އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ އެ ސިޓީގެ ގިނަ ބަޔަކު ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.
އައްޑޫ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ ހިތަދޫގައި ހުންނަ ފެނަކަ އޮފީސް ދޮރުމަތީގަ އެވެ. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުގައި ސުލްހަވެރިކަމާއެކު މަޑުކޮށްލައިގެން ތިބީ އެކިއެކި ކަންބޮޑުވުންތަކާއި ޝުއޫރުތައް ލިޔެފައި ހުރި ކަރުދާސްތައް ހިފައިގެންނެވެ.
ބައެއް ކަރުދާސްތަކުގައި ފެނަކައިގެ މެނޭޖުމެންޓުން ދޮގު ހަދާ ކަމަށް ލިޔެފައިވާއިރު، އަނެއްބައި ބޯޑުތަކުގައި ހުރީ ގޭގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހަލާކުވުން ފަދަ ކަންކަން ދިމާވާތީ އެ ކަމާ ގުޅުންހުރި ޝުއޫރުތައް ލިޔެފަ އެވެ.
އައްޑޫ ކަރަންޓުގެ މައްސަލަ މި ރޯދަ މަސް ފެށުމުގެ ކުރިން ހައްލު ކުރާނެ ކަމަށް ފެނަކައިން މީގެ ކުރިން ބުންޏެވެ.
ސްޓެލްކޯއާއެކު އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމުގެ ދަށުން އައްޑޫއަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންގޮސް އިތުރު ތިން ޖެނެރޭޓަރު މަރާމާތު ކުރަމުންދާ ކަމަށް މިދިޔަ ފެބްރުއަރީ 17، ގައި ފެނަކައިން ބުންޏެވެ. ނަމަވެސް އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ނުލިބި މި ރޯދަ މަހު ވެސް އެ ސިޓީން ދަނީ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަމުންނެވެ.
އެކަމާ ގުޅިގެން އައްޑޫ ރައްޔިތުންނާއި އެ ރައްޔިތުން ތަމްސީލު ކުރައްވާ މަޖިލިސް މެންބަރުން ވެސް ގެންދަވަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ކަންބޮޑުވުންތައް ހުއްޓައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އައްޑޫއަށް ވަޑައިގެންފަ އެވެ. އޭނާ އެ އަތޮޅަށް ވަޑައިގަތުމުން އެ ރޭ ވެސް އައްޑޫ ރައްޔިތުން އެއާޕޯޓު ސަރަހައްދުގައި މުޒާހަރާކޮށް ހިތްހަމެނުޖެހުން ފާޅުކުރި އެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު، އައްޑޫގައި 32 މެގަވޮޓްގެ ޕަވާ ޕްލާންޓެއް ބަހައްޓައި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑު ކުރުމަށް މިިދިޔަ އަހަރުގެ އޭޕްރީލް 18، ގައި ފެނަކައިން ވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަން އާ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއު ހަވާލުކުރިތާ އަހަރު ދުވަސް ވާން ކައިރިވެފައިވާއިރު، އަދިވެސް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. ނަމަވެސް އެ މަޝްރޫއުގެ އެޑްވާންސް ފައިސާ އޮތީ އެ ކުންފުންޏަށް ދީފަ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް އެ މަޝްރޫއުގައި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓުގެ ގެ ދެ ޖެން ސެޓާއި އަދި 5.8 މެގަވޮޓް ދެ ޖެން ސެޓެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާގައި އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށާއި މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20 އަދި 25 އަހަރަށް ހައްލުވެގެންދާނެ ކަމަށެވެ.
އައްޑޫ ކަރަންޓު މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ ގިނަ ބަޔަކު މުޒާހަރާއަށް ނުކުމެއްޖެ އައްޑޫ ކަރަންޓު މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ ގިނަ ބަޔަކު މުޒާހަރާއަށް ނުކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ