ފަނޑިޔާރުން ސަސްޕެންޑު ކުރަން ބޭއްވި ބައްދަލުވުމަށް އެންމެ 13 މިނެޓުގެ ނޯޓިހެއް، އެއްވެސް ފަނޑިޔާރަކަށް ބައިވެރިނުވެވޭ ފަނޑިޔާރުން ސަސްޕެންޑު ކުރަން ބޭއްވި ބައްދަލުވުމަށް އެންމެ 13 މިނެޓުގެ ނޯޓިހެއް، އެއްވެސް ފަނޑިޔާރަކަށް ބައިވެރިނުވެވޭ

ސުޕްރީމް ކޯޓުގެ ތިންް ފަނޑިޔާރަކު ސަސްޕެންޑު ކުރަން މިއަދު ޖުޑީޝަލް ސާވިސްއިން ބޭއްވީ ކުއްލި ބައްދަލުވުމެއް ކަމަށާއި ބައްދަލުވުމުގައި ބައިވެރިވާން ދީފައި ވަނީ އެންމެ 13 މިނެޓުގެ ނޯޓިހެއްކަން މި ނޫހަށް އެނގިއްޖެ އެވެ.
ބައްދަލުވުމަށް އެހާ ކުރު ނޯޓިހެއް ދިނުމުން ކޯޓުތަކުގައި ބިޒީކޮށް މަސައްކަތް ކުރައްވާ އެއްވެސް ފަނޑިޔާރަކަށް އެ ބައްދަލުވުމަށް ހާޒިރެއް ނުވެވުނު ކަމަށް މި ނޫހާ ވާހަކަ ދެއްކެވި ޖޭއެސްސީގެ މެންބަރަކު ވިދާޅުވި އެވެ. ބައްދަލުވުން ފަސްކޮށްދޭން ބައެއް ފަނޑިޔާރުން އެދުމުން އެކަން ކުރަން ކޮމިޝަނުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ޖޭއެސްސީގެ ބައްދަލުވުން އާންމުކޮށް ބާއްވަނީ ކޮންމެ ބުދަ ދުވަހެއްގެ މެންދުރު 2:00 ޖަހާއިރެވެ. ނަމަވެސް މިއަދު ބައްދަލުވުން ބޭއްވީ 10:30 ގަ އެވެ. ބޭއްވީ ކުއްލި ޖަލްސާއެކެވެ. ކުއްލި ޖަލްސާއެއް ބާއްވަން ބޭނުންވަނީ ތިން މެންބަރެއްގެ ސޮޔެވެ.
ޖޭއެސްސީގައި ތިއްބަވާ ފަނޑިޔާރުންނަކީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ސިވިލް ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި އޮއްވައި، އެ އަޑުއެހުން ނުބޭއްވޭނެ ގޮތަށް ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.
އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ކޮން ޖިނާއީ މައްސަލަތަކެއް ކަމެއް އޭސީސީއިން ވެސް ޖޭއެސްސީއިން ވެސް ނުބުނެ އެވެ. ފުލުހުން ވެސް އެކަމަށް ކޮމެންޓެއް ނުކުރެ އެވެ.
އެ ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާ ކަމަށް ފަނޑިޔާރުންނަށް ވެސް އަންގާފައެއް ނުވެ އެވެ. އަދި ޖިނާއީ އެއްވެސް މައްސަލައެއްގައި ފަނޑިޔާރުންނާ ސުވާލު ކުރައްވާފައެއް ވެސް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިއިރު، އެ ކޯޓުގެ ދެ ފަނޑިޔާރު މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ބިލެއް ފާސްކޮށްފަ އެވެ.
ފަނޑިޔާރުން ވަކި ކުރުމުގެ ބިލު ތަސްދީގު ކުރުމުގެ ކުރިން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރަން ޖޭއެސްސީއިން ނިންމީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ކުރިން ނެތީސް، ހަމައެކަނި ބިލުގެ ބޭނުމަށް ފަނޑިޔާރެއްގެ މައްސަލަ ބަލައި ވަކި ކުރުމަކީ އިންސާފު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ރޭ ލަފާ ދެއްވި ފަހުންނެވެ.
މިއަދު ފާސް ކުރި ބިލުގައިވާ ގޮތުން، ބިލުގެ ބޭނުމަށް ވަކި ކުރާ ދެ ފަނޑިޔާރުން މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅަންޖެހެ އެވެ. އަދި ގާބިލު ނޫން ކަމަށް ކަނޑައަޅާއިރު، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮންމެހެން ދޭކަށް ނުޖެހެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ ބިލު މިއަދު ފާސްކުރިއިރު، އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ