އެއްވެސް ހެޔޮކަމަކީ މީހެއްގެ ސަބަބުން ލިބުނު ކަމެއްކަމަށް ޤަބޫލުކުރުމަކީ ހެޔޮ ގޮތްތައް މެދުވެރިވުމަށް ހުރަސް އެޅިދާނެ ކަމެއް!

ހަމައެކަނި އީމާންކަން ކުޑަވަނީ ކަމަށް ބުނާކަށް ނެތީމެވެ. ﷲ ތަޢާލާ އާއި ދުރަށް ޖެހެވޭވަރު ބޮޑުކަމުން ކަންކަމަށް ވިސްނޭ ގޮތް ތަފާތުވަނީއެވެ. މިއީ އިޞްލާޙުކުރަންޖެހިފައިވާ ކަމެކެވެ. ވީމާ އަޑުއަހާށެވެ!
އަހަރެމެންނަށް ﷲ ތަޢާލާ އާއިމެދު ވިސްނައިލެވޭ މިންވަރު ކުޑަވަމުންގޮސް ނިޢްމަތްތައް ލިބެނީ ކިހިނަކުން ކަންވެސް މިވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެހެންކަމުން ވިސްނައިލަމާ ހިނގާށެވެ!
ކޮންމެވެސް މީހަކުގެ ކބައިން މީހަކަށް ކޮންމެވެސް ކަމެއް ޙާޞިލުވެދާނެއެވެ. ފައިސާތަކެއްވެސް މީހަކު ދީފާނެއެވެ. ވަޒީފާއެއްވެސް ދީފާނެއެވެ. އެހެން ބޮޑު މުހުތާދެއްވެސް ފުއްދައިދީފާނެއެވެ. އެފަދަ ޙާލަތުގައި ގިނަބައަކު ޝުކުރުވެރިވުމުގެ ތަރުތީބު އެބަ އޮޅުވައލައެވެ. އެކަމެއް ފުއްދައިދިން މީހާއަށް ޝުކުރުވެރިވެފައި އެބަ ނިންމައިލައެވެ.
މިއީ ވަރަށް ދެރަ ކަމެކެވެ. އެހެނީ އެއްވެސް މީހެއްގެ ކިބައިން އެއްވެސް މީހަކަށް އެއްވެސް ބޭނުމެއް ނުފުދޭނެއެވެ. އެއްވެސް މީހަކަށް އެހެން މީހަކަށް އެއްވެސް ބޭނުމެއް ފުއްދައެއްވެސް ނުދެވޭނެއެވެ. ﷲ ތަޢާލާ އެކަމެއް ފުއްދަވައިދެއްވެވުމުން މެނުވީއެވެ.
މީސްތަކުންނަށް ދީލަތި މީހުން ތިބެއެވެ. އެފަދަ މީހުން މީސްމީހުންނަށް އެމީހުންގެ ބޭނުންތައް ފުއްދައިވެސްދެއެވެ. ނަމަވެސް ޙަޤީޤަތަކީ އެހީތެރިކަމަށް ބޭނުންވެފައިހުރި މީހާގެ ބޭނުންތައް ފުއްދަވައި ދެއްވަވަނީ ﷲ ތަޢާލާ ކަމެވެ.
ވިސްނައިލާށެވެ! އެފަދަ މީހުންގެ ކިބައިން އެހީތެރިކަމަށް އެދި އެތައް ހާސް ބައަކު އުންމީދުކުރެއެވެ. އެހީތެރިކަމަށް އެދޭ އެންމެންނަށް އެހީވާ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހީތެރިވާނީ އެހީތެރިކަމަށް އެދޭ މީހުންގެ ތެރެއިން ކޮންމެވެސް ބައަކަށެވެ. ވީމާ އެހީ ލިބޭ މީހުންގެތެރޭގައި ތިބާ ހިމެނުނީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް އެހީތެރިވުމުގެ ވިސްނުން ﷲ ތަޢާލާ ދެއްވެވުމުން ނޫންހެއްޔެވެ؟
އެހެން އިބާރާތަކުން ބުނާނަމަ ބުނަން ޖެހޭނީ އެމީހާ މެދުވެރިކުރައްވަވައި ތިބާއަށް ﷲ ޔަޢާލާ އެހީތެރިކަން ފޯރުކުރައްވަވައި ނުދެއްވެވިނަމަ އެއެހީތެރިކަމެއް ނުލިބުނީހެވެ. ވީމާ ޝުކުރުވެރިވުމުގެ ތަރުތީބު އޮޅުވައިނުލާށެވެ! ކޮންމެ މީހެއްގެ ކިބައިން ކޮންމެ ބޭނުމެއް ފުދުނު ނަމަވެސް އެކަން ޙާޞިލު އެކުރެވުނީ ﷲ ތަޢާލާ ތިބާއަށް އެކަން މިންވަރުކުރެއްވެވުމުންކަން ޤަބޫލުކޮށް ފުރަތަމަކަމަކަށް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ! އެއަށްފަހު އެކަމަށް މެދުވެރިކުރެއްވެވި މީހާއަށް ޝުކުރުއަދާކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތް އިތުރުވާނީ އެއިރުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ