީ 21 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ