ވިޔަފާރިތަކަށް ފައިސާ ދައްކަން ރައީސްގެ އާ ތާރީހެއް

އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދައްކަންޖެހި ނުދައްކައި ހިފަހައްޓާފައިވާ އެތައް ބިލިއަން ރުފިޔާއެއް މި އަހަރުގެ ނިޔަލަށް ދައްކައި ހަލާސްކޮށް، އެއަށް ފަހު ކޮންމެ ބިލަކަށް އެންމެ ގިނަ ވެގެން 14 ދުވަސްތެރޭގައި ފައިސާ ދައްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރޭ މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވަނީ ވިޔަފާރިތަކަށް ފައިސާ ދީ ނިންމަން އައު ތާރީޚެއް ދެއްވާފަ އެވެ. އެގޮތުން ރައީސް ވަނީ މި އަހަރު ނިމެންވާއިރަށް އެ ފައިސާ އެއްކޮށް ދައްކައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ."ކޮންމެ ދުވަހަކު [ބިލުތަކަށް ފައިސާ ދެއްކުން] ކުރިއަށް އެބަ ގެންދަން. މި ބަލަނީ މި އަހަރު ނިމެންވާއިރަށް އެއްކޮށް ކްލިއާކޮށް ނިންމާލަން،" ރައީސް ވިދާޅުވި އެވެ.މިދިޔަ ސަރުކާރުން ވެސް އަމިއްލަ ވިޔަފާރިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދީ އޮތްއިރު، މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސް ވިދާޅުވީ، ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކައި ޚަލާސްކުރާނެ ކަމަށެވެ.އެ މުއްދަތަށް ފައިސާ ދައްކާ ނިމޭނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.އޭގެފަހުން، މިދިޔަ މަހުގެ 21ގައި ރައީސް ވިދާޅުވީ، 10 ދުވަހުގެ ތެރޭގައި، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހޭ 2.3 ބިލިއަން ރުފިޔާ ދައްކާނެ ކަމަށެވެ.އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ސޯޝަލް މީޑިއާގައި މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ