މޭލޭޝިއާގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރަނީ

ކުޑަކުދިންގެ ސަލާމަތާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވަނުން ހަނިކުރުމުގެ ގޮތުން މެލޭޝިއާގެ 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑއާ ބޭނުންކުރުން އަންނަ އަހަރުން ފެށިގެން މަނާކުރަން ނިންމައިފިއެވެ. ކޮމިއުނިކޭޝަން މިނިސްޓަރު ފަހުމީ ފަޟީލް ވިދާޅުވީ އޮސްޓްރޭލިއާ އާއި އެހެން ގައުމުތަކުގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އުމުރު ކަނޑައެޅުމަށް ބޭނުންކުރާ މެކޭނިޒަމްތައް ސަރުކާރުން މުރާޖައާ ކުރަމުން އަންނަ ކަމަށެވެ. އަދި ސައިބާ ބުލީ ކުރުމާއި މާލީ ސްކޭމްތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ އޮންލައިންކޮށް ކުރާ ނޭދެވޭ އެފަދަ އަމަލުތަކުން ލިބޭ ގެއްލުންތަކުން ޒުވާނުން ރައްކާތެރި ކުރުމަށް އެކަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އުންމީދު ކުރަނީ އަންނަ އަހަރުގެ ނިޔަލަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ސަރުކާރުން ނިންމި ނިންމުމަށް އަމަލުކުރާނެ ކަމަށް," ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޟީލް ވިދާޅުވިއެވެ. ގޭމްބްލިން އާއި ނަސްލާއި ދީނާއި ޝާހީ ކަންކަމާ ގުޅޭ ޕޯސްޓްތައް ހިމެނޭ ގޮތަށް ގެއްލުން ހުރި ކޮންޓެންޓް އިތުރުވަމުންދާ ދިއުމާ ގުޅިގެން މެލޭޝިއާ އިން ވަނީ ފާއިތުވި އަހަރުތަކުގައި ސޯޝަލް މީޑިއާ ކުންފުނިތައް ވަރަށް ބޮޑަށް ސުޕަވައިޒްކުރަން ފަށާފައެވެ. ކުޑަކުދިންގެ ސިއްޙަތާއި ރައްކާތެރިކަމަށް ސޯޝަލް މީޑިއާއިން ކުރާ އަސަރުތައް ދުނިޔޭގެ ކަންބޮޑުވުމަކަށް ވެފައިވާއިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭ ނަފްސާނީ ގެއްލުން ލިބުމުގައި ޓިކްޓޮކް، ސްނެޕްޗެޓް، ގޫގުލް ފޭސްބުކާއި ވަޓްސްއެޕް އަދި އިންސްޓަގްރަމްގެ ބެލެނިވެރި ކުންފުނި މެޓާއިން އަދާކުރާ ދައުރާ ގުޅިގެން އެ ޕްލެޓްފޯމުތަކާ ދެކޮޅަށް އެމެރިކާގައި ވަނީ ދައުވާ އުފުލާފައެވެ. އަންނަ މަހުގެ 10 އިން ފެށިގެން ފޭސްބުކާއި އިންސްޓަގްރާމާއި ޓިކްޓޮކާއި ސްނެޕްޗެޓާއި ޔޫޓިއުބްގެ އިތުރުން ތުރެޑް އަދި ރެޑިޑް ވެސް އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިންނަށް މަނާވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ