ސްކްރީން ނެތް އޭއައި ޑިވައިސްއެއް 2027 ގައި ނެރެނީ
އޯޕަންއޭއައިގެ ސީއީއޯ ސެމް އަލްޓްމަން އާއި އެޕަލްގެ ކުރީގެ މަޝްހޫރު ޑިޒައިނަރު ޖޯނީ އައިވް ގުޅިގެން އުފައްދާ ޚާއްސަ އޭއައި ހާޑްވެއާ ޑިވައިސް، 2027 ވަނަ އަހަރު ބާޒާރަށް ނެރުމަށް އަމާޒު ހިފައިފިއެވެ. މިއީ ސްމާޓްފޯނުތަކާ ޚިލާފަށް "ސްކްރީން ނެތް" އަދި ޖީބަށް ލެވޭ ސައިޒުގެ ޑިވައިސްއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ހާމަކޮށްފައިވަނީ އެމާސަން ކަލެކްޓިވްގެ 9 ވަނަ އަހަރީ ޑިމޯ ޑޭގައި، ލޯރީން ޕަވަލް ޖޮބްސްއާ އެކު ދެއްވި އިންޓަވިއުއެއްގައި އަލްޓްމަން އާއި އައިވްއެވެ. އެބޭފުޅުން ވަނީ މި ޑިވައިސްގެ ޕްރޮޓޯޓައިޕެއް މިހާރު ވެސް ތައްޔާރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. މިއީ އޯޕަންއޭއައި އިން އައިވްގެ ޑިޒައިން ކުންފުނި 'އައިއޯ' ގަތުމަށްފަހު ފެށިގެން އައި މުހިންމު މަޝްރޫޢެކެވެ. https://sun.mv/214299 މި ޑިވައިސް ފަރުމާކުރުމުގެ މައިގަނޑު ފަލްސަފާއަކީ ޓެކްނޮލޮޖީގެ ސަބަބުން އުފެދޭ ހަލަބޮލިކަން ކުޑަކޮށް، ބޭނުންކުރާ ފަރާތަށް ހަމަޖެހުން ގެނެސްދިނުމެވެ. މިހާރުގެ ސްމާޓް ޑިވައިސްތަކުން ލިބޭ ތަޖުރިބާ ސިފަކުރައްވަމުން އަލްޓްމަން ވިދާޅުވީ، އެއީ "ނިއުޔޯކްގެ ޓައިމްސް ސްކުއަރ ތެރެއިން ހިނގާފައި ދިއުން" ފަދަ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި، އަލްޓްމަންގެ އުންމީދަކީ މި އައު ޑިވައިސް މެދުވެރިކޮށް، "ކަނޑުގެ އައްސޭރިއެއްގައި ނުވަތަ ފަރުބަދައެއްގެ މަތީގައި ހުންނަ ހިތްގައިމު ކޮޓަރިއެއްގައި އިނދެގެން ލިބޭ ފަދަ ހަމަޖެހުން" ޔޫޒަރުންނަށް ގެނެސްދިނުމެވެ. ޑިޒައިންގެ ރޮނގުން ފާހަގަކޮށްލެވޭ ޖޯނީ އައިވް ވިދާޅުވީ، އޭނާ އެންމެ ގަޔާވަނީ ސާދާކަމުގެ އިންތިހާއަށް ގޮސްފައިވާ ޑިޒައިންތަކަށް ކަމަށެވެ. މި ޑިވައިސްގެ އެންމެ މުހިންމު ޤާބިލިއްޔަތަކަށް ވާނީ މައުލޫމާތުތައް ފިލްޓާކޮށް، ޔޫޒަރުގެ ދިރިއުޅުމުގެ ހާލަތު ނުވަތަ "ކޮންޓެކްސްޓް" ދެނެގަތުމެވެ. މީގެ ސަބަބުން ބޭނުންވާ ވަގުތު އެންމެ އެކަށީގެންވާ މައުލޫމާތު، އުނދަގޫ ނުވާނެހެން ފޯރުކޮށްދެވޭނެއެވެ. މި ޑިވައިސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، 2027 ވަނަ އަހަރުއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ސްކްރީންތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ