ތިމާއާއި އަނބިދަރިން ކީރިތި ޤުރްއާނަށް ލޯބިކުރުމުގެ މަތިވެރިކަމާއިމެދު ވިސްނާ މީހުން އަންނަނީ މަދުވަމުންނެވެ. މިކަން އެނގޭ ސަބަބަކީ ދަރިން ކުޑައިރު ޤުރްއާން ކްލާސްތަކަށް ގެންގޮސް ކިޔައިދިންނަމަވެސް ބޮޑުވުމުން ކުދިން ކިޔަވާތޯ ބަލާ ބެލެނިވެރިން މަދުކަމެވެ. އެހެން ޢިލްމްތައް އުނގަންނައިދޭން ދޭ ސަމާލުކަން ޤުރްއާނަށް ނުދެވޭތީއެވެ. އެހެންވެ މިގެނެސްދެނީ ކޮންމެ ބެލެނިވެރިއަކުވެސް ވިސްނައިލުމުން ފައިދާކުރާނެ އަގުހުރި ނަޞީޙަތެކެވެ.
"ކީރިތި ޤްރުއާނަށް ލޯބިކުރުމަކީވެސް ސުވަރުގެ ލިބޭ އަމަލެކެވެ. ކީރިތި ޤްރުއާނުގައި ހިމެނޭ އެންމެ ކުރު ސޫރަތްތަކުގެ ތެރޭގައި ހިމެނޭ އިޚްލާޞް ސޫރަތަށް ލޯބި ކުރެއްވި ބޭކަލަކަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް (ﷺ) ދެއްވަވާފައި އޮތުމުން އެކަމުގެ ދަލީލަކަށް ފުދެއެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ އެ ސޫރަތް ދެކެ އެބޭކަލަކު ވެވަޑައިގެންނެވި ލޯބިފުޅުގެ ސަބަބުން އެބޭކަލަކު ސުވަރުގެ ވައްދަވާނެ ކަމަށެވެ.
އިޚްލާޞް ސޫރަތަކީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއް ބައިގެ މާނަ ހިމެނޭ ސޫރަތެކެވެ.
ޤްރުއާނަށް ލޯބިކޮށްފި މީހާ ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތަކަކުން ސުވަރުގެ ވަންނާނެ. ސުވަރުގޭގެ ހުރިހާ ދަރަޖަތަކެއްގައި އެމީހަކު ވާނެ. ދުނިޔޭގައި އެމީހާ އުފުލި ތަކްލީފްގެ ބަދަލުގައި ސުވަރުގޭގައި އެމީހާ އިންނާނީ އަރާމު ކަމުން ފުރިގެންވާ ސޯފާގަ. އަޅުގަނޑުމެންގެ އަޑު ހެޔޮ ގޮތުގައި ބޭނުންކޮށްފިނަމަ އެ ކަންކަމުގެ ނަޞީބް އަޅުގަނޑުމެންނަށް ލިބޭނެ."
ކީރިތި ޤްރުއާނަކީ އެމީހެއްގެ ދުޝްމިނެއް ކަމުގައި ދުނިޔޭގައި ހަދައިފި މީހާއަށް ޤިޔާމަތް ދުވަހު ކީރިތި ޤްރުއާނަކީ ދުޝްމިނަކު ކަމުގައި ވާނެއެވެ. އަދި އެފަދަ މީހަކަށް ﷲ ތަޢާލާގެ ޖަންނަތުން، ސުވަރުގެއިން އެއްވެސް ޖާގައެއް ނުލިބޭނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. (ދުޝްމިނަކަށް ހެދުމަކީ ހަމައެކަނި ޤުރްއާން ޤަބޫލުނުކުރުމެއް ނޫނެވެ. ލޯބިނުކުރުމާއި ނުކިޔެވުމާއި ދަސްނުކުރުމާއި ޢަމަލުނުކުރުމަކީވެސް ހަމަ ދެކޮޅުހެދުމުގެ ޢަމަލުތަކެވެ.
"ﷲ ތަޢާލާގެ ޖަންނަތުން މަޤާމެއް ބޭނުންވާނަމަ ޤްރުއާނަށް ލޯބިވާންވީ. ޤްރުއާނަކީ ހިތުގެ ރަބީޢް ކަމުގައި ހަދަންވީ. ޤްރުއާނަކީ ހިތުގެ ލޯބިކަމުގައި ހަދަންވީ. ޤްރުއާނަކީ މި ބިންމައްޗަށް ﷲ ތަޢާލާ ފޮނުއްވަވާފައިވާ އެންމެ ލޯބިވާންޖެހޭ ފޮތް."
ކީރިތި ޤްރުއާނަކީ މަޚްލޫޤެއް ނޫނެވެ. އެއީ ﷲ ތަޢާލާ ވަހީ ކުރެއްވެވި ބަސްފުޅު ތަކެވެ. "މިފަދަ ޙަފްލާއެއްގައި ތިބޭއިރު ޢަޒުމް އައުކުރަންވީ ކީރިތި ޤްރުއާނަށް ލޯބިކޮށް އެ މަތިވެރި ފޮތަށް ޢަމަލުކުރަން. މަސައްކަތްކުރަންވީ އެ ޤްރުއާނާއި އެއްގޮތަށް ހިނގޭތޯ. ކުރިއަށް ދެވޭތޯ. އެ ޤްރުއާނުން ޝިފާއެއް ލިބޭތޯ! ރަޙްމަތެއް ލިބޭތޯ! ހިތް ހަމަޖެހުމެއް ލިބޭތޯ! އަދި ހަމައެހެންމެ އަޅުގަނޑުމެން އެދޭ ހުރިހާ މުރާދެއް އެ ޤްރުއާނުން ފުރިހަމަވެގެންދޭތޯ! އަޅުގަނޑުމެންގެ ދުޢާއަކަށް ވާން ޖެހޭނީ ވެސް އަދި އުންމީދަކަށް ވާނަޖެހޭނީވެސް އެކަންކަން. އެގޮތަށް އެކަން ވެއްޖެ ނަމަ ހުރިހާ ނަޞްރާ ނަޞީބެއް އަޅުގަނޑުމެންގެ އަތުގަ ހިފާނެ. އިން ޝާ ﷲ"
ކީރިތި ޤްރުއާން ކިޔަވަންވީ އެކަމަށް ލޯބިންނެވެ. ކޮންމެހެން މުބާރާތަކުން ވަނައެއް ގެނައުމުގެ ބޭނުމުގައެއް ނޫނެވެ. އަދި ކޮންމެހެން މަތީ ޝަރަފެއްވެސް ހޯދާކަށް ނޫނެވެ. ޝަރަފު ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ވަނަ ވަނީވެސް އެކަލާނގެ ޙަޟްރަތުގައެވެ. "ކިޔަވަންވީ އިޚްލާޞްތެރި ގޮތުގަ. އިޚްލާޞްތެރި ގޮތުގަ ކިޔެވީމާ ވަނަ ލިބުމާ ޝަރަފް ލިބުމަކީ މުޅިން އެހެން ކަމެއް. ނިޔަތަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދުން ކަމުގައި ވެއްޖެ ނަމަ ހުރިހާ ކަމެއް އެ ލިބުނީ." --ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
(ތިމާއާއި ތިމާގެ ދަރިންނަކީ ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތަކުން ވަދެވޭނެ ބައަކަށްވުމަށް ކުރަން އޮތް ޢަމަލަކީ ޤުރްއާން ކިޔަވައި ޢަމަލުކުރުމެވެ. ނަމާދުކުރުމާއި ދެންހުރި އަޅުކަންވެސް ހިމެނިގެންވަނީ ޤުރްއާނަށް ޢަމަލުކުރުމުގެ ތެރެއިންނެވެ.)
ސުވަރުގޭގެ 8 ދޮރުކޮޅުން ހުރިހާ ދަރިންވެސް ގޮވައިގެން ވަދެވުން އެދިގެން ކުރަން އޮތް ޢަމަލު-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ