މި ލަންކާ ޒުވާނާގެ ރީތި އަޑުން މި ކިޔަނީ ދިވެހި ލަވަތައް!

ޓިކްޓޮކް އަޅުވާލުމާއެކު އަބަދުވެސް ފެނިގެން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މޮޅެތި ހުނަރުތަކެވެ. ކޮމެޑީ އާއި މީމްތަކުގެ ރާޅު ތެރެއިން ވަރުގަދަ ހުނަރެއް ފެނިގެންދާ ފަހަރަކު އެތައް ބަޔަކު އާޝޯހުވެއެވެ. މިފަހަރު އެތައް ދިވެހީންގެ ހިތް އަތުލާފައިވަނީ ލަންކާގެ ޒުވާން ލަވަކިޔުންތެރިޔެކެވެ. މި ޒުވާނާގެ އަޑުން ކިޔާލި ދިވެހި ލަވަތަކާއެކު އެތައް ބައެއްގެ ލޯބި އޭނާއަށް އޮހެން ފަށައިފިއެވެ. އުމުރުން 24 އަހަރުގެ ޔެނޫލީ ޝަނާޔާ، ދިވެހީންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އޭނާ ޓިކްޓޮކަށް ދޫކޮށްލީ ދިވެހި ލަވައެއްގެ ލަވައެކެވެ. އެއީ އެ ދުވަސްކޮޅު ރާއްޖޭގައި ވެސް ކުއްލި ގޮތަކަށް ވައިރަލް ވާން ފެށި ކުރީގެ ދިވެހި ލަވަ "އޭ ހިތާ" އެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާމިނަތު ޝާނީއާއި ސްރީ ލަންކާގެ މަޝްހޫރު މިއުޒިޝަނެއް ކަމަށްވާ އިރާޖް ވީރަރަތްނެގެ އެކީގައި މީގެ 15 ވަރަކަށް އަހަރު ކުރީން ނެރުނު ލަވަ ގިނަ ބައެއްގެ މަގުބޫލުކަން ހޯދީ އަނެއްކާ ޓިކްޓޮކްގައެވެ. އެއާއެކު ޝަނާޔާ ކަވަރު ނެރުނު ވަގުތުވީ އޭނާއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ޝަނާޔާއަކީ އަބަދުވެސް ލަވަކިޔުމަށް ލޯބިކުރާ ޒުވާނެކެވެ. އެންމެ ކުޑައިރު ހަނދާން ވާން ފެށިއިރުންވެސް އޭނާ ވަށައިގެންވާ މުޅި މާހައުލުން މިއުޒިކް ލިބެމުން ދިޔައެވެ. އެއާއެކު މިއުޒިކަށް ލޯބި އުފެދުނީއެވެ."ވަރަށް ކުޑައިރު މިއުޒިކްގެ ތެރެއަށް ވަދެވުނު. މަންމަގެ ފަރާތުން މިއުޒިކަށް ވަދެވުނީ. މަންމަ އަބަދުވެސް މިއުޒިކް ކުޅެ އެކި ކަހަލަ އިންސްޓްރުމެންޓްވެސް ބޭނުން ކުރާނެ،" ޝަނާޔާ "ސަން" އަށް ކިޔައިދިނެވެ. ޝަނާޔާ ބޮޑުވަމުން އައި އިރު އޭނާގެ މިއުޒިކް އިންސްޕިރޭޝަނަށް ވީ މަންމައެވެ. އަދި މިއުޒިކުގެ ދާއިރާއިން ކުރިއަށް ދިޔުމުގައި އެންމެ ބޮޑު އެހީއަކަށް ވެސް ވެފައިވަނީ އޭނާގެ މަންމައެވެ. މަންމައާ އެއްގޮތަށް ކުރިއަށް ދާން ބޭނުންވެ ޝަނާޔާގެ އަމިއްލަ އަޑު ދުނިޔެއަށް އިއްވާލުމަށް ބޭނުންވިއެވެ. އެއާއެކު ވަރަށް ޅަ އުމުރުގައި ލަވަކިޔައި އެ ރިލީޒްކުރަން ފެށިއެވެ. އެކި ޕްލެޓްފޯމްތަކުގައި އޭނާގެ މިއުޒިކް ނެރެމުން ދިޔައީ ތަފާތު ކަވާތަކުގެ ގޮތުގައެވެ. އެންމެފަހު ހަރުފަތަކަށް ވެގެން ދިޔައީ ޓިކްޓޮކެވެ. ޓިކްޓޮކުގައި ޝަނާޔާ އަންނަނީ މަޑުމަޑުން މަގުބޫލުކަން ހޯދަމުންނެވެ. ޓިކްޓޮކް ހެދުމުގެ ތެރޭގައި އެއް ދުވަހަކު އޭނާގެ ސަމާލުކަމަށްވެސް އައީ ޝާނީގެ "އޭ ހިތާ"އެވެ. ލަވަ ވައިރަލް ވަމުން ދިޔަ އިރު މި ލަވަ ވަނީ ޝަނާޔާގެ އަލްގޮރިދަމްގެ ތެރެއިން އޭނާގެ ފީޑަށް ބުރެއް ޖަހާލާފައެވެ. "ލަވަ އަޑު އިވުމާއެކު ހަމަ ބޮލުގައި ލަވަ ތާށިވީ. ދެން ހަމަ އެ ލަވަ އަޑު އެހެނީ. އަޑު އަހައި އަހައި އަމިއްލައަށް ހަމަ ކިޔެން ފެށުނީ. އެހާ ހިސާބުން ހިތަށް އެރީ ރެކޯޑު ކޮށްލާނީއޭ،" ޝަނާޔާ ބުންޏެވެ. މިވަގުތު ޝަނާޔާގެ މި ލަވައިގެ ކަވަރަށް 10،000 އަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ. އަދި މި ލަވައަށް ދިވެހި ފޭނުންގެ ފަރާތުންވެސް އަންނަނީ ލޯބި އޮހެމުންނެވެ. އެތައް ބަޔަކަށް ޝަނާޔާގެ އަޑު އިވި އެ އަޑުގެ ޖާދޫގައި ޖެހިއްޖެއެވެ. އެތައް ބަޔަކު އަންނަނީ އޭނާގެ ޕޯސްޓުތަކުގައިވެސް އަޑު ރީތިކަމުގެ ވާހަކަ ދައްކަމުންނެވެ. މި ހުރިހާ ކަމަކާ ގުޅިގެން ޝަނާޔާ ހުރީ ވަރަށް ބޮޑަށް ޝުކުރުވެރިވެފައެވެ. އަދި އާންމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއެކު އޭނާ ވަރަށް ބޮޑަށް ސަޕްރައިޒް ވެފައި ހުރި ކަމަށްވެސް ޝަނާޔާ ބުނެއެވެ. ޝަނާޔާގެ ކަވަރު ވައިރަލް ވާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިޔެއް ނުކުރެއެވެ. ނަމަވެސް އާންމުންގެ ފަރާތުން ލިބުނު ލޯތްބާ ގުޅިގެން ޝަނާޔާ އިތުރަށް ބޭނުންވީ ދިވެހި ލަވަތައް ހޯދާށެވެ. އަދި ދިވެހި ލަވަތައް ހޯދައި އެއަށް ލޯބި ޖެހިފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ޝަނާޔާ ކިޔައިދިނެވެ. "ލަވައެއްގައި ކިޔާ އެއްވެސް އެއްޗެއް ހަމަ ނޭނގޭ. އެކަމު ދިވެހި ބަސް އަޑު އިވޭ ގޮތާ އެ ބަހުގެ ހުންނަ ރާގު ޖެހި އެއަށް ދެވި ހިފައިފި. އެހެންވެ އެކި ލަވަތައް ހޯދައި އެ ދަސްކުރަން ބޭނުންވީ،" ޝަނާޔާ ކިޔައިދިނެވެ. އެއަށްފަހު އެކި ލަވަތައް ދަސްކޮށް ޝަނާޔާ އަންނަނީ ސޯޝަލް މީޑިއާގައި މި ލަވަތައް ހިއްސާކުރަމުންނެވެ. އޭގެތެރޭގައި މިހާތަނަށް ތިނަކަށް ވުރެ ގިނަ ދިވެހި ލަވަތައް ވަނީ އޭނާ ކިޔާފައެވެ. މި ލަވަތަކާ ގުޅިގެން ޝަނާޔާ ވަނީ ދިވެހި ބަހަށް ވެސް ލޯބި ޖެހެން ފަށާފައެވެ. ޝަނަޔާ ބޭނުންވަނީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ލަވަތައް ދަސްކޮށް ދިވެހި ލަވަތައް ކިޔާށެވެ. އެއާއެކު ޝަނާޔާ ދެކޭ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ރާއްޖެ އައިސް އޭނާއަށް ސަޕޯޓުކުރި އެންމެންގެ ކުރިމަތީގައި ލަވަކިޔައި ޕަފޯމް ކުރުމެވެ. ކޮންމެވެސް ދުވަހަކުން އެ ހުވަފެން ހަގީގަތަށް ވާނެ ކަމަށް ޝަނާޔާ ދެކޭ އުއްމީދު ވަރަށް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ