އަރަބި ލީގުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް މަޝްވަރާކުރަމުންދާއިރު، ސައޫދީ އަރަބިއްޔާ، ގަތަރު، މިސުރު އަދި ޖޯޑަން މިހާރު ދަނީ މައްސަލައިގައި އެއް އަޑަކުން ވާހަކަދައްކަމުން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާޒާގެ ރައްޔިތުން މިސުރާއި ޖޯޑަންއަށް ބަދަލުކޮށްގެން "އެތަން ސާފުކޮށްލުމަށް" ގޮވާލުމާ ގުޅިގެން، މި ހުށަހެޅުންތަކާ ދެކޮޅަށް އަރަބި ގައުމުތަކުގެ އެއް އަޑަކުން ވާހަކަދެއްކުމަށްޓަކައި ސިއްރު ޑިޕްލޮމަސީއެއް ފަށައިފި އެވެ.
އަރަބި ލީގުގެ ދައުރު
ކައިރޯގައި މައި އޮފީސް ހުންނަ އަރަބި ލީގުގެ ކުއްލި ބައްދަލުވުމެއް، އަދި ފަހަރެއްގައި ސަމިޓެއް ވެސް ބޭއްވުމަށް އެ ގައުމުތަކުން ދަނީ މަޝްވަރާކުރަމުންނެވެ. މިއީ ޓްރަމްޕް އޭނާގެ ހުށަހެޅުން އަނބުރާ ގެންދިއުމަށް، ނުވަތަ މި މައްސަލަ ހަނދާން ނައްތާލުމަށް އެޅޭނެ ފިޔަވަޅެއް ކަމަށް އެ ގައުމުތަކުން ދެކެ އެވެ.
ޓްރަމްޕްގެ ބަސް
ޖެނުއަރީ 20 ގައި ދެވަނަ ދައުރަކަށް ރައީސްކަމާ ހަވާލުވެވަޑައިގަތް ޓްރަމްޕް ވިދާޅުވީ، އިސްރާއީލާއެކު ސުލްހައިގެ މުއާހަދާ ހަދާފައިވާ ޖޯޑަންއާއި މިސުރުން ގާޒާގެ މީހުން އެ ގައުމުތަކުގައި ވަޒަންވެރިވުމަށް ބޭނުންވާ ކަމަށެވެ.
އިސްރާއީލާއެކު ހިނގާފައިވާ 15 މަސްދުވަހުގެ ހަނގުރާމައިގައި ގާޒާވަނީ "ވީރާނާވެފައި" ކަމަށް އޭނާ ވިދާޅުވި އެވެ. "ގަރުނުތަކެއް ވަންދެން މި ސަރަހައްދުގައި އެތައް ހަނގުރާމައެއް ހިނގާފައިވޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ. "އަޅުގަނޑަކަށް ނޭނގެ، އެކަމަކު ކޮންމެވެސް ކަމެއް ވާންޖެހޭ." ގާޒާގެ މީހުން "ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން" އަވަށްޓެރި އަރަބި ގައުމުތަކަށް ބަދަލުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރަބި ދުނިޔޭގެ ރައްދު
މި ވާހަކަތަކަށް އަރަބި ގައުމުތަކުން އިންކާރުކޮށްފައިވާއިރު، ހަމާސްއާއި ފަލަސްޠީނު އޮތޯރިޓީން ވެސް މިކަމާ ދެކޮޅު ހަދާފައިވެއެވެ. އަރަބި ލީގުން ވެސް މި ހުށަހެޅުން ބަލައިނުގަނެ އެވެ.
ހާލަތު ގޯސްވުން
2023 ގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ފެށުނު ހަނގުރާމައިގައި ގާޒާގެ ގިނަ ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. ގާޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މިހާތަނަށް 47,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެ، އޭގެ ދެގުނައަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފަ އެވެ. އެމެރިކާ، ގަތަރު އަދި މިސުރު މެދުވެރިވެގެން މި މަހު 42 ދުވަހުގެ ހަނގުރާމަ ހުއްޓުމަކަށް އައިސްފައިވެ އެވެ.
ތާރީޚީ ފަސްމަންޒަރު
ގާޒާގައާއި އަދި ބޭރުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް، ގާޒާގެ މީހުން ނެރުމުގެ އެއްވެސް މަސައްކަތަކީ 'ނަކްބާ' ނުވަތަ 'ކާރިސާ'ގެ ހަނދާން އާކޮށްދޭ ކަމެކެވެ. މިއީ 75 އަހަރު ކުރިން އިސްރާއީލް އުފެދުނުއިރު ފަލަސްތީނުގެ 700,000 މީހުން ގެދޮރު ދޫކޮށްލަން މަޖުބޫރުވި ހާދިސާ އެވެ.
ޑިޕްލޮމެޓިކް މަސައްކަތްތައް
ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކުގައި މިސުރު، ޖޯޑަން، ސައޫދީ އަރަބިއްޔާ އަދި ގަތަރު އިސް ދައުރެއް އަދާކުރަމުންދެ އެވެ.
ސައޫދީގެ މުހިންމުކަން
ސައޫދީ އަރަބިއްޔާއަށް ވޮޝިންގްޓަންގައި ބޮޑު ނުފޫޒެއް އޮތް ކަމަށް ފާހަގަކުރެވެ އެވެ. މިއީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ފެށި އެބްރަހަމް އެއްބަސްވުމުގެ ދަށުން ސައޫދީން އިސްރާއީލާއެކު ގުޅުން ގާއިމްކުރުމަށް އޭނާ ބޭނުންވާތީއެވެ.
މިސުރާއި އެމެރިކާގެ ގުޅުން
މިސުރަކީ ގާތްގަނޑަކަށް 50 އަހަރު ވަންދެން އެމެރިކާގެ ގާތް އެކުވެރިއެކެވެ. 1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން އެ ގައުމަށް ވަނީ އެތައް ބިލިއަން ޑޮލަރެއްގެ އިގްތިސާދީ އަދި އަސްކަރީ އެހީ ލިބިފަ އެވެ. އަހަރަކު 1.3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ލިބުމުން އެ ގައުމުގެ ހަތިޔާރުތައް ޒަމާނީކުރުމަށް މަގުފަހިވެފައިވެ އެވެ.
ޖޯޑަންގެ ސިޔާސަތު
ޖޯޑަންގެ ކިންގް އަބްދުﷲ ވަނީ އެ ގައުމަކީ ފަލަސްތީނުންގެ "އޮލްޓަނޭޓިވް ހޯމްލޭންޑް" އަކަށް ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެއީ އެގޮތަށް ވެއްޖެނަމަ އިސްރާއީލްގެ އޮކިއުޕޭޝަން ވަރުގަދަވެގެންދާނެތީ އެވެ.
ޖޯޑަންގެ ފޮރިން މިނިސްޓަރު އައިމަން އަލްސަފަދީ ވިދާޅުވީ، "ޓްރަމްޕް ވަނީ މި ސަރަހައްދުގައި ސުލްހަ ބޭނުންވާ ކަމަށް ސާފުކޮށް ވިދާޅުވެފައި، އަދި އެކަމުގައި އަޅުގަނޑުމެން އެމަނިކުފާނާއެކު މަސައްކަތްކުރާނަން. ޖޯޑަން މަސައްކަތްކުރަނީ އެންމެނަށް އެނގޭ އަސާސްތަކުގެ މަތިން: ފަލަސްތީނު މައްސަލައިގެ ހައްލު އޮތީ ފަލަސްތީނުގައި. ޖޯޑަނަކީ ޖޯޑަންގެ ރައްޔިތުންނަށް. ފަލަސްތީނަކީ ފަލަސްތީނުގެ ރައްޔިތުންނަށް."
އެނަލިސްޓުން ދެކޭގޮތް
ފަލަސްތީނުގެ މައްސަލަތަކުގައި ތަޖުރިބާކާރެއް ކަމަށްވާ ޖޯޑަންގެ ހާޒިމް އައްޔާދު ބުނާ ގޮތުގައި ޖޯޑަންއާއި މިސުރަކީ މެދުއިރުމަތީގެ "ޕެކްސް އެމެރިކާނާ" ގެ މައިގަނޑު ދެ ތަނބު ކަމުގައި ވީނަމަވެސް، ގާޒާގެ މައްސަލާގައި ޓްރަމްޕްގެ ވިސްނުމަށް އެ ދެ ގައުމުން ބޯލަނބާނެ ކަމަކަށް ނުފެނެ އެވެ. އެއީ މައިގަނޑު ގޮތެއްގައި އެތެރޭގެ ސިޔާސީ ޑައިނަމިކްސްގެ ސަބަބުންނެވެ.
"އެއީ ޖޯޑަންގެ ތާރީޚުގެ ދަތުރާއި، އޭގެ ޖިއޯގްރަފީއާ ޚިލާފު ކަމެއް،" އައްޔާދު ބުނެފައިވެއެވެ. ޖޯޑަން އަބަދުވެސް ފަލަސްތީނު މީހުންގެ އަސާސީ ހައްގުތައް ދިފާއުކުރުމުގެ މައްޗަށް ބިނާވެފައިވާ "ސިޔާސީ އަދި ދީނީ ތަރިކަ" އަށް އިހްތިރާމްކުރަންޖެހޭނެ ކަމަށް އޭނާ ބުނިއެވެ. އެއީ ވޮޝިންގްޓަނާ ޖެހުނު ކަމުގައި ވިޔަސް މެއެވެ. "ޖޯޑަންގެ ސްޓެބިލިޓީ ބިނާވެފައި އޮތީ މި ތަރިކައިގެ މައްޗަށް،" އޭނާ ވިދާޅުވި އެވެ.
1897: ސުވިޒަލޭންޑްގެ ބާސެލްގައި ފުރަތަމަ ޒައިއޮނިސްޓް ކޮންގްރެސް ބޭއްވުން. މިއީ ފަލަސްތީނުގައި ޔަހޫދީންގެ ވަޠަނެއް ހެދުމަށް ގޮވާލި ޒައިއޮނިސްޓް ހަރަކާތުގެ ރަސްމީ ފެށުން
1917: އިނގިރޭސިވިލާތުން ބެލްފޯރ އިއުލާން ނެރުން. މިއީ ފަލަސްތީނުގައި "ޔަހޫދީންގެ ގައުމީ ގެއެއް" ގާއިމްކުރުމަށް ތާއީދުކޮށް ނެރުނު އިއުލާނެއް
1948-1949: އިސްރާއީލް އުފެދުމާއި ފުރަތަމަ އަރަބި-އިސްރާއީލް ހަނގުރާމަ
މެއި 14، 1948: އިސްރާއީލުން މިނިވަންކަން އިޢުލާންކުރުން
މެއި 15، 1948: އަރަބި ފަސް ގައުމަކުން އަލަށް އުފެދުނު އިސްރާއީލަށް ހަމަލާދިނުމާއެކު ފުރަތަމަ އަރަބި-އިސްރާއީލް ހަނގުރާމަ ފެށުން
1949: އިސްރާއީލާއި މިސުރު، ލެބަނަން، ޖޯޑަން އަދި ސީރިއާއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތައް ސޮއިކުރެވުން
1956: ސުވެޒް ހަނގުރާމަ
އޮކްޓޯބަރު 29، 1956: މިސުރުން ސުވެޒް ކެނެލް ނޭޝަނަލައިޒްކުރުމާ ގުޅިގެން، އިސްރާއީލުން އިނގިރޭސިވިލާތް އަދި ފްރާންސާއެކު ސައިނާއި ސަރަހައްދަށް ހަމަލާދިނުން. ބައިނަލްއަގްވާމީ ޕްރެޝަރާއެކު 1957 ގައި އިސްރާއީލު އެތަނުން ފަހަތަށް ޖެހުން
1967: ހަދުވަހުގެ ހަނގުރާމަ
ޖޫން 5-10، 1967: އިސްރާއީލުން މިސުރު، ޖޯޑަން އަދި ސީރިއާއަށް ދެމުން އައި ހަމަލާތަކާ ގުޅިގެން ވެސްޓް ބޭންކް، ގާޒާ ސްޓްރިޕް، ސައިނާއި އަދި ގޯލަން ހައިޓްސް ހިފުން
1973: ޔޮމް ކިޕޫރު ހަނގުރާމަ
އޮކްޓޯބަރު 6، 1973: ޔޮމް ކިޕޫރު ދުވަހު މިސުރާއި ސީރިއާއިން އިސްރާއީލަށް ކުއްލި ހަމަލާއެއް ދިނުން. ފުރަތަމަ ފަހަތަށް ޖެހުނު ނަމަވެސް، އިސްރާއީލުން އެ ބާރުތައް ފަހަތަށް ޖައްސައި، އޭގެ ފަހުން އެއްބަސްވުންތަކަކަށް އާދެވުން
1978-1979: ކޭމްޕް ޑޭވިޑް އެއްބަސްވުމާއި މިސުރު-އިސްރާއީލް ސުލްހައިގެ މުއާހަދާ
ސެޕްޓެންބަރު 17، 1978: އެމެރިކާގެ ރައީސް ޖިމީ ކާޓަރުގެ މެދުވެރިކަމުގައި އިޖިޕްޓުގެ ރައީސް އަންވަރު ސަދާތާއި އިސްރާއީލުގެ ބޮޑުވަޒީރު މެނާހެމް ބެގިން ކޭމްޕް ޑޭވިޑް އެއްބަސްވުމުގައި ސޮއިކުރުން
މާރިޗު 26، 1979: އިސްރާއީލާއެކު ސުލްހައިގެ މުއާހަދާއެއްގައި ސޮއިކޮށް، އިސްރާއީލް ރަސްމީކޮށް ބަލައިގަތް ފުރަތަމަ އަރަބި ގައުމަކަށް މިސުރު ވުން. އޭގެ ފަހުން އިސްރާއީލުން ސައިނާއީ ހިސާބުން އަނބުރާ ފޭބުން
1987-1993: ފުރަތަމަ އިންތިފާދާ
ޑިސެންބަރު 1987: ވެސްޓް ބޭންކާއި ގާޒާ ސްޓްރިޕްގައި އިސްރާއީލުގެ އޮކިއުޕޭޝަނާ ދެކޮޅަށް ފަލަސްތީނު ރައްޔތިން މުޒާހަރާކޮށް، މަދަނީ ދެކޮޅު ހަރަކާތްތައް ފެށުން
1993-1995: އޮސްލޯ އެއްބަސްވުން
ސެޕްޓެންބަރު 13، 1993: އިސްރާއީލާއި ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އޮސްލޯ 1 އެއްބަސްވުމުގައި ސޮއިކޮށް، ފަލަސްތީނު އަމިއްލަ ވެރިކަމުގެ އޮނިގަނޑެއް އެކުލަވާލުން
ސެޕްޓެންބަރު 28، 1995: އޮސްލޯ 2 އެއްބަސްވުމުގައި ސޮއިކޮށް، ފަލަސްޠީނުގެ އަމިއްލަ ވެރިކަން ފުޅާކޮށް، އިސްރާއީލުން އިތުރަށް ފަހަތަށް ޖެހުމުގެ މަގު ތަނަވަސްކުރުން
1994: އިސްރާއީލް-ޖޯޑަން ސުލްހައިގެ މުއާހަދާ
އޮކްޓޯބަރު 26، 1994: އިސްރާއީލާއި ޖޯޑަން ސުލްޙައިގެ މުއާހަދާއެއްގައި ސޮއިކޮށް، ގުޅުންތައް އާންމުކޮށް، ސަރަހައްދީ މައްސަލަތަކަށް ހައްލު ހޯދުން
2000-2005: ދެވަނަ އިންތިފާދާ
ސެޕްޓެންބަރު 2000: ދެވަނަ ފަލަސްޠީނު އިންތިފާދާ ފެށި، ގިނަ އަދަދެއްގެ މީހުން މަރުވެ، ދެ ފަރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުން
2006: ލެބަނަން ހަނގުރާމަ
ޖުލައި-އޯގަސްޓް 2006: އިސްރާއީލާއި ލެބަނަންގެ ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމައިގައި ގިނަ އަދަދެއްގެ މީހުން މަރުވެ، އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބުން
2020: އެބްރަހަމް އެއްބަސްވުން
ސެޕްޓެންބަރު 15، 2020: އިސްރާއީލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަޙްރެއިންއާއެކު ގުޅުން ގައިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފަހުން ސޫދާނާއި މޮރޮކޯއާވެސް އެއްބަސްވުން ހެދި. މިއީ ސަރަހައްދުގެ ގުޅުންތަކަށް އައި މުހިންމު ބަދަލެއްކަމަށްވޭ
2023: އަލުން ހަނގުރާމަ ފެށުން
އޮކްޓޯބަރު 7، 2023: ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމާއެކު، އަލުން ހަނގުރާމަ ފެށި، އިސްރާއީލުން ރަސްމީކޮށް ހަނގުރާމަ އިއުލާންކުރުން. ގާޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މިހާތަނަށް 47,000 އަށްވުރެ ގިނަ މީހުން މަރުވެ، އޭގެ ދެގުނައަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި
ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށް ޓްރަމްޕްގެ ގޮވާލުމަށް އަރަބިން ދެކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ