މެލޭޝިއާގައި ފެންބޮޑުވެ، 11،000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ
ކުއާލަލަންޕޫރު (25 ނޮވެންބަރު 2025): މެލޭޝިއާއަށް މެދުނުކެނޑި އެތައް ގަޑިއިރެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ގައުމުގެ އެތައް ސަރަހައްދެއްގައި ފެންބޮޑުވެ، އާންމުންނަށް ދިރިނޫޅެވޭވަރު ވެއްޖެއެވެ. ކާރިސާތަކާބެހޭ މެލޭޝިއާގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ ހަތް ސްޓޭޓެއްގައި ފެންބޮޑުވުމުގެ ސަބަބުން 11،000 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. މޫސުމާބެހޭ މެލޭޝިއާގެ އިދާރާ ބުނާގޮތުން އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ޕޭރާކް، ކެޑާ، ކެލަންތާން، ޕަރްލިސް، ޕިނާންގް، ތެރަންގާނޫ އަދި ސެލަންގޯ މި ސްޓޭޓްތަކަށެވެ. މި ސްޓޭޓްތަކުގެ އެތައް ސަރަހައްދެއްގައިވަނީ ދެ ފޫޓާއި ތިންފޫޓު ބަޔަށް ފެންބޮޑުވެފައެވެ. އެ އިދާރާއިން ބުނާގޮތުން މި ހަފުތާގައި ވެސް ވިއްސާރަ އަލިވާނެކަމަކަށް ނުބެލެވެއެވެ. މެލޭޝިއާގައި ފެންބޮޑުވެފައި މި ދުވަސްވަރަކީ މެލޭޝިއާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް އެންމެ ގިނައިން ވާރޭވެހެނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުން ފެށިގެން މާރިޗު މަހާ ދެމެދުގައެވެ. އެ ނޫން މަސްތަކުގައި ވާރޭވެހުން މަދެވެ. ދާދި ފަހުން ފިލިޕީންސްއަށް ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބަޔަކު މަރުވެފައިވާއިރު ވިއެޓްނާމުގެ އެތައް ސަރަހައްދެއް މިހާރު ވެސް ވަނީ ވިއްސާރައިގެ ސަބަބުން ފެނުގެ އަޑީގައެވެ. ވިއްސާރައިގެ ސަބަބުން ވިއެޓްނާމުން 98 މީހަކު މަރުވިކަމަށްވަނީ ރިޕޯޓްކޮށްފައެވެ. ތައިލެންޑްގެ ދެކުނަށް ވެސް ދަނީ ވިއްސާރަކުރަމުންނެވެ. ތައިލެންޑްގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް މެލޭޝިއާގެ ކެލަންތާނުގައި ވެސް ވަނީ ފެންބޮޑުވެ، 3،000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައެވެ. ކެލަންތާނުގައި ފެނުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ވެސް ނުރައްކާވެފައެވެ. މެލޭޝިއާގައި ފެންބޮޑުވެފައި ވިއްސާރައާއެކު ބޮޑުވެފައިވާ ފެނުގެ ސައިލްއާއެކު މެލޭޝިޔާގެ ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެންގޮސް ކިސަޑު ފޭބުމުގެ ގިނަ ހާދިސާތަކެއްވަނީ ހިނގާފައެވެ. ކާރިސާތަކާބެހޭ މެލޭޝިއާގެ އިދާރާއިން ގެންދަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ، ފެންގަނޑު ހިނދި އާންމު ހާލަތަށް އެ ސަރަހައްދުތައް ދިޔުމަށް ދެތިން ހަފުތާ ނަގާނެތީއެވެ. ވިއްސާރައާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މެލޭޝިއާ ސަރުކާރުން ގެންދަނީ ކާބޯތަކެއްޗާއި އަންނައުނު އަދި ރަޖައާއި ބޭހާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ