މިނިވަން ދުވަހުގެ ހަވީރު މަގުމަތީގައި އުޅަނދު ދުއްވުން މަނާ ގަޑިތައް އާއްމުކޮށްފި

26 ޖުލައިވާ މިނިވަން ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓުގައި ޝާއިއު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ވަގުތުތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ބައެއް އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުމަކީ ”އެއްގަމު ދަތުރުފަތުރުގެ ޤާނޫނު“ 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމަށެވެ.
އެދުވަހު މަގުމަތީގައި ދުއްވޭނެ އުޅަނދުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލެންސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް، ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް އަދި މިނިވަން ދުވަހުގެ މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތަކެވެ.
މިނިސްޓްރީން އަންގާފައިވަނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ