ލޯބިވެވުމުން... 62

ޔަލްވީ ހުއްޓުން އެރިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. އެތައް ދުވަހަކަށްފަހު ނަފީސާ ފެނުމުން، ކަންތައް ކުރަންވީގޮތް އޭނާގެ ސިކުނޑިއަކަށް ނައެވެ. ހުދު ނަފީސާވެސް ހުރީ ޔަލްވީ ކަންތައް ކުރާނެގޮތެއް ނޭނގޭތީ ހިތް އަވަސްވެފައެވެ. ކުރިއެކޭ އެއްގޮތަށް ޔަލްވީ އޭނާ ބާކީކޮށްފިނަމަ، ނަފީސާގެ ހިތް ހަލާކުވާނެއެވެ. ޔަލްވީ ގަބުވެފައި ހުއްޓާ ރަޔާން ޔަލްވީގެ އަތުގައި ހިފާލިއެވެ. ޔަލްވީގެ އަތްތިލަ ވަނީ ފިނިވެފައެވެ. އެ އަތުގައި މަޑު ތުރުތުރުލުމެއްގެ އަސަރު ވިއެވެ. "މީ އަހަރެން ދޭން ބުނި ސަޕްރައިޒް" ރަޔާން މަޑުމަޑުން ބުނެލިއެވެ. "ދޭ އަވަހަށް މަންމަ ކައިރިއަށް.... އަހަރެން ބޭރުގަ މަޑުކޮށްލާނަން" ******** "ރެން..." ޔަލްވީ ރަޔާންގެ އަތުގައި ހިފޭއްޓިއެވެ. "ކީއްވެ ދަނީ؟" "މަންމަމެން..." ރަޔާން ހީކުރީ ރަޔާންގެ ސަބަބުން ޔަލްވީއަށް ނަފީސާމެންނާއި ވާހަކަ ދައްކަން އުނދަގޫވާނެ ކަމަށެވެ. "ރެންވެސް ތީ މިހާރު އަހަރެންގެ ލައިފްގަ މުހިއްމު މީހެއް.. އަހަރެން ރެންއަށް ސިއްރު ކުރާނެ ކަމެއް ނޯންނާނެ.. ޕްލީޒް ސްޓޭ.." ޔަލްވީ އެދުނެވެ. ރަޔާން ހިނިތުންވެލިއެވެ. ޔަލްވީގެ އެ އަމަލުން ރަޔާންގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ޔަލްވީއާއި ހިލާފަށް ނަފީސާ ބޭނުންވީ ޔަލްވީއާއިއެކު އެކަނި އިނދެ ވާހަކަ ދައްކާލާށެވެ. ރަޔާނާއި ދޭތެރޭގައި ކަންތައް ކުރެވިފައިވާގޮތުން ނަފީސާއަށް އިސްވެ ރަޔާނާއި ވާހަކަ ދައްކަން އުނދަގޫވިއެވެ. މާޒީގައި ނަފީސާއަށް ރަޔާނާއިމެދު ކަންތައް ކުރެވުނީ ގޯސްކޮށެވެ. ވިސްނުނީ ގޯސްކޮށެވެ. ހަގީގަތަކީ އެދުވަހުވެސް، މިއަދުވެސް ރަޔާނަށް ޝުކުރު ހައްގު ކަމެވެ. ކުށެއް ނުކުރާ ހާލު، ނަފީސާމެން ދިން ކޮންމެ އަދަބަކަށް ރުހިގެން ރަޔާން އެދުވަހު ހިމޭނުން ހުރީ، ދިފާއުވާން ކަމެއް ނުކުރެވޭނެތީއެއް ނޫނެވެ. ނަފީސާއާއި ނަފީސާގެ ދަރިފުޅުގެ ކަރާމާތަށް ގެއްލުމެއް ދޭން ބޭނުން ނުވާތީއެވެ. އެ ހުރިހާ ކަމާއި މިއަދު ނަފީސާ ދެރަވެއެވެ. ރަޔާނާއި ދިމާއަށް ކިޔުނު އެއްޗެހި ހަނދާންވެ، އަމިއްލަ ނަފުސަށް އަޑުލެވެއެވެ. މާފަށް އެދެން ބޭނުންވި ނަމަވެސް، ނަފީސާގެ ދުލުގައި ވަނީ ތަޅު އެޅިފައެވެ. ހިތްވަރު ނުލިބުނު ތަނުގައި ރަޔާނަށް ބަލާލައި ހިނިތުންވެލަންވެސް އޭނާއަށް ނުކެރުނެވެ. "މަންމާ! ކީއްވެ ކޮޅަށް ތިހުރީ؟ ހިނގާ އިށީންނަން" ޔަލްވީ އެދުނެވެ. ޔަލްވީ ސޯފާގޮނޑިއާއި ދިމާއަށް ހިނގައިގަތް ނަމަވެސް، ނަފީސާ ހުރީ ހިނގައިގަންނަންވެސް ނޭނގިފައެވެ. ނިމާލު ނަފީސާގެ ބުރަކަށީގައި އަތް އަޅައި މަޑުމަޑުން ކުރިއަށް ކޮށްޕައިލިއެވެ. "ނިމާލު! އެއީ ހަމަ އަހަރެމެންގެ ޔަލްވީތަ؟" ނަފީސާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. "އަހަރެންވެސް މިހުރީ ގަބޫލުނުކުރެވިފަ.. އެކަމަކު އެއީ ހަމަ އަހަރެމެންގެ ދަރިފުޅު.." ނިމާލު ހިނިތުންވެލިއެވެ. "ތީ ހަމަ ދަރިފުޅުތަ؟.." ޔަލްވީގެ ކައިރީގައި އިށީނދެފައި ނަފީސާއަށް އަހައިލެވުނެވެ. ޔަލްވީ ބޯ ޖަހައިލިއެވެ. އެވަގުތުގައިވެސް ޔަލްވީއަށް ބެލުނީ ރަޔާނަށެވެ. ޔަލްވީގެ މުޅި ދިރިއުޅުން ބަދަލުވީ ރަޔާން އޭނާގެ ހަޔާތަށް އައުމުންނެވެ. ދިރިއުޅުމެއްގެ ހަގީގީ އުފާވެރިކަން މިއަދު ޔަލްވީއަށް އިހުސާސްވެއްޖެއެވެ. "ދަރިފުޅާ... މަންމައަށް...." ނަފީސާއަށް ކެތެއް ނުކުރެވުނެވެ. ޔަލްވީގެ ގައިގައި ބައްދައިލެވުނެވެ. ޔަލްވީ ހިފަހައްޓައިގެން އިން ކަރުނަތައް ކޯތާފަތް މައްޗަށް ފައިބާކަށް ގިނައިރެއް ނުނެގިއެވެ. އެތައް ދުވަހަކަށްފަހު މަންމައާއި ބައްދަލުވުމުން، ޔަލްވީގެ ހިތަށް ލިބުނީ ބުނެދޭން ނޭނގޭ އުފާވެރިކަމެކެވެ. މިއަދު އެ މަންމައާއި ދޭތެރޭގައި ޔަލްވީގެ ހިތް ސާފެވެ. ޝަކުވާއެއް ނެތެވެ. ބަދަލުގައި ޔަލްވީ ބޭނުންވީ ނަފީސާމެންގެ މާފެވެ. ލޯތްބެވެ. އަޅާލުމާއި އޯގާތެރިކަމެވެ. މައިންބަފައިންނާއިމެދު ޔަލްވީއަށް ކަންތައް ކުރެވުނީ ގޯސްކޮށެވެ. މާދަމާ ހިތާމަކުރަންޖެހޭފަދަ ކަމެއް ދިމާވާކަށް ޔަލްވީގެ ހިތެއް ނޭދުނެވެ. ފުރުސަތު ލިބުމުން، ފުރުސަތުގެ ބޭނުންހިފަން މިއަދު ޔަލްވީއަށް ދަސްވެއްޖެއެވެ. މައިވަންތަކަމުގެ ކުލުނުން ފުރިފައިވީ އެވަގުތުކޮޅުގައި ރަޔާން އާއި ނިމާލަށްވެސް ދެމައިންނަށް ބަލަހައްޓައިގެން ތިބެވުނީ ފެންކަޅިވެފައެވެ. ނިމާލު ތެދުވެ، ލޮލުން އިޝާރާތްކޮށްލުމުން، ރަޔާންވެސް ތެދުވިއެވެ. ދެމައިންނަށް ފުރުސަތު ދީފައި، ދެމީހުން އެކުގައި ނުކުމެ، އިށީނީ ބޭރު ޖޯލީގައެވެ. "ދަރިފުޅު މާލެދާން ބޭނުމިއްޔާ، މަންމަމެންނާ އެކީ ހިނގާ..." ނަފީސާ އެދުނެވެ. "ނޫން މަންމާ!.. މިގޭގަ އަހަރެން މިއުޅެނީ ވަރަށް އުފަލުގަ" ޔަލްވީ މާލެއަށް ދިރިއުޅުން ބަދަލުކުރާ ހިޔާލު ދޫކޮށްލިތާ ދުވަސްކޮޅެއް ވެއްޖެއެވެ. "ރަޔާން ދަރިފުޅަށް ރަނގަޅުތަ؟" ނަފީސާ ބޭނުންވީ ޔަގީންކުރާށެވެ. ޔަލްވީ ބޯ ޖަހައިލިއެވެ. ހަމަ އެހާ އަވަހަށް ދެލޯ ފެންކަޅިވިއެވެ. "ރެން ކަހަލަ ރަނގަޅު ހަޒްބެންޑްއެއް ނުލިބޭނެ..." ޔަލްވީ ނޭފަތް ދަމައިލިއެވެ. "މަންމާ! އެދުވަހު ރެންއޭ ކިޔައިގެން އަހަރެން ހެދީ ދޮގު" "އޭނ؟" ނަފީސާގެ ދެލޯ ބޮޑުވިއެވެ. "އާނ މަންމާ!.. ރެން އެއްވެސް ކުށެއް ނުކުރޭ! ޔާލް ރެންގެ ބޮލުގަ އެޅުވީ ދޮގު އިލްޒާމެއް.. އެ ހުރިހާ ކަމަކަށްފަހުވެސް ރެން ރާލްއަށް ހާދަ ރަނގަޅޭ މަންމާ!..." ޔަލްވީ ހާމަކުރީ ހަގީގަތެވެ. ރަޔާންގެ ބޮލުގައި އެޅުވުނު ދޮގު އިލްޒާމުން ސަލާމަތްކުރަން ޔަލްވީ ބޭނުންވިއެވެ. "ދަރިފުޅު ކީއްވެ އެވަރުގެ ދޮގެއް ހެދީ؟" ނަފީސާގެ ސިކުނޑި ސުމަކަށް ދާވަރު ވިއެވެ. "ރެން މާފު ކުރިޔަސް، އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓައެއް ނުލެވުނު... ޔާލް ބޭނުން ރަނގަޅަށް އުޅެން... ރެން ހެޕީކޮށްދޭން" ޔަލްވީ ކަރުނަ ފޮހެލިއެވެ. "އާނ ދަރިފުޅާ!... މަންމަ މިއަދު ވަރަށް އުފާވެއްޖެ ދަރިފުޅަށް ހެޔޮ ވިސްނުން ލިބުނީތީ.. މަންމަ އެދެނީ ތި ދެކުދިން ވަރަށް ރަނގަޅަށް އުޅެން" ނަފީސާ ނަސޭހަތްތެރިވިއެވެ. ނިމާލާއި ރަޔާންގެ މެދުގައި ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދެމީހުންވެސް ތިބީ އިސްނަގަން ނުކެރިފައެވެ. "ބައްޕައަށް ނޭނގެ މިއަދު ދަރިފުޅަށް ޝުކުރު އަދާކުރާނީ ކިހިނެއް ކަމެއްވެސް.." ނިމާލު ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަރެމެންނަށް ނުވި ކަމެއް މަދު ދުވަސްކޮޅެއްގެތެރޭ ރަޔާން ކޮށްފި.. އަހަރެން ހީވެސް ނުކުރަން މިކަހަލަ ހެޔޮ ބަދަލެއް ޔަލްވީގެ ފަރާތުން ފެނިދާނެ ކަމަށްވެސް.. ކުޑަކޮށްވެސް ހިތަކަށް ނާރާ!" "ޔަލްވީ ވަރަށް ބަދަލުވެއްޖެ!.. މިހާރު އަމިއްލައަށް ކައްކާ ކަންކަން ކުރަންވެސް އެނގޭ" ރަޔާން އިނީ ޔަލްވީ އާއިމެދު ފަހުރުވެރިވެފައެވެ. ނިމާލުމެން މާލޭގައި ތިބިއިރު، އޭނާ ގަސްދުގައި އެވާހަކަތައް ހިއްސާނުކުރީ އަމިއްލަ ލޮލަށް މަންޒަރު ފެނުމުން، މާ އުފާވާނެތީއެވެ. ނިމާލަށް ދެލޯ މަރައިލެވުނީ ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އެތައް ދުވަހަކު ނިމާލު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީއެވެ. ދެލޮލަށް ގިނަވި ކަރުނަތައް ހިންދައިލުމުގައި އޭނާ ކާމިޔާބު ހޯދިއެވެ. ޔަލްވީގެ އެކި ކަންކަމުގެ ވާހަކަ ނިމާލު ސާފުކުރީ ރަޔާންގެ ކައިރިންނެވެ. ކޮންމެ ސުވާލަކަށް ރަޔާން ދޭ ޖަވާބު ފުރިހަމަކަމުން ނިމާލު އިނީ ބަސްހުއްޓިފައެވެ. ރަޔާން ދައްކަނީ ހަގީގަތުގައިވެސް ޔަލްވީގެ ވާހަކަ ބާއޭ އޭނާގެ ހިތަށް އެރިއެވެ. ވާހައިގެ ތެރެއިން ޔަލްވީގެ ކުދި ކުދި ކަންކަމަށްވެސް ރަޔާން ސަމާލުކަންދޭވަރު ނިމާލަށް އެނގުނެވެ. އެފަދަ ކަންކަމަކީ، ޔަލްވީ އޭނާގެ މައިންބަފައިން ކައިރީގައި އުޅުނުއިރު، އެމީހުންނަށްވެސް ސަމާލުކަން ދެވިފައިނުވާ ކަންކަމެވެ. ހަގީގީ ލޯތްބަކީ ކޮބައިކަން ނިމާލަށް ދަސްވީ ރަޔާން ދެއްކި ވާހަކައިންނެވެ. އެކި ވާހަކަތަކުގެ ތެރެއިން ނިމާލު ނަވީންގެ ވާހަކަ ފެށިއެވެ. ރަޔާނަށް ނޭނގުނަސް، ނަވީން ހައްޔަރުކޮށް، ހައްގު އަދަބު ދިނުމުގައި ނިމާލު އިސް ދައުރެއް އަދާކުރިއެވެ. ނަވީންމެންގެ ވާހަކަ ނިމުނީ ޝިފާންގެ ވާހަކައާއި ހަމައިންނެވެ. "ޝިފާން އައި ދޯ މިގެއަށް؟" ނިމާލު ބޭނުންވީ ޔަގީންކުރާށެވެ. ރަޔާން ބޯ ޖަހައިލިއެވެ. ނިމާލު ކުއްލިއަކަށް ޝިފާންގެ ވާހަކަ އެހުމުން ރަޔާން އިނީ ސުވާލު އުފެދިފައެވެ. ނިމާލަށް ޝިފާން އެއީ ކާކުކަން އެނގޭނެ ކަމަކަށް ރަޔާން ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. "ޝިފާންގެ ފަރާތުން އެއްވެސް ކަމެއްވެފަ އޮތިއްޔާ އެކަމަކަށް ބައްޕަ މާފަށް އެދެން" ނިމާލު މާފަށް އެދުނެވެ. "ނޫނޭ... ބައްޕަ މާފަށް އެދިލައްވަން ޖެހޭވަރުގެ ކަމެއް ނުވޭ!" ރަޔާން އަވަސް އަވަހަށް ބުނެލިއެވެ. "ޝިފާން މާލެގޮސް ބައްޕައާ ބައްދަލުކުރި.." ނިމާލު އިތުރު ތަފްސީލް ދިނެވެ. "ބައްޕައަށް އެނގޭ ޔަލްވީއާ ޝިފާންއާ ރައްޓެހިވެގެން އުޅުނުކަން.. އެކަމަކު، މާ ގިނަ ދުވަހެއްނުވޭ އެކުދިން ރުޅިވިއިރު.. ބައްޕަ ބުނަންވާ އެއްޗެއް ބުނިން... ޝިފާންގެ އެއްވެސް އުނދަގުލެއް ދެން ތިކުދިންގެ ދިރިއުޅުމަކަށް ނުޖެހޭނެ.. ބައްޕަ އުއްމީދުކުރަން އުމުރު ދުވަހުވެސް ތި ދެކުދިން ވަރަށް އުފަލުގަ އުޅޭނެކަމަށް" "އަޅުގަނޑަށް އިތުބާރުކުރައްވާ! އަޅުގަނޑު ޔަލްވީއަށް ދެރަގޮތެއް ނުހަދާނަން!" ރަޔާން ޔަގީންކަން ދިނެވެ. "ބައްޕައަށް މިހާރު ޔަގީންވޭ!" ރަޔާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ނިމާލު ބުނެލިއެވެ. "އެދުވަހުވެސް ޔަގީންވި... މިއަދު ވަރަށް އުފާވޭ އެދުވަހު އެ ނިންމުން ނިންމުނީމަ" ******** އަފްސަމް ކޮޓަރިއަށްވަދެ މަޑުމަޑުން ދޮރުލެއްޕިއެވެ. އޭރު ލިމްޔާ ހުރީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. އެމޫނުމަތިން ފެންނަމުންދިޔައީ ހާސްކަމެވެ. އަފްސަމް ފެނުމުން، ލިމްޔާގެ ހާސްކަން އިތުރުވިހެން އަފްސަމަށް ހީވިއެވެ. އަފްސަމް ކުރިއަށް ފިޔަވަޅެއް އެޅުމުން، ލިމްޔާ ފަހަތަށް ޖެހުނެވެ. "އަހަރެން ލިމް ކައިރިއަށް މިއައީ އެއްކޮށް އުޅުނު އެކުވެރިޔާއަށް އަލްވަދާއު ކިޔާފަ... އެވަރުންވެސް ދުރަށް ދަނީތަ؟" އަފްސަމް ބޭނުންވީ ލޯބިން ޝަކުވާ ކުރާށެވެ. "އަހަރެން..." ލިމްޔާ އެއްޗެއް ބުނަން އުޅުނެވެ. އަފްސަމް ގޮސް ހިފީ ލިމްޔާގެ އަތުގައެވެ. ލިމްޔާ ލަދުން ތެޅިފޮޅިގަތެވެ. "މިހާރު ތީ އަހަރެންގެ ވައިފް..." ލިމްޔާއާއި ގާތަށް ޖެހިލަމުން އަފްސަމް ބުނެލިއެވެ. ހާސްވެގެން ލިމްޔާގެ ނިތްކުރިމަތިން ދާހިއްލާލިއެވެ. ކައިވެންޏެއް ކުރިނަމަވެސް، އިތުރު ގުޅުމަކަށް ލިމްޔާ އަދި ތައްޔާރު ނުވާކަން އަފްސަމް ދެނެގަތެވެ. "ލިމް ބޭނުވާ ވަރަށް އަހަރެން ލިމްއަށް ޓައިމް ދޭނަން... އެއްވެސް މަޖުބޫރުކަމެއް ލިމްއަކަށް ނޯންނާނެ... އަހަރެން މީ އެހާ ކެތްތެރިކަން ކުޑަ އިންސާނެއްކަމަށް ހީނުކުރައްޗޭ!" އަފްސަމް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ލިމްޔާ ހިނިތުންވެލިއެވެ. އަފްސަމަކީ ލިމްޔާ ހީކުރި ވަރަށްވުރެ މާތް އިންސާނެކެވެ. ލިމްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. އަފްސަމްގެ ކޮނޑުގައި ބޯ އަޅައިލި ލިމްޔާއަށް ހިތާއިހިތުން ޝުކުރުވެރިވެވުނެވެ. "އައި ލަވް ޔޫ...." އަފްސަމް މަޑުމަޑުން ބުނެލިއެވެ. އަފްސަމް އޭނާގެ ޖީބުން ރަން އަނގޮޓިއެއް ނަގާ، ލިމްޔާގެ އިނގިލީގައި އަޅުވާލަދިނެވެ. އެއީ ކައިވެނީގެ ދުވަހަށް ހާއްސަކޮށްގެން އޭނާ ހޯދާފައިވާ އަނގޮޓިއެކެވެ. "ތޭންކް ޔޫ..." ލިމްޔާއަށް ބުނެވުނެވެ. އަފްސަމް އުއްމީދުކުރީ ލިމްޔާ އޭނާދެކެ ލޯބިވާ ވާހަކަ ބުނުމަށެވެ. އެއީ އަވަސް މުސްތަގުބަލެއްގައި ނުވާނެ ކަމެއްކަން އެނގޭ އިރުވެސް އަފްސަމްގެ ހިތް އެކަމަށް އެދެވުނެވެ. އެކަން ނުވުމުން، ހިތަށް ތަދުވިއެވެ. އެހެން އިންސާނަކުދެކެ ލޯބިވާން ވަގުތު ނަގާނެކަން އަފްސަމަށް އެނގެއެވެ. ލިމްޔާ ހާސިލުވުން އަފްސަމަށް ފުދެއެވެ. ލިމްޔާ ލޯބވާނެ ދުވަހަކަށް އަފްސަމް އިންތިޒާރު ކުރާނީ ކެތްތެރިކަމާއިއެކުގައެވެ. ލިމްޔާގެ މާޒީ ހަނދާންނެތޭ ވަރަށް ލޯބި ދިނުމަށް އަފްސަމް ހުރީ މާ ކުރިންވެސް ނިންމައިގެންނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ