ކޮޅުވެއްޓި ދުއްވީ ލައިސަންސް ނެތް މީހެއް، ބަންޑުން ޖަހައިލީ ބެލެންސް ކަޓައިގެން: އެމްޕީއެލް

މާލޭގައި ހުންނަ އެމްޕީއެލްގެ މައި ބަނދަރާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާއާ ގުޅިގެން ބެލި ބެލުމުން، އެ ކޮޅުވެއްޓި ދުއްވަން ހުރި މީހާއަކީ އެ ކަމުގެ އެއްވެސް ލައިސަންސެއް އޮތް މީހެއްނޫން ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ. އެމްޕީއެލްގެ ދެ މުވައްޒަފަކު ނިޔާވި މި ހާދިސާގެ ތަހުގީގެއް ހިންގުމަށްފަހު ނެރުނު ބަޔާނެއްގައި އެ ކުންފުނިން މިއަދު ބުނީ، ދެ ހައިމާކު ބަރުކޮށް ދުއްވި ކޮޅުވެއްޓީގެ ކައްޕިއަކީ އެ ކަމަށް އިރުޝާދު ދިނުމުގެ ގާބިލުކަމެއް ނެތް މީހެއް ކަމަށެވެ. އަދި ކޮޅުވެއްޓި ފަދަ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޭނާގެ އަތުގައި ނެތް ކަމަށް ތަހުގީގުގެ ފުރަތަމަ ހޯދުންތަކުން ފާހަގަވި ކަމަށް އެ ކުންފުނިން ބުންޏެވެ. ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންކަން ގަވައިދަށް ފެތުނު ނަމަވެސް، މުދާ ބަރުކުރާ ޑެކުގައި ލަކުޑި އަޅާފައި ނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން އެފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު ކަހާލުމުގެ ފުރުސަތު އޮތް ކަމާއި، އެއީ ކޮޅުވެއްޓީގެ ބެލެންސް ކަޓާނެ ކަމެއްކަން ފާހަގަވި ކަމަށްވެސް، އެމްޕީއެލްގެ ބަޔާނުގައިވެއެވެ. އޭގެ އިތުރުން، ކޮޅުވެއްޓި ދުއްވަން އިން ކައްޕިގެ އިރުޝާދާ އެއްގޮތަށް ދެ ހައިމާކު ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު މަސައްކަތް ނިންމާލައި މަސައްކަތަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގި ނަމަވެސް މަސައްކަތް ނިންމާލި ފަހުން ކައްޕިގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ކޮޅުވެއްޓީގެ ކުރީކޮޅުގައި ހުރި ހައިމާކު ފަހަތަށް ޖެއްސިކަން ފާހަގަވި ކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައި ބުންޏެވެ. އެހެންވެ، ކޮޅުވެއްޓީގެ ބެލެންސް ކަޓައި ބަންޑުން ޖަހާލަން މެދުވެރިވީ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް އެމްޕީއެލުން ބުނީ ކޮޅުވެއްޓިއަށް ދެ ހައިމާކު ބޭލުމުގެ އޮޕަރޭޝަންތައް ފުރިހަމަކޮށް ނިންމާފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. މިފަދަ އޮޕަރޭޝަންތަކުގައި މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުފަހަރުގެ ކައްޕިއާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކްކުރުން ފަދަ ކަންކަމަށް އަމަލުކުރަމުން ގޮސްފައިވާ ނުވާ ކަމަށް އެމްޕީއެލުން ބުންޏެވެ. ނަމަވެސް މި ހާދިސާއަށް ފަހު އެ އުސޫލު މުރާޖައާކޮށް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. https://sun.mv/213445 މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަސަރުކޮށްފައިވާ މުވައްޒަފުންނަށާއި އެ މުވައްޒަފުންގެ އާއިލާތަކަށް އެހީތެރިކަން ދެމުން އަންނަ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ. މިދިޔަ އާދީއްތަ ދުވަހު ބަންޑުން ޖަހައިލި ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި ހަ މީހަކަށް ފަރުވާދިން އިރު، އޭގެ ތެރެއިން ނިޔާވި ދެ މީހުންނަކީ އެމްޕީއެލްގެ މުވައްޒަފުން ކަމަށްވާ އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުالله އާއި ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ މަސޫދު ހޮސައިނެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހުގެ މެދުތެރޭގައި ވެސް މޫސުން ގޯސްވެ، ކޮޅުވެއްޓިއެއް ބަންޑުން ޖަލައިލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ