ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފްތާތެރޭގައި ޤާއިމްކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި ނިޒާމުގެ ދަށުން ޞަދަޤާތާއި ޚައިރާތާއި މިސްކިތް އެޅުމާއި ޤުރުއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމަށް ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާ ޒަކާތު ހައުސްއަށް ލިބިގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިކަމާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވެއެވެ.
މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމާއި ޒަކާތު ހައުސްގެ އިސް ފަރާތްތަކުގެ އިތުރުން މީރާގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.
"މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުން،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ގިނަ ރަށްރަށުގައި މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ޖެހިފައިވެއެވެ. އަދި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަމުންދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއް ކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނައަކަށް ބަލައިގެންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ހެޔޮކަންކަމަށް ހޭދަކުރާ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފްތާގައި ޤާއިމްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ