ސައުތު އޭޝިއަން ގޭމްސް އަށް ޕާކިސްތާން ސަރުކާރުން ކޮމިޓީއެއް އެކުލަވާލައިފި ސައުތު އޭޝިއަން ގޭމްސް އަށް ޕާކިސްތާން ސަރުކާރުން ކޮމިޓީއެއް އެކުލަވާލައިފި

އަންނަ ޖެނުއަރީ މަހު ޕާކިސްތާނުގައި ބާއްވަން ތާވަލުކޮށްފައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ކަންކަން ހަމަޖައްސަން ޕާކިސްތާންގެ ސަރުކާރުން އެކުލަވާލި ކޮމިޓީ އަށް ރުހުންދޭން ޕާކިސްތާންގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފް ނިންމަވައިފި އެވެ.
އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބާއްވަން ނިންމި ސައުތު އޭޝިއަން ގޭމްސްގެ 14 ވަނަ އެޑިޝަން، އެކި ސަބަބުތަކާ ހުރެ ހަތަރު ފަހަރެއްގެ މަތިން ފަސްކުރުމަށް ފަހު، މިހާރު ނިންމާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 23 އިން 31 އަށް ޕާކިސްތާންގެ ލާހޯރު، ފައިސަލްއާބާދު އަދި އިސްލާމްއާބާދުގައި ކުރިއަށްގެންދާ ގޮތަށް ކަމަށް އިއުލާނުކުރީ، މިދިޔަ ފެބްރުއަރީ މަހުގަ އެވެ.
މި ހަފްތާގައި ޕާކިސްތާންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނުއަރީ މަހު ފަށަން ނިންމާފައިވާ ސައުތު އޭޝިއަން ގޭމްސްގެ ކަންކަން ހަމަޖައްސަން، ޕާކިސްތާން ސަރުކާރުން އެކުލަވާލި ކޮމިޓީގައި ހިމެނެނީ، ޕާކިސްތާންގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އޮލިމްޕިކް ކޮމިޓީގެ ރައީސް، ރާނާ މަޝްއޫދު އަހުމަދު ހާން އެވެ.
މި ކޮމިޓީގެ ފުރަަތަމަ ބައްދަލުވުން، އިއްޔެ، ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމަށް ވެސް ޕާކިސްތާންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. މި ކޮމިޓީގެ ބޭނުމަކީ، މި ގޭމްސް ބޭއްވުމަށް ހޭދަވާ ބަޖެޓްގެ ކަންކަން ބެލުމާއި ގޭމްސް އަށް އަންނަ ފަރާތްތަކުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގެ އިތުރުން، ގޭމްސްގެ ކުޅިވަރުތަކުގެ އިންތިޒާމްތައް ވީ އެންމެ ފުރިހަަމަ އަށް ތައްޔާރުވުމަށް ސަރުކާރުން ކުރަން ޖެހޭ ކަންކަން ހަމަޖެއްސުމެވެ.
ސައުތު އޭޝިއަން ގޭމްސްގައި، ޖުމްލަ އެކު، 27 ކުޅިވަރު ހިމަނާފައިވާ ކަމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން (ޕީއޯއޭ)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ސައުތު އޭޝިއަން ގޭމްސްގައި އިންޑިއާގެ ބޮޑު ކޮންޓިންޖެންޓެއް ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލްކޮށްގެންނެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ