ޖަޕާނު ސަރުކާރުގެ ޖޭޑީއެސް ސްކޮލާޝިޕަށް ކުރިމަތިލުމަށް އިތުރުކުރި މުއްދަތު ހަމަވާން ހަތަރު ދުވަހަށް ވެއްޖެ

ޖަޕާނު ސަރުކާރުގެ ހިލޭއެހީގެ ދަށުން ދޭ، ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)އަށް ކުރިމަތިލުމަށް އިތުރުކުރި މުއްދަތު ހަމަވާން ހަތަރު ދުވަހަށް ވެއްޖެއެވެ. މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 22ގައެވެ. މީގެ ކުރިން ޖޭޑީއެސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހެއްގެ ގޮތުގައި އޮތީ މި މަހުގެ ތިން ވަނަ ދުވަހެވެ. މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގައި ކަމަށް ޖޭޑީއެސްއިން މިއަދު ބުނެފައިވެއެވެ. ސްކޮލާޝިޕް ދޭން ހަމަޖެހިފައިވާ ޕްރޮގްރާމްތައް: 1. އިންޓަނޭޝަނަލް ޔުނިވާސިޓީ އޮފް ޖަޕާން (އައިޔޫޖޭ): މާސްޓާ އޮފް އާޓްސް އިން އިކޮނޮމިކްސް ނުވަތަ މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް 2. ރިޓްސުމެއިކަން ޔުނިވާސިޓީ: މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް 3. ރިޓްސުމެއިކަން އޭޝިއާ ޕެސިފިކް ޔުނިވާސިޓީ (ރިޓްސުމެއިކަން އޭޕީޔޫ): މާސްޓާ އޮފް ސައިންސް އިން އިންޓަރނޭޝަނަލް ކޯޕަރޭޝަން ޕޮލިސީ ޖޭޑީއެސް އިން ބުނީ މި ސްކޮލާޝިޕްގައި ކޮންމެ ޔުނިވާސިޓީއަކުން ވެސް ލިބޭނީ ދެ ފުރުސަތު ކަމަށެވެ. ކިޔެވުމުގެ ހުރިހާ ހަރަދަކާއި ދަތުރުގެ ހަރަދުތަކުގެ އިތުރުން، ޖަޕާނުގައި ދިރިއުޅުމާއި އެނބުރި ރާއްޖެ އައުމުގެ ހުރިހާ ހަރަދެއް ވެސް ދޭން ނިންމާފައި ވަނީ ޖަޕާނު ސަރުކާރުން ކަމަށް ޖޭޑީއެސް އިން ބުންޏެވެ. މި ސްކޮލާޝިޕް ރާއްޖެއަށް ދިނުމުގެ ބޭނުމަކީ ސަރުކާރުގެ އިދާރީ ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެކި އިދާރާތަކުގެ މުވައްޒަފުންނަށް މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އެ މުވައްޒަފުންނަކީ ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި ފުރިހަމައަށް ބައިވެރިވާ ގައުމީ ތަރައްގީގައި އިސްދައުރެއް އަދާކުރާނެ ބަޔަކަށް ހެދުމަކީވެސް މި ސްކޮލާޝިޕްގެ ބޭނުމެކެވެ. ޖޭޑީއެސް އިން ބުނީ މި ސްކޮލާޝިޕަށް ހުށަހެޅޭނީ ދިވެހި ސަރުކާރުން ބަލައިގަންނަ ބެޗްލާސް ޑިގްރީއެއް އޮންނަ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ ދާއިމީ މުވައްޒަފުންނާއި ކޯޓުތަކާއި، ކޯޓުތަކާއި ގުޅުން ހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނަށް ކަމަށެވެ. އަދި މި ފަރާތްތަކަކީ މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފުލްޓައިމްކޮށް މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ވާން ޖެހޭ ކަމަށް ޖޭޑީއެސް އިން ބުންޏެވެ. https://sun.mv/213809 މި ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު ޖޭޑީއެސްގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ