ފާޑުކިޔުމާއެކު ވެސް ކާލާ އޮސްކާއަށް ދާނެ
މީގެ ކުރީން ކޮށްފައިވާ ޓްވީޓުތަކަކާ ގުޅިގެން ފާޑު ކިޔުން ރައްދުވެފައިވާ، ކާލާ ސޯފިއާ ގަސްކޯން، އޮސްކާ ނޯމިނޭޝަނުން އަމިއްލަ އަށް ބޭރުވުމަށްފަހު އެ ނިންމުން އަނބުރައި ގެންގޮސް ޖަލްސާއަށް ދާން ތައްޔާރުވެއްޖެއެވެ. މި އަހަރު އެންމެ ގިނަ ބަޔެއްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ އެއް ނޮމިނޭޝަން އަކީ މިއުޒިކަލް ފިލްމު "އެމިލިއާ ޕެރޭޒް"ގެ ނޮމިނޭޝަންތަކެވެ. މި ފިލްމު ވަނީ އޮސްކާ ނޮމިނޭޝަންގައި ރެކޯޑުތަކެއް ހޯދާފައެވެ. އެގޮތުން 13 ނޯމިނޭޝަނާއެކު ފިލްމު ވެފައިވަނީ މިއަހަރުގެ އެވޯޑު ހަފުލާގައި އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވާ ފިލްމަށެވެ. ނަމަވެސް ފިލްމުގެ ފެންވަރަށް ބަލައި މިއީ ހައްގު ނޮމިނޭޝަންތަކެއް ނޫން ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ނޮމިނޭޝަންގެ ތެރެއިން ކާލާ ކުޅެފައިވާ ރޯލަށް ވަނީ އެންމެ މޮޅު އެކްޓްރެސްގެ ރޯލުން ނޮމިނޭޝަން ވެސް ލިބިފައެވެ. ނަމަވެސް ދާދިފަހުން އާންމުވެފައިވާ ޓްވީޓުތަކަކާ ގުޅިގެން އޭނާ އޮސްކާ ރޭހުން ޑިސްކޮލިފައި ވެދާނެ ކަމުގެ ބިރު އޮތީ އުފެދިފައެވެ. މިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެން ފެށުމުން އެންމެ ފަހުން އޭނާވަނީ އަމިއްލައަށް ރޭހުން ބޭރުވެފައިވާ ކަމަށް ބުނެފައެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ "ވެރައިޓީ"ގެ ނޫސްވެރިޔަކު، ކާލާގެ ސޯޝަލް މީޑިއާ ބަލަމުން ދަނިކޮށް ފެނުނު ކަމަށް ބުނެފައިވަނީ މީގެ ދެ އަހަރެއް ކުރީން ކޮށްފައިވާ ޓްވީޓެކެވެ. މި ޓްވީޓުގައި އޭނާ ވަނީ މެކްސިކޯއަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށް ހަޑިހުތުރު އަދި ތެދު ނޫން ވާހަކަތަކެއް ދައްކާފައެވެ. އެއަށްފަހު އެހެން އެތައް ޓްވީޓުތަކެއް ފެނިފައިވެއެވެ. އޭގެތެރޭގައި ކަޅު ނަސްލުގެ މީހުންނަށް އަމާޒުކޮށް، ނަސްލީ ތަފާތުކުރުންތައް ހިމެނޭ ވާހަކަތަކާއި އިސްލާމް ދީނަށް ފުރައްސާރަ ކުރާ އެތައް ވާހަކަތަކެއް ހިމެނެއެވެ. އަދި އެމިލިއާ ޕެރޭޒްގައި އޭނާއާ އެކީގައި މަސައްކަތް ކޮށްފައިވާ ތަރި ސެލީނާ ގޮމޭޒް އާ ގުޅޭ ގޮތުން ވެސް ކާލާ ވަނީ ވަރަށް ހުތުރު ބަހުން ޓްވީޓުތަކެއް ކޮށްފައެވެ. ނަމަވެސް ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އެ ނިންމުން ވަނީ ބަދަލު ކޮށްފައެވެ. އަދި މިހާރު ތައްޔާރުވަމުން އަންނަނީ ޖަލްސާ އަށް ދާށެވެ. މި ޖަލްސާއަށް ދިޔުމަށް ޓަކައި އެމިލިއާ ޕެރޭޒްގެ ޕްރޮޑަކްޝަން ކުންފުނި "ނެޓްފްލިކްސް" އިން ދަތުރުގެ ހުރިހާ ހަރަދެއް ކުރާނެ ކަމަށް ވެސް ވަނީ ހާމަވެފައެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އޭނާ އަށް މި އެވޯޑު ލިބުން ވަރަށް އެކަށީގެން ނުވެއެވެ. އަދި އޮސްކާގެ އިންތިޒާމު ކޮމިޓީއިން އޭނާއަށް ސަމާލުކަން ނުދޭނެ ކަމަށް ވެސް ވަނީ ވާހަކަތަކެއް ދެކެވިފައެވެ. މި އަހަރުގެ އޮސްކާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ