ލިސާން 45
އޭރުވެސް އެ މަޚްލޫޤު ހަމަ އެ ހުރިތަނުގައި ހުއްޓެވެ. ހާމިދަށް ބަލަހައްޓައިގެންނެވެ. ހާމިދު ކުރިން ވެސް އިން ތަނުގައި އިށީނެވެ. އެއަށްފަހު އޭނަ ކިޔަވަން ފެށިއެވެ. ކުރެވޭ ފާފައިގެ ބޮޑުކަން ނޭނގޭ ޙާލު ހާމިދު މަސައްކަތްކުރީ އޭނަ ގެނައި މާރިދުގެ ރުހުން ހޯދުމަށެވެ. އެ ޖިންނީގެ ބޭނުންކޮށްގެން ރަނީމްގެ މައްޗަށް ބާރު ފޯރުވާ ޝާރިފްގެ އެދުން ފުއްދައިދިނުމަށެވެ. ފުޅީގައި ހުރި ލޭތައް އިރުއިރުކޮޅަކާ އޭނާ އަލިފާންގަނޑަށް އަޅައެވެ. އަދި އޭގެ ބައެއް ލޭ ގައިގައި އުނގުޅިއެވެ. ކުރެވެމުން ދިޔަ މުޑުދާރު އަމަލުތަކަށް ފަރުވާލެއް އޭނަގެ ނެތެވެ. އޭނައަށް ބަލަހައްޓައިގެން ހުރި މަޚްލޫޤުގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެއީ ބިރުވެރި ސިފައަކަށް ހުރި މަޚްލޫޤެކެވެ. އަތްފައި ދިގުވެފައި، މޫނުމަތިން ޖަހަނީ ނުބައި ޖަނަވާރެއްގެ ސިފައެވެ. އެ ހިސާބުގަނޑުގައި ހުރި ރުއްތަކާ އެއްވަރަށް އޭތީގެ އިސްކޮޅު ދެމިލިއެވެ. ހާމިދު ތެދުވަމުން އެ މަޙްލޫޤާ ކުރިމަތިލިއެވެ. އޭރު އޭނާގެ ކައިރީގައިވެސް އިތުރު ޖިންނީން ތިއްބެވެ. އޭނަ އެ މަޚްލޫޤާ ވާހަކަ ދައްކަން ފެށިއެވެ. ބޭނުންވާ ކަންތައް ވެސް ބުނެލިއެވެ. ޖިންނީގެ ފަރާތުން އޭނަ ބޭނުންވާ ކަންތައް ކުރުމަށާއި، ޖިންނި އޭނާގެ ބަހަށް ކިޔަމަންކުރުވުމަށްޓަކައި އޭނަ އެންމެ ފުރަތަމަ އެ ޖިންނި ރުއްސީއެވެ. ބޭނުންވާ ކަންތައް ކުރުމަށް އަމުރުކުރީ އެއަށްފަހުއެވެ. އަދި އެކަން ނުކޮށްފިނަމަ މަރާލާނެކަމަށް ބުނެ އިންޒާރު ދިނެވެ. އެ މީހުންނަށް ބަލަން ހުރެފައި އެ ޖިންނި، ގެއްލުނީއެވެ. އެއާއެކު ހާމިދު އަނެއްކާވެސް ގޮސް އަލިފާންގަނޑުގެ ކައިރީގައި ދެފައި ވަށްކޮށްލައިގެން އިށީނދެ ކިޔަވަން ފެށިއެވެ. ***** ރަނީމް އޭނާގެ އަތުގައި އޮތް އުޅާ ހަށިގަނޑާ ވަކިކޮށްލިއެވެ. އޭނަ އެ އުޅާ ނާވީ އަތަށް ދިނުމާއެކު ނާވީ އޭގައި ހިފިއެވެ. ރަނީމްގެ ހަށިގަނޑަށް ބަދަލުތައް އަންނަން ފެށުމާއެކު އޭނަ ފިނިވެއްޖެއެވެ. ނާވީއަށް ބަލައިލެވުނު އިރު މޫނުމަތީގައި ހާސްކަމެއް ވިއެވެ. ކިތަންމެ ހަމަޖެހެން މަސައްކަތްކުރިނަމަވެސް، އެކަން ކުރުމަކީ ދަތިކަމަކަށް ވަނީއެވެ. ހިންދިރުވައިލެވުމާއެކު އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނާވީ ރަނީމްއަށް ބަލައިލާފައި ބޯ ޖަހައިލީ އެއްވެސް ކަމެއް ނުވާނެޔޭ ބުނުމުގެ ގޮތުންނެވެ. އޭނަ ގޮސް ރަނީމްގެ ކައިރީގައި ހުއްޓުމަށްފަހު ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ. "ކަންބޮޑުނުވޭ. އަހަރެން މިހުރީ ރަނީމްއާއެކުގަ. އަހަރެން ހުއްޓާ ރަނީމްއަށް ގެއްލުމެއް ނުވާނެ..." އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ނާވީ ރަނީމްގެ ހިތްހަމަ ޖައްސައިލަ ދިނެވެ. "މި ބާރުތައް ބޭނުންކުރާކަށް އަހަންނަކަށް ނޭނގޭނެ." ރަނީމް ކަންބޮޑުވަނީ އެކަމާއެވެ. އޭނަ ބިރުގަނެ ހާސްވާ ގޮތްވިއެވެ. ކައިރިން އެރިނޫ އަލިކަމުން ތަން ދިއްލިގެން ދިޔައިރު ކުދި ކުދި ނޫ އަލިގުޅަތަކެއްވެސް އެތަނުގައި ހަރަކާތްތެރިވާން ފެށިއެވެ. އެއީ ނާވީގެ ފުށުން ވާކަމެއް ނޫންކަމާއި، އެކަން ގުޅުފައިވަނީ އޭނާއާކަން ރަނީމްއަށް އެނގުނެވެ. އެވަގުތު އޭނާގެ ބުރަކައްޓާ ދިމާ ދެފަރާތުން ފާޑަކަށް ފިނިވެލިއެވެ. ހީވީ އެއްޗެއް ނުކުންނަން އުޅޭ ހެންނެވެ. ރަނީމްއަށް އޭނާގެ ދެއަތް މުށްކަވާލެވުނެވެ. އޭނައަށް އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލިގެން ދާން އުޅޭހެން ހީވާން ފެށުމުން ބިރުގަންނަ ގޮތް ވިއެވެ. އެކަމާ ކުރިމަތިނުލެވޭނެކަން ހީވާން ފެށުމުން އުޅާ ދޭށޭ ބުނެ ރަނީމް ނާވީއަށް އަތް ދިއްކޮށްލިއެވެ. ނާވީ ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ. އެއީ މިއަދު ނޫނީ މާދަން ރަނީމް ކުރިމަތިލާން ޖެހޭނެ ހަޤީޤަތެއްކަން އޭނަ ބުނެދިނެވެ. އޭނަގެ ހުރިހާ ބާރުތައް ހޭލަމުން ދިޔަ އިޙްސާސް ރަނީމްއަށް ދިޔައީ ކުރެވެމުންނެވެ. އެ ބާރުތައް އަމިއްލަ މީހާގެ ކޮންޓްރޯލުގެ ދަށަށް ގެންނާނެ ގޮތްތައް ބުނެދެމުން ނާވީ ދިޔައެވެ. ނާވީ ކައިރީގައި ހުރުމަކީ މިވަގުތު ރަނީމްއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އޭނަގެ ބުރަކައްޓާ ދިމާލުން އެރި ގަދަ އައްޔާއެކު އެއްޗެއް ހުޅުވިގެން ދިޔަކަން ރަނީމްއަށް ވެސް އެނގުނެވެ. އެވަގުތު އޭނައަށް ވީ އިޙްސާސުން، ލޯ މަރާ ތަގުޅިކޮށްލެވުނެވެ. އެހެން ނަމަވެސް، އޭރުވެސް އެތަނުގައިވި އަލިކަން އޭނައަށް، އިޙްސާސްވެއެވެ. ކުރިމަތީން ފެންނަމުން ދިޔަ މަންޒަރު ބަލަހައްޓައިގެން ނާވީއަށް ހުރެވުނީއެވެ. އޭނައަށް ބަލައިލެވުނީ ރަނީމްގެ ވަރައަށެވެ. ބިއްލޫރިކޮޅެއްހެން ހީވާ ވަރައިގެ އެކި ދިމަދިމާލުގައި ހުރި ކުދިކުދި ނޫކުލައިގެ އަލިކޮޅުތައް ހީވަނީ ޖަވާހިރުތަކެއް ހެންނެވެ. އޭގެ ވިދުމާއި ރީތިކަމުން އޭނަ އޯޝޯހުކުރުވިއެވެ. އެފަދަ ވަރައެއް އޭނަ އަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. މަޑުމަޑުން އަތް އުފުއްލާފައި ރަނީމްގެ ވަރައިގައި އޭނައަށް އަތް ޖައްސައިލެވުނެވެ. ރަނީމް ލޯ ހުޅުވައިލުމާއެކު، ނާވީއަށް ރަނީމްއަށް ބަލައިލެވުނެވެ. އޭރު ރަނީމް ކަޅު ކުލައިގެ ކަޅީގެ ކުލަވެސް ވަނީ ނޫކުލައަކަށް ބަދަލުވެފައެވެ. "ރަނީމް..." ނާވީއަށް ރަނީމްއަށް ގޮވައިލެވުނުއިރު، ރަނީމް ހުރީ ހުއްޓުން އަރާފައެވެ. ދެން ކަންތައްކުރަންވީ ކިހިނެއްކަން އޭނައަށް ނޭނގޭ ކަހަލައެވެ. ހަމަހޭވެރިކަން ވުމާއެކު އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. އެއާއެކު މަޑުމަޑުން އަލިކަން ކެނޑެމުން ގޮސް ވަރަވެސް އެކީ ފަނޑުވެ ގެއްލިއްޖެއެވެ. ރަނީމްގެ ލޯވެސް އިހު ހުރިގޮތަށް ކަޅުކުލައަށް ބަދަލުވެއްޖެއެވެ. "ނާވީ... " ރަނީމް ނާވީއަށް ގޮވައިލިއިރު، ނާވީ ހުރީ ރަނީމްއަށް ބަލަހައްޓައިގެން ހިނިތުންވެލައިގެންނެވެ. އޭނަ ރަނީމްގެ އަތުގައި ހިފައްޓާފައި ގެނެސް ގަޔާ ކައިރިކޮށްލިއެވެ. ދުރުދުރަށް ދާންދެން ފެތުރިފައިވާ ދޮންވެލި ތުނޑިމަތިން ދިރޭ ފުރާނައެއްގެ ހިލަމެއް ނުވާއިރު، މުޅި އެ މާހައުލުވެސް ހީވީ އެ ދެ ލޯބިވެރިންނަށްޓަކައި މަރްޙަބާ ކިޔާހެންނެވެ. ***** ރޭގަނޑުގެ ހިމޭން ވަގުތުގައި ގަނޑުވަރުގެ ހާމަ ފެންޑާގައި ޝައިސްތާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާގެ ވިސްނުން ގުޅެމުން ދިޔައީ ރަނީމްގެ އަތުގައި އަޅާފައި އޮތް އުޅާއާއެވެ. އެ އުޅާއިން އާދަޔާ ޚިލާފުކަމެއް އޭނާއަށް ފާހަގަވިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ އުޅާގެ ބާރުގަދަކަން އޭނައަށް ވަޒަންކޮށްލެވުނީތީއެވެ. އެއީ އެމީހުން ނަސްލުގެ ބައެއް ޖިންނީންނަށް ލިބިފައިވާ ބާރެކެވެ. އެ އުޅާގެ ބޭނުންވެސް އޭނައަށް އެނގުނެވެ. ނަމީރުމެން ޝަހަރަށް އައުމުގެ ކުރިން އޭނަ އެކަހަލަ އުޅާއެއް ދެކުނެވެ. އެއީ އެފްރިކާގެ ބައްރަކަށް ކުރި ދަތުރެއްގައެވެ. އެފަދަ އުޅާއެއްގެ ބޭނުން އޭނައަށް އެނގޭ ސަބަބަކީވެސް އެއީއެވެ. ރަނީމްއަކީ އިންސާނެއް ނޫންކަން އޭނައަށް ގާތްގަނޑަކަށް ޔަޤީން ކުރެވެއެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ނަމީރު އައިސް އޭނާގެ ފަހަތުގައި ހުއްޓިއްޖެއެވެ. ޝައިސްތާ ފުންނޭވާއެއް ދޫކޮށްލަމުން އެނބުރިލިއެވެ. "މިގަޑީގައި މިތަނުގައި ކީއްކުރަނީ؟" ނަމީރު ސުވާލުކޮށްލިއެވެ. "ކަމެއް ނުވޭ..." ޝައިސްތާ ޖަވާބު ދިނެވެ. "އަހަންނަށް އެނގޭ ކަމެއް ވެއްޖެކަން. އެ އިންސިއާ ބައްދަލުކޮށްފައި އައިސްސުރެ ޝައިސްތާ ތިޔަ ހުންނަނީ ހާސްކަމެއްގެތެރޭގައި، ކަންބޮޑުވެފަ... ވެގެން އުޅޭ ގޮތެއް އަހަންނާ ހިއްސާކޮށްލަބަލަ..." ނަމީރު އެދުނެވެ. އެވާހަކަތައް ނަމީރާ ހިއްސާ ކުރާނީ ކިހިނެއްކަން ނޭނގޭ ޙާލު ޝައިސްތާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. "ކިހިނެއްވީ؟ އަހަންނާ ހިއްސާކުރަން ބޭނުންނުވަނީތަ؟" ނަމީރު ސުވާލުކޮށްލުމާއެކު، ޝައިސްތާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. ހަޤީޤަތުގައި އޭނަ ކިތަންމެހާވެސް ބޮޑަށް ނަމީރާ އެ ވާހަކަތައް ހިއްސާކުރަން ބޭނުންވެއެވެ. ރަނީމްގެ ހަޤީޤަތް ކިޔައިދޭން ބޭނުންވެއެވެ. އެހެންނަމަވެސް، އެ ވާހަކަތައް ފަށާނީ ކިހިނެއްކަން ނޭނގި ހުރެވެނީއެވެ. ރަނީމްއަކީ ކޮންމެ ނަސްލެއްގެ މީހެއްނަމަވެސް، ހުރިހާ ގޮތަކުންވެސް އޭނައަށް އޮތީ ނުރައްކާއެވެ. އެއީ އެމީހުންގެ ތެރެއިން މީހެއްނަމަ އަނިޔާވެރިވާކަށް އިންޖާބު ފަހެއް ނުޖެހޭނެއެވެ. އަދި އެއީ އިންސާނެއް ނަމަވެސް، އެމީހުންގެ ފަރާތުން ކުރިމަތިވާ ނުރައްކަލެއް ކުޑައެއް ނުވާނެއެވެ. "ބުނެބަލަ." ޝައިސްތާގެ އަތުގައި ހިފައްޓައިލަމުން ނަމީރު އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. "މިކަންތައް އިތުރު މީހެއްގެ ކައިރީގައި ނުބުނާނެކަމަށް ނަމީރު ވަޢުދުވޭ..." ޝައިސްތާ ބުނެލިއެވެ. ނަމީރު އެއްބަސްވިއެވެ. "ނަމީރު... ރައާބިލްގެ ދަރިފުޅު... ރަނީމް... ރަނީމްއަކީ އިންސާނެއް ނޫން!"ޝައިސްތާ ހާމަކޮށްލިއެވެ. "ކީކޭ؟ އިންސާނެއް ނޫނޭ... ނޫން ޝައިސްތާ... ތީ ކުށް ހީއެއް. އެއީ ސަމްރާފަދަ ފުރިހަމަ އިންސާނެއް. އޭނަ ވިހެއި ރޭ އަހަރެން އެކަން ޔަޤީންކުރިން. އަހަރެން އެކަންޏެއް ނޫން... ބައްޕަވެސް... އޭނަގެ ގައިގައި އެއްވެސް ބާރެއް ނެތް." މީގެ ފަންސަވީސް އަހަރުގެ ހަނދާން އާކުރަމުން، ނަމީރު ވާހަކަ ދެއްކިއެވެ. އެކަން ޔަޤީންކުރީ އޭނަ އަމިއްލައަށެވެ. އޭނަގެ އިތުރުން ބައްޕަވެސް އެކަންތައް ޔަޤީން ކުރިއެވެ. އެމީހުން ދެމީހުންނަށް އެއްފަހަރާ އެފަދަ ބޮޑު ކުށްހީއެއް ކުރެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. އެއީ ވާނެކަމެއް ނޫނެވެ. "ޔަޤީންކުރޭ ނަމީރު... އަހަރެން..." ޝައިސްތާ ވާހަކަ ދައްކަން އުޅުނު ނަމަވެސް ނަމީރު އެކަމަށް ހުރަސް އެޅިއެވެ. "ތީ ކުށްހީއެއް. އަހަރެން އޭނައަށް ގެއްލުން ދިން ރޭވެސް އެފަދަ ކަމެއް ފާހަގައެއް ނުވޭ. ކީއްވެ ޝައިސްތާ ތިހެން ތި ބުނަނީ؟" ނަމީރަށް ސުވާލުކޮށްލެވުނެވެ. "އެއީ ކީއްވެގެންކަން އަހަންނަށް އެނގެޔޭ. އޭނަގެ ބާރުތައް އަހަރެމެންނަށް ނޭނގެނީ ކީއްވެގެންކަންވެސް އެނގޭ. އަދި އެކަން އަހަރެމެންނަށް ފާހަގަނުވަނީ ކީއްވެގެންކަންވެސް..." ޝައިސްތާ ބުނެލިއެވެ. "ކީކޭތަ ތިކިޔަނީ؟ ސާފުކޮށް އަހަންނަށް ކިޔައިދީ...ޝައިސްތާއަށް އެނގެނީ ކޮންކަމެއްތަ؟" ނަމީރު ދެބުމަ ގާތްކޮށްލިއެވެ. އޭނައަށް ޝައިސްތާއާ ގާތަށް ޖެހިލެވުނެވެ. ސުވާލުގެ ނަޒަރަކުން އޭނައަށް ޝައިސްތާއަށް ބަލައިލެވުނެވެ. "އެރޭ އަހަރެން ނާވީއަށް ފާރަލައިގެން ގޮސް ރަނީމްއާ ބައްދަލުކުރި އިރު އަހަރެން އޭނަގެ އަތުން އާދަޔާ ޚިލާފު އުޅާއެއް ދުށިން. އެފަދަ އުޅާއެއް އަހަންނަށް މީގެ ކުރިންވެސް ފެނިފައިވޭ. އޭނައަށް އިންސާނެއް އުޅޭހެން އުޅެވެނީ އޭގެ ސަބަބުން... އަހަންނަކަށް ހިޔެއްނުވޭ އޭނައަށްވެސް ޚުދު އޭނައަކީ ކާކުކަން އަދި ކޮންކަހަލަ މީހެއްކަން އެނގޭހެނެއް..." ޝައިސްތާ ހާމަކޮށްލިއެވެ. ނަމީރަށް ހައިރާންކަމެއް ލިބުނެވެ. ޝައިސްތާ ކިޔައިދިން ވާހަކަތަކަށްފަހު، ސިކުނޑި މަސައްކަތްކުރަން ފެށީ ވެސް އިރުކޮޅެއް ފަހުންނެވެ. "އެހެންވީމަ... އެއީ ރައާބިލް، އޭނަގެ ދަރިފުޅު ސަލާމަތްކުރަންވެގެން ކުރިކަމެއް. އޭނައަށް އެނގޭ އެއީ އަހަރެމެން ފަދަ ކުއްޖަކަށްވީތީ އެ ކުއްޖާގެ ފުރާނައަށް ނުރައްކާވާނެކަން. ޚާއްސަކޮށް އަހަރެންގެ ބައްޕަގެ ފަރާތުން...." އެހެން ބުނެފައި ނަމީރު މަޑުޖެހިލިއެވެ. އެއަށްފަހު އަނެއްކާވެސް ޝައިސްތާއަށް ބަލައިލަމުން ވާހަކަ ދެއްކުނެވެ. "ޖުންދީ... އަހަންނަށް އެނގޭ އޭނަ ޖުންދީގެ ފަރާތުން ކުރިންވެސް އެހީ ހޯދިކަން. އެހެންވީމަ އެންމެ ފުރަތަމަ އޭނަ އެކުރި ކަމަކީ އެއީތާ! އެ އުޅާ ޖުންދީ ލައްވާ ތައްޔާރުކުރުން. އެއަށްފަހު ސަމްރާމެން ދެމައިން އަހަރެމެންގެ ކިބައިން އެކީ ރައްކާތެރިނުކުރެވި އުޅެނިކޮށް ބައްޕައަށް އެހުރިހާކަމެއް ފަޅާއެރީ. އޭނަ ހައްޔަރު ކުރެވުނު އިރު އޭނައަށް ކުރެވުނު ހާވެސް ކަމަކީ އެ ބާރުތައް އަހަރެމެންނަށް ނޭނގޭ ގޮތް ހެދުން. ތިޔަ ބުނިހެން އެ އުޅާގެ އެހީގައި...." މާޒީގެ ހަނދާންތައް އާވަމުން ދިޔަ ވަރަކަށް ނަމީރަށް ހުރިހާކަމެއްވެސް އޮޅުން ފިލަމުން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލެވުމާއެކު އޭނައަށް ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. "ނާވީ އަދިވެސް ގަނޑުވަރަކަށް ނާދެ..." ނަމީރަށް ބަލަން ހުރެފައި، ޝައިސްތާ ބުނެލިއެވެ. ނާވީ އެގޮތަށް އުޅެނިކޮށް ކަންތައްތައް އިންޖާބަށް ފަޅާ އަރާފާނެތީ އޭނަ ޖެހިލުންވާތީ އެ ވާހަކައިގެ ތެރެއިން އެހެން ބުނެވުނީއެވެ. "އަހަރެން އޭނައަށް ވިސްނައިދީދީ ވަރުބަލިވެއްޖެ... ބައްޕައަށް ރައާބިލް މިނިވަންކުރީ، ނާވީކަން އެނގިއްޖެނަމަ ދެން ވާނެ ގޮތެއް އަހަންނަށް އަންދާޒާވެސް ނުކޮށްލެވޭ..." ނަމީރަށް އެހެން ބުނެވުމާއެކު އޭނައަށް ދެލޯ މަރައިލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނަގެ ކަންފަތުގައި ޖެހުނީ، އިންޖާބުގެ ބާރު ހަޅޭކުގެ އަޑެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ