ފުލުހުންގެ ފުލެޓުތަކުގެ އޮޑިޓް: ޕޮލްކޯއަށް 354 މިލިއަން ރުފިޔާގެ ޚިޔާނާތުގެ ތުހުމަތު

ފުލުހުންނަށް ޚާއްސަކޮށްގެން ހައުސިން ޔުނިޓުތަކެއް އަޅަން 2013 ވަނަ އަހަރު ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އާ ހާވަލުކުރުމުން އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. މަޝްރޫއު އޮޑިޓްކުރި ތާރީޚުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، އަކަފޫޓަކަށް 1،851 ރުފިޔާއެވެ. އޮޑިޓް ރިޕޯޓުގައި ބުނީ، މާލީ ވުޒާރާގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށެވެ. އެ ރޭޓުތަކަށް ބަލާނަމަ، އެ މަޝްރޫއުގެ އަގަށް ޖެހެނީ 745.3 މިލިއަން ރުފިޔާއެވެ. އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާއަށް އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. https://sun.mv/183595 އެހެންވެ، އެ މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ޚަރަދުވެފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ، އެ ޕޮލްކޯގެ ނާގާބިލުކަމާއި ކޮރަޕްޝަނަށް ޝައްކުކުރެވޭ ކަންތައްތަކެއްގެ ސަބަބުން ގެއްލުނު ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. "ގާތްގަނޑަކަށް ދެގުނަ ޚަރަދުކޮށްފައިވުމުން ދައްކައިދެނީ މި ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލުކަން ޕޮލްކޯގައި ނެތްކަމާއި، ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނެސްފައިވުމާއި، ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމެވެ،" އޮޑިޓް ރިޕޯޓުގައިވެއެވެ. https://sun.mv/190007 ފުލުހުންގެ ފުލެޓުތަކަށް މިހާތަނަށް ޚަރަދުކޮށްފައިވާ ފައިސާ: އެޗްޑީސީއަށް ބިމުގެ އަގުގެ ގޮތުގައި - 15،458،529 ރުފިޔާ އެޗްޑީސީއަށް ޖޫރިމަނާގެ ގޮތުގައި - 151،282 ރުފިޔާ ނޫމަޑިއަށް ދެއްކި ފައިސާ - 76،065،692 ރުފިޔާ އައިލެންޑް އެކްސްޕާޓަށް ދައްކާފައިވާ ފައިސާ - 432،049،000 ރުފިޔާ އައިލެންޑް އެކްސްޕާޓުގެ ސަބް ކޮންޓްރެކްޓަރުންނަށް ދެއްކި ފައިސާ - 199،427،161 ރުފިޔާ ދެ ކޯމަސްއަށް ދެއްކި ފައިސާ - 4،176،508 ރުފިޔާ ދެ ކޯމަސްގެ ސަބް ކޮންޓްރެކްޓަރުންނަށް ދެއްކި ފައިސާ - 10،049،268 ރުފިޔާ ހާއޯ ކުންފުންޏަށް ދެއްކި ފައިސާ - 10،282،364 ރުފިޔާ އަމީން ކޮންސްޓްރަކްޝަން ހައުސިން މިނިސްޓްރީން ދެއްކި ފައިސާ - 310،517،974 ރުފިޔާ ޖުމުލަ - 1،042،719،249 ރުފިޔާ [ނުދައްކާ ހުރި 18 މިލިއަން ރުފިޔާއާ އެކު 1.06 ބިލިއަން ރުފިޔާ] އޮޑިޓް ރިޕޯޓުގައި ބުނީ، އެ މަޝްރޫއު ހިންގާފައިވަނީ ކަނޑައެޅިގެން ނޫމަޑީގެ ރެޕްރެޒެންޓޭޓިވަށް ފައިދާވާ ގޮތަށް ކަމަށެވެ. އެކަމަކު، އެއީ ކާކު ކަމެއް އޮޑިޓް ރިޕޯޓުގައި ބުނެފައެއް ނުވެއެވެ. އެ މީހާއަކީ އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ނޫމަޑީގެ ރެޕްރެޒެންޓޭޓިވެވެ. އެ މީހާއަކީ މަޝްރޫއުގައި ހިމެނޭ އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރެވެ. އަދި، މި މަޝްރޫއުގައި ހިމެނޭ ދެކޯމަސްގެ މެނޭޖިން ޑިރެކްޓަރާ އެ މީހާއާ ވެސް އާއިލީ ގުޅުން އޮންނަ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެ މީހާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން 682 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ