ކޮންމެ ބައެއްގެ ތެރޭގައިވެސް ތަފާތު މީހުން ތިބޭނެއެވެ. ތަފާތުވާ އެންމެ ސަބަބެއްކަމުގައި ބެލެވެނީ ކުޑައިރު ލިބޭ ތަރުބިއްޔަތެވެ. އަންހެނުންނަކީ ޢާންމުގޮތެއްގައި ލަދުރަކި ބައެކެވެ. އަދި މައިން އަންހެން ދަރިން ތަރުބިއްޔަތުކުރަނީވެސް އެގޮތުގައި ހިފެހެއްޓުމަށެވެ. އެއީ އަންހެންކުދިންގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު އަޚްލާޤީ ސިފައަކަށްވާތީއެވެ.
އެހެންވެ ގިނަ އަންހެނުންނަކީ ޢާންމުގޮތެއްގައި ކަމަކަށް ބޭނުންވެގެން މަންމަ ނޫން މީހެއްގެ ގާތުގައި ބުނަން ލަދުގަންނަ ބައެކެވެ. އެކަން އެގޮތަށް މެދުވެރިވަނީ ކުރިން މިބުނި ގޮތަށް އަންހެން ދަރިން ތަރުބިއްޔަތުކުރާތީއެވެ.
މީސްމީހުންގެ ގާތުގައި ކަންކަމު ކިޔުމަކީ އެކުދިންނަށް ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަކަށްވުމުން މައިންބަފައިންނަށް އެއީ ކުރަންވެސް ޖެހޭ ކަމެކެވެ. ގިނަ މައިން އަންހެން ތަރުބިއްޔަތުކުރާއިރު ބައްޕަގެ ގާތުގައިވެސް ކަންކަމު ނުކިޔަން ބުނާނެއެވެ. އެއީ ތަފާތު ސަބަބަކާއިހުރެއެވެ. އެއީ ބައްޕައާއި ދުރުކުރުވާކަށް ނޫނެވެ. ބައްޕަ ގާތުގައި ކިޔަންޖެހޭނީ ބޮޑެތި ކަންކަމުގައިކަން ވިސްނައިދީ އެކަމަށް އާދަކުރުވުމުގެ ގޮތުންނެވެ.
އެކަން އެގޮތަށް އޮންނާތީ ކައިވެންޏަށްފަހުގައިވެސް ގިނަ އަނބިން މަޖުބޫރުވެގެން ނޫނީ ފިރިމީހާ ގާތުގައި ކަންކަމު ކިޔަން ލަދުގަންނާނެއެވެ. ޚާއްޞަކޮށް ގިނައިން ނުވަތަ އެއްކަމަކަށް ގިނަ ފަހަރު ބުނަން ބޭނުމެއް ނުވާނެއެވެ.
މިއީ ފިރިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އަނބިމީހާ ކަމަކު ބުނެފިނަމަ ވީހައި އަވަހަކަށް ކޮށްދޭންވާނެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ކޮންމެ ކަމަކު ފިރިމީހާގެ ގާތުގައި ބުނަން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމެވެ. އެގޮތުން ކޮންމެވެސް މިންވަރެއްގެ ފައިސާކޮޅެއް ކޮންމެ މަހަކުވެސް އަނބިންގެ އަމިއްލަ ޚަރަދުތަކަށް ޙަވާލުކުރުން ރަނގަޅެވެ. ސަބަބަކީ ހެޔޮލަފާ އަނބިންގެ އަތަށް ގޭގެ ޚަރަދަށް ދޭ ފައިސާއިންވެސް އެމީހުންގެ އަމިއްލަ ޚަރަދުތައް ނުކުރާނެތީއެވެ.
މީގެ އިތުރުން ފާހަގަކޮށްލަން ބޭނުންވާ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ އަނބިން ނުބުނި ނަމަވެސް އެމީހުންގެ ބޭނުންތައް ދެނެގަނެ ކުރިއާލައި (ނުއެދެނީސް) އެކަމެއް ކޮށްދިނުމެވެ. އެކަން އެހައި މުހިންމު ކަމަށްވަނީ އެގޮތަށް ކަންކަން ކޮށްދޭނަމަ އެކަމުން އެ އަންގައިދެނީ ފިރިމީހާ އަނބިމީހާއަށް ވަރަށް ބޮޑަށް ސަމާލުކަންދޭކަން ކަމުގައިވާތީއެވެ. އެހެންކަމުން އެއީ އަނބިމީހާގެ ހިތުގައި ފިރިމީހާއަށް ލޯބިއިތުރުވެ ޤަދަރު އުފުލިގެންދާނެ ކަމެކެވެ.
މިގޮތަށްވެސް ވިސްނައިލާށެވެ! އަނބިމީހާ އެދުމުންވެސް ބޭނުން ފުއްދައިދޭންޖެހޭނެއިރު އެކަމުން ލޯބިއިތުރުވާނެ ގޮތަށް ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ ޚަރަދުކުރަންޖެހޭނީ ހަމަ އެއްވަރަކަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަަކފުޅަކުން
އަނބިން އެދޭ ކަންކަމުގެ ތެރެއިން ކޮށްދެވެން ހުންނަކަންކަމަށް ސަލާންޖަހަން ނުޖެއްސުވުމާ ބުނުމުގެ ކުރިން ކަންކަން ދެނެގަނެ ކޮށްދިނުމަކީ އަނބިންގެ ލޯތްބާ ސަމާލުކަން އިތުރުވާނެކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ