އީސީން ބާތިލުކުރި ވޯޓެއް ހައިކޯޓުން ސައްހަކުރުމުން، އަނެއްކާ ވެސް އިންތިޚާބީ މައްސަލައެއް ޕީއެންސީ ކޮޅަށް
އިލެކްޝަންސް ކޮމިޝަން (އީސީ)ން ބާތިލުކަމަށް ކަނޑައެޅި ވޯޓެއް ހައިކޯޓުން ސައްހަ ކަމަށް މިއަދު ހުކުމްކުރުމުން، ދ. މީދޫ ކައުންސިލް ރައީސް ހޮވަން ނެގި ވޯޓު އަލުން ލާން ޖެހިއްޖެއެވެ. އެ ރަށު ކައުންސިލްގެ މަގާމު އެއް ވޯޓުގެ ތަފާތުން ކާމިޔާބުކުރިކަމަށް އީސީން ފުރަތަމަ އިއުލާނުކުރީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމްއެވެ. އެއީ، 393 ވޯޓުންނެވެ. ދެވަނައަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެކަމަކު، ލ. ފޮނަދޫގައި ބެހެއްޓި ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލީކަން ފާހަގަވުމުން، އެމްޑީއޭއިން އެ މައްސަލަ އީސީއަށް ހުށަހެޅިއެވެ. އަދި، އިތުރު ޝާހިދަށް ލިބުނު ވޯޓުތަކުގެ ތެރޭގައި ބާތިލު ވޯޓެއް ހިމެނޭ ކަމަށް ބުނެ، ސުހާގެ ފަރާތުން ވެސް މައްސަލަ ޖެއްސިއެވެ. ޝަކުވާތައް ބެލުމަށް ފަހު، އީސީން ނިންމީ އެއް ވޯޓުގެ ތަފާތުން އިންތިޚާބު ކާމިޔާބުކުރީ އެމްޑީއޭގެ ޝާހިދު ކަމަށެވެ. އެކަމަކު، ސުހާއަށް ލިބުނު ވޯޓެއް ބާތިލުވެފައިވަނީ ކަރުދާހުގައި ފާހަގަ ޖަހާފައިވާ ދެލި ނޫން އެހެން ދެއްޔަކުން އެޅިފައިވާ ރޮނގަކުން ކަމަށް ބުނެ، އޭނާ ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. https://sun.mv/220419 އެ މައްސަލައިގައި ހައިކޯޓުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނުން ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި، އެ އިސްލާހުތަކާ އެކު އަލުން ނަތީޖާ އިއުލާނުކުރަން ވަނީ ހުކުމްކޮށްފައެވެ. ހައިކޯޓުން މި ފަދައިން ހުކުމްކުރީ އެ ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާއީލް ޝަފީއު، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، އަދި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުންނެވެ. އެހެންވެ، މިހާރު އޮތް ގޮތުން މީދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރި ސުހާއާއި ޝާހިދަށް ވެސް ލިބޭނީ 392 ވޯޓެވެ. އެއްވަރުވުމުން އެ ރަށުގެ ކައުންސިލް ރައީސް ހޮވަން ޖެހޭނީ އަލުން ވޯޓުލާށެވެ. https://sun.mv/221936 ފާހަގަކޮށްލެވޭ ގޮތުގައި، ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އިއްޔެ ހައިކޯޓުން ވަނީ ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ލީ ތިން ވޯޓެއް ބާތިލުކަމަށް ވެސް ކަނޑައަޅާފައެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންވެ، ހައިކޯޓުގެ ހުކުމާ އެކު 119 ވޯޓުން އިންތިޚާބު ކާމިޔާބުވަނީ ޕީއެންސީގެ ކެންޑީޑޭޓަށެވެ. އިންތިޚާބުތަކާ ބެހޭ ޢާއްމު ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރުހަލާގެ އިޚުތިޞާޞް ލިބިގެންވަނީ ހައިކޯޓަށެވެ. އެކަމަކު، ހައިކޯޓުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ