މެސީ އަށް ބާސެލޯނާ އަށް އެނބުރި ނާދެވުނީ ބާސެލޯނާއާ ހެދި: ރިޕޯޓް މެސީ އަށް ބާސެލޯނާ އަށް އެނބުރި ނާދެވުނީ ބާސެލޯނާއާ ހެދި: ރިޕޯޓް

މެޑްރިޑް (ނޮވެމްބަރު 26) - ޕީއެސްޖީ އަށް ދެ ސީޒަނުގައި ކުޅުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގައި، ލިއޮނަލް މެސީ، އެނބުރި ކުރީގެ ކްލަބް، ބާސެލޯނާ އަށް ދިއުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ ސްޕެނިޝް ލަލިގާއާ ހެދި ކަމަށް ސްޕެއިނުގެ ނޫހަކުން ރިޕޯޓްކޮށްފި އެވެ.
ކެރިއަރުގެ ބޮޑުބައި ބާސެލޯނާގައި ހޭދަކުރި މެސީ، އެ ކްލަބް ދޫކޮށް، 2021 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ، އޭރު ބާސެލޯނާގެ މާލީ ހާލަތު އޮތްގޮތުންނެވެ. ދެ އަހަރު ޕީއެސްޖީ އަށް ކުޅުނު މެސީ، ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބް ދޫކޮށްލައި، 2023 ވަނަ އަހަރު އެމެރިކާ ލީގުގެ ކްލަބް، އިންޓަ މިއާމީ އަށް ބަދަލުވުމުގެ ކުރިން ބާސެލޯނާއާ ވާހަކަތަކެއް ދެއްކި ކަމަށާއި އެ ޓީމަށް އެނބުރި ދިއުމާ ގާތަށް ވެސް ދިޔަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސްޕޯޓް އިން ރިޕޯޓްކުރާ ގޮތުގައި، 2023 ވަނަ އަހަރު ބާސެލޯނާ އިން ވަނީ މެސީ އަލުން އެ ކްލަބަށް ގެންނަން އެގްރީމަންޓް ޑްރާފްޓް ވެސް ކޮށްފަ އެވެ. އަދި، ގިނަ މަސައްތަކެއްގެ މަތިން، މެސީގެ ބައްޕަ ޖޯޖް މެސީ އާއި ބާސެލޯނާގެ އޭރުގެ ކޯޗު ޒަވީ ހެނާންޑޭޒް އަދި ބާސެލޯނާގެ ޑިރެކްޓާ އޮފް ފުޓްބޯލް މަތެއު އަލެމާނީ މެދުގައި މަޝްވަރާތަކެއް ވެސް ދިޔަ ކަމަށެވެ.
އެކަމަކު، އެ އަހަރުގެ އޭޕްރީލް މަހު، މެސީގެ ބައްޕަ ޖޯޖް އަށް، ބާސެލޯނާ އިން އެންގީ، ލަލީގާގެ ހުއްދަ ނުލިބޭތީ މެސީ އަނބުރާ ގެނެވޭނެ ގޮތެއް ނެތް ކަމަށެވެ. ނަތީޖާ އަކަށްވީ މެސީ، ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް، އެމެރިކާ ލީގަށް ބަދަލުވުމެވެ.
އަލުން ބާސެލޯނާ އަށް ކުޅުމުގެ ޝައުގުވެރިކަމާ ގުޅޭގޮތުން، މެސީ ވަނީ އެކި އިންޓަވިއުތަކުގައިި ވާހަކަ ދައްކައިފަ އެވެ. އެކަމަކު، އެއްވެސް ފަހަރެއްގައި ސީދާ ޖަވާބެއް ނުދެ އެވެ.
ޖެނުއަރީ ޓްރާންސްފާގައި ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަ މިއާމީގެ ކެޕްޓަން، މެސީ، އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރި ބާސެލޯނާ އަށް އަލުން ގެނައުމުގެ ފުރުސަތެއް ނެތް ކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
މެސީ، 38، ވަނީ މި ފަހަރުގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ރެގިއުލާ ސީޒަނުގައި 45 ގޯލުގައި ހިއްސާ އަދާކޮށްފަ އެވެ. އެއާ އެކު، މުސާރަ ބޮޑުކޮށް، ފިޔަފާރީގެ ވެސް ފުރުސަތު ލިބޭ ގޮތަށް މެސީ ވަނީ އިންޓަ މިއާމީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ސީޒަން ނިމެންދެން އާ ކޮށްފަ އެވެ. ޖެނުއަރީން ފެށިގެން ހަތަރު މަސް ދުވަހަށް ސީޒަން ނިމިގެން އެމެރިކާގެ ފުޓްބޯޅަ ބްރޭކަށްދާއިރު، މެސީ ގެންނަން ތުރުކީގެ ގަލަތަސަރާއި އިން ދިން އޮފާ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ