ސައުތު ސިނަމާގެ ލެޖެންޑު ރަޖްނީކާންތުގެ ފިލްމު 'ކޫލީ'އިން އާމިރުގެ ފެނިލުމެއް

މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ސައުތު ސިނަމާގެ ވަރުގަދަ ތުރިލާ ފިލްމު "ކޫލީ"އިން ބޮލީވުޑް އެކްޓަރު އާމިރު ޚާން ފެންނާނެކަމަށް އެކްޓަރު ބުނެފިއެވެ. ސައުތު ސިނަމާގެ ލެޖެންޑު އެކްޓަރު ރަޖްނީކާންތު ލީޑްރޯލް ކުޅޭ މި ފިލްމަށް އެއްބަސްވީ ރަޖްނީކާންތަށް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް އާމިރު ވަނީ ބުނެފައެވެ. މި ފިލްމުގައި އާމިރު ފެންނަ ކެމޯ ރޯލަށް އެއްބަސްވިއިރު އެ ފިލްމުގެ ސްކްރިޕްޓް ވެސް ނުކިޔާ ކަމަށާއި ހަގީގަތުގައި ފިލްމުގެ ޕްލޮޓްވެސް އާމިރަށް ނޭނގޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ރަޖްނީކާންތާ އެކު މަސައްކަތްކޮށްލަން ލިބޭ ފުރުސަތު ދޫކޮށްލާނެ އެކްޓަރެއް ފިލްމު އިންޑަސްޓްރީގައި ނެތް ކަމަށާއި ފިލްމު "ކޫލީ"ގައި ކުރެވުނު މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އާމިރު ވަނީ ބުނެފައެވެ. ފިލްމު "ކޫލީ"ގެ ކާސްޓުން ފެންނަ ޕޯސްޓަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް ތަމަޅަ ފިލްމުތައް ގެނެސްދޭ ކުޅަދާނަ ލޮކޭޝް ކަނަގަރާޖް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މި އަހަރު ރިލީޒްކުރާ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމެކެވެ. އާމިރު ފިލްމުގައި ފެންނަނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެ ފެނިލުމަކީ ފިލްމަށް ވަރަށް މުހިއްމު ރޯލެއް ކަމަށާއި އެ ފެނިލުމަށް އެންމެ ކަމުދާ އަދި ފިޓުވާ އެކްޓަރަކީ އާމިރު ކަމަށް ފިލްމުގެ ޑައިރެކްޓަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މި ފިލްމުން ރަޖްނީކާންތާ އެކު ފެންނާނެ މުހިއްމު ތަރިންގެތެރޭ ސައުތު ސިނަމާގެ އޭ-ލިސްޓު ތަރި ނާގަރުޖުނާ، ސައުބިން ޝާހިރު، ސަތިޔަރާޖް އަދި ބަތަލާ ޝްރުތީ ހާސަން ހިމެނެއެވެ. ޖުމްލަ 350 ކްރޯޑު ރުޕީސް (42.17 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފައްދާ މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ އޮގަސްޓް މަހުގެ 14ގައި އައިމެކްސް ފޯމެޓުގައެވެ. ނަމަވެސް ފިލްމު ރިލީޒްކުރާނީ ސިނަމާތަކުގައި ކަމެއް ނުވަތަ ސްޓްރީމިންގް ޕްލެޓްފޯމެއްގައިކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ