ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީގެ މެންބަރުން ހުށަހެޅީ މަޖިލީހުގެ މަސްލަހަތު ނަގާލުން ހިމެނޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ ކަމަށް އޭނާ ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފި އެވެ.
ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ.
"މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް މި ހުށަހަޅަނީ އެމަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަޖިލީހުގެ ނައިބުރައީސް ހިތްވަރުދީ ޒިންމާއިން ބަރީއަވެފައި ވާތީ...،" އެ ގަރާރުގައިވެ އެވެ.
ގަރާރުގައިވާ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާ ކަން "ސާފުވާން އޮތަތީ" އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި އޭނާ ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވެ އެވެ. އަދި ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި "ނައިބު ރައީސް ހުރަހަކަށް ވެފައިވާ" ކަމަށް އެ ގަރާރުގައި ބުންޏެވެ.
ނާޒިމް މަގާމުން ވަކިކުރަން ހުށަހަޅަން ނިންމީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. އަދި މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ.
ނަމަވެސް މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. އެހެންވެ، ނާޒިމް މަގާމުން ވަކިކުރެވޭނެ މިންވަރަށް ޕީއެންސީގައި މެމްބަރުން އެބަތިއްބެވި އެވެ.
މަޖިލިހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމިއިރު، އެ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ވެސް އޭނާ އިއްޔެ ހެނދުނު ވަނީ ބޭރުކޮށްލައިފަ އެވެ.
ޕީއެންސީން ނާޒިމަށް ކުރަނީ މަސްލަހަތު ގެއްލުވާލުމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ