ކައުންސިލަރުންގެ އަދަދު މަދު ކުރުމާއި އަތޮޅު ކައުންސިލް އުވާލާ އިސްލާހުތަކުގެ މަސައްކަތް އަދި ނުނިމި އޮތުމުން މަޖިލީހުގެ މިހިނގާ ތިން ވަނަ ދައުރުގެ ޖަލްސާއަށް އަންނަ ހަފްތާގެ ނިޔަލަށް ދިގު ދަންމާލަން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ޖަލްސާތައް ބާއްވާނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން މި ހިނގާ ތިން ވަނަ ދައުރު ނިމެނީ މި މަހުގެ ނިޔަލަށެވެ. އަދި ދައުރު އިތުރު ކުރާ ނަމަ، މެންބަރުން އެގޮތަށް ފާސްކުރަން ޖެހެ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "މުހިންމު މަސައްކަތްތަކެއް ކުރުމަށް" މަޖިލީހުގެ ދައުރު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހައަމަށް ދިގު ދަންމާލަން ބޭނުންވާ ކަމަށެވެ.
އެހެންވެ، އަބްދުއްެރަހީމް ރިޔާސަތުން ހުށަހެޅުއްވި ގޮތަށް މިއަދުގެ ވޯޓު ގަޑީގައި އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ދައުރު ދިގު ދަންމާލަން ފާސްވީ 55 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
މުހިންމު މަސައްކަތްތަކެއް ކުރުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި ނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފައިވާއިރު، މިހާރު މަޖިލީގައި ނުނިމި އޮތް ބޮޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލަރުން އަދަދު މަދު ކުރުމަށާއި އަތޮޅު ކައުންސިލް އުވާލުމަށް ލާމަރުކަޒީ ގާނުނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތްތެވެ. އެ ބިލު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
އިއްޔެ މަޖިލީހުގެ ޖަލްސާގައި އަތޮޅު ކައުންސިލް އުވާލުމަށްޓަކައި ގާނޫނުއާސީއަށް ގެންނަން ޖެހޭ އިސްލާހު ވަނީ ފާސްކޮފަ އެވެ.
އެނގުން މުހިންމު - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިއަހަރަށް މަޖިލިސް ޗުއްޓީއަށް ގޮސް، އަންނަ އަހަރުގެ ފުރަތަމަ ޖަލްސާތައް ފެށޭނީ ފެބްރުއަރީގަ އެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މާޗު މަހު އެވެ.
ކައުންސިލަރުން މަދު ކުރާ އިސްލާހު ނިންމަން މަޖިލީހުގެ ދައުރު ދިގު ދަންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ