ބޮލީވުޑްގެ ލެޖެންޑެއް ކަމަށްވާ ދަރްމެންދުރަ އަވަހާރަވީ މިދިޔަ ހޯމަދުވަހު، އޭނާގެ އުފަން ދުވަހުގެ ދުވަސްކޮޅެއް ކުރިން އަދި އޭނާގެ ކުރިއަށް އޮތް ފިލްމު 'އިކީސް' ރިލީޒް ކުރުމުގެ މަހެއްހާ ދުވަސް ކުރިންނެވެ.
ފިލްމު 'އިކީސް' އިން ދަރްމެންދުރަގެ އިތުރުން އަމީތާބް ބައްޗަންގެ ކާފަ ދަރި، ޝްވޭތާ ބައްޗަން އާއި ނިކިލް ނަންދާގެ ދަރިފުޅު އަގަސްތުޔާ ނަންދާ ވެސް ހިމެނެ އެވެ. މި ފިލްމުގައި އަގަސްތުޔާ ކުޅެނީ އިންޑިއާގެ އެންމެ ޒުވާން 'ޕަރަމް ވީރް ޗަކްރަ' ލިބުނު ސެކަންޑް ލެފްޓިނެންޓް އަރޫން ކެތުރަޕާލްގެ ރޯލެވެ. ދަރްމެންދްރަ ކުޅެނީ އުމުރުން 21 އަހަރުގެ އެ ހަނގުރާމަވެރި ބަތަލާގެ ބައްޕަ، ބްރިގޭޑިއާ ކެތުރަޕާލްގެ ރޯލެވެ.
މެޑޮކް ފިލްމްސް އިން ޕްރޮޑިއުސް ކުރި 'އިކީސް' އަކީ ހިތްވަރާއި ގުރުބާނީގެ އަގު ވަޒަންކުރާ ފިލްމެކެވެ. ހަގީގީ ވާހަކައަކަށް ބިނާކޮށްގެން އުފައްދާފައިވާ މި ފިލްމުން ދައްކައިދެނީ ބައްޕައެއްގެ ލޯތްބާއި ޒުވާން ސިފައިންގެ ގައުމިއްޔަތު ކަމެވެ. 'އިކީސް'އިން ދަރްމެންދުރަ ވަރަށް އަސަރުގަދަ އަދި ވަރުގަދަ ޕާފޯމަންސެއް ދީފައިވާ ކަމަށް ހަބަރުތަކުން ބުނެ އެވެ.
ސްރީރާމް ރާގަވަން ޑައިރެކްޓްކޮށް، އަރިޖިތު ބިސްވާސް އާއި ޕޫޖާ ލަދާ ސުރްތީ ގުޅިގެން ލިޔެފައިވާ މި ފިލްމުގައި ދައްކުވައިދެނީ 1971ގައި އިންޑިއާ-ޕާކިސްތާން ހަނގުރާމައިގައި މަރުވި އަރޫން ކެތުރަޕާލްގެ ހަޔާތާއި ހިތްވަރުގެ ވާހަކަ އެވެ. މި ފިލްމުގައި އަގަސްތުޔާ ނަންދާ އާއި ދަރްމެންދްރަގެ އިތުރުން ޖައިދީޕް އަހްލާވަތު އާއި ސިކަންދަރު ކޭރް ވެސް މުހިއްމު ރޯލުތަކެއް ކުޅެ އެވެ.
ގިނަ ބަޔަކު މިހާރު ވެސް 'އިކީސް' އާއި 1975 ވަނަ އަހަރު ރިލީޒް ކުރި 'ޝޯލޭ'އާ އަޅާބަލަން ފަށައިފި އެވެ. 'ޝޯލޭ'ގައި ދަރްމެންދުރަ އާއި އަމިތާބްގެ އޮން ސްކްރީން ގާތް ގުޅުން ފެނިގެންދެ އެވެ. ޝޯލޭގައި ބައްޗަންގެ ކެރެކްޓާ ޖައި މަރުވަނީ ބޮމެއް ގޮއްވާލައި، ގައްބަރުގެ މީހުން ބަލިކުރުމަށް އޭނާގެ އެންމެ ފަހު ބަޑި ބޭނުންކޮށްގެންނެވެ. ފިލްމު 'އިކީސް'ގައި ވެސް މިކަހަލަ ވަރުގަދަ 'އިމޯޝަނަލް' ހާދިސާއެއް ހިނގަ އެވެ. އަދި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންދާ ކުޅޭ އަރޫން ކެތުރަޕާލްގެ ރޯލުގައި އޭނާ މަރުވަނީ އެކަހަލަ އަސަރުގަދަ ގޮތަކަށެވެ. އެއީ ގައުމުގެ ހިދުމަތުގަ އެވެ.
'އިކީސް'އަކީ އަރޫން ކެތުރަޕާލްގެ ހިތްވަރުގެ ވާހަކަ ފާހަގަކުރުމުގެ އިތުރުން ދަރްމެންދުރަގެ ކުލަގަދަ އެކްޓިން ދާއިރާގެ ފަހު ސޮފުހާ ވެސް މެ އެވެ. އަދި ދަރްމެންދުރަ އަވަހާރަވުމަށް ފަހު ވެސް އޭނާ ކަހަލަގެ ފަންނުވެރި ލެޖެންޑުންގެ ނަމަކީ ހަނދާނުން ފޮހެނުލެވޭ، ޖީލުތަކަށް ދެމިގެންދާނެ 'އައިކޮން'އެއް ކަމުގެ ވަރުގަދަ މިސާލެއް ވެސް މެ އެވެ.
'އިކީސް' ރިލީޒްކުރާނީ އަންނަ މަހުގެ 25ގަ އެވެ.
'އިކީސް'އިން ދަރުމެންދުރަގެ މޮޅުކަން އަލުން ފެނުން ކައިރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ