ފެނަކަ ކޯޕަރޭޝަނުން ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާ އޮތުމާ ގުޅިގެން އެ ކުންފުނީގެ އެކައުންޓްތަކުން 6.7 މިލިއަން ރުފިޔާ ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި، މި ފައިސާ ހިފެހެއްޓުމަށް ނެރެފައިވަނީ ވަކިވަކި ދެ އަމުރެކެވެ. އޭގެ ތެރެއިން އެއް އަމުރުގައިވަނީ 5.2 މިލިއަން ރުފިޔާ ހިފެހެއްޓުމަށެވެ. އަނެއް އަމުރުގައިވަނީ 1.5 މިލިއަން ރުފިޔާ ހިފެހެއްޓުމަށެވެ. މި އަމުރުތައް ނެރެފައިވަނީ ދެ މައްސަލައެއްގައި ފައިސާ ދެއްކުމަށް ކުރެވިފައިވާ ހުކުމް ތަންފީޒުކުރުމަށް ހުށަހެޅުމާ ގުޅިގެންނެވެ.
ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، މި ދެ މައްސަލާގައިވެސް ފެނަކައިގެ މައްޗަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އަދި އެ މައްސަލަތަކުގައި ފައިސާ ދައްކަންޖެހޭ ކަމަށް ފެނަކައިން ވަނީ ކޯޓުގައި އެއްބަސްވެފައެވެ. ނަމަވެސް، ފެނަކައިން މި މައްސަލަތައް އިސްތިއުނާފްކޮށްފައެއް ނުވެއެވެ.
ފެނަކަ ކޯޕަރޭޝަނަކީ ބޮޑު ދަރަންޏެއް އޮތް ކުންފުންޏެކެވެ. ސަރުކާރުން ނިންމާފައިވާ ގޮތުގައި، އަންނަ ޖެނުއަރީ މަހުން ފެށިގެން ފެނަކަ ކުންފުނި ބަދަލުކުރެވޭނީ އެސްޓީއޯގެ ދަށަށެވެ. މިހާރުވެސް އެސްޓީއޯއަށް އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން އޮތް ކުންފުންޏަކީ ފެނަކައެވެ. ތެޔޮ ގަތުމާ ގުޅިގެން ފެނަކައިން އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ދައްކަން އޮތް ކަމަށް މަޢުލޫމާތު ލިބެއެވެ.
މިދިޔަ އޮގަސްޓް މަހު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެފައިވަނީ، އެސްޓީއޯ އާއި އެހެން ކުންފުނިތަކަށް 800 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް، އޭރުވެސް 4.1 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފެނަކަ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރުމުން، އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ކުރިން ވިދާޅުވެފައިވެއެވެ.
ފެނަކައިގެ 6.7 މިލިއަން ރުފިޔާ ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ