އެދެނީ ކޮންޓްރޯލް ބިލް ތަސްދީގު ނުކުރަން: އެމްޖޭއޭ

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވިޔަސް އެ ބިލަށް އަމަލުނުކުރާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފި އެވެ.މި ބިލު ފާސްކުރުމާ ގުޅިގެން އެމްޖޭއޭ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އަހުމަދު ނާއިފް ވިދާޅުވީ އެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވިޔަސް އެ ބިލަށް އަމަލުނުކުރާނެ ކަމަށާއި އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސް މުއިއްޒަށް ގޮވާލާ ކަމަށެވެ.އެމްޖޭއޭގެ ރައީސް އަހްމަދު ނާއިފް ވިދާޅުވީ، މީޑިއާ ބިލާ ގުޅޭ ގޮތުން އެމްޖޭއޭ އިން "ހިފަހައްޓާ ސްޓޭންޑް" އަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެ ޖަމިއްޔާގެ ގޮވައިލުމަކީ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލިހަށް ފޮނުވައިލެއްވުން ކަމަށެވެ.ނާއިފް ވިދާޅުވީ، ބިލް ތަސްދީގު ކުރައްވައިފި ނަމަ އެ ގާނޫނަށް "ގޮންޖަހާނަން" ކަމަށާއި އޭގެ ބޭރުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.އޭގެ ތެރޭގައި އިހުތިޖާޖުތަކާއި މަދަނީ ބަސްނޭހުމާއި ރައްޔިތުން ހޭލުންތެރި ކުރުވުން ފަދަ ކަންކަން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.ނާއިފް ވިދާޅުވި ގޮތުގައި، އިސްލާހުތަކާ އެކު ބިލް ފާސްކުރި ނަމަވެސް ނޫސްވެރިން އަމިއްލަ އަށް ރެގިއުލޭޓް ކުރެވޭ ގޮތަށް މިހާރު އޮތް ނިޒާމު މީޑިއާ ބިލްގެ ސަބަބުން އެއްކޮށް ނެތިދާނެ އެވެ. ދެން އުފެދޭނީ ސަރުކާރުގެ ނުފޫޒު އޮންނަ އާ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.އެމްޖޭއޭ އިން ބުނީ، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު، ބިލް ފާސްކުރި ނަމަވެސް އަދިވެސް ކަންކަން އިސްލާހު ނުވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމިޝަނަށް އައްޔަންކުރާ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ރައްޔިތުންގެ މަޖިލިހުން އައްޔަންކުރާ ގޮތަށް ފަހުން ގެނައި އިސްލާހާއި މަޖިލިހުން ބޭނުންވެއްޖެ ނަމަ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ އިސްލާހު ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލިހަށް ލިބޭ ގޮތަށް އިސްލާހު ހުށަހަޅައި އެ ގޮތަށް ފާސްކުރުން ވެސް އެއީ ކަންބޮޑުވުމެއް ކަމަށް އެމްޖޭއޭ އިން ފާހަގަކުރި އެވެ.އެމްޖޭއޭއިން ވަނީ އިއްޔެގެ ސުލްހަވެރި އިހުތިޖާޖުގައި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށް، ގިނަ ބަޔަކަށް އަނިޔާވެފައިވާތީ އެކަން ކުށްވެރިކޮށްފައެވެ.ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕު ހިމެނޭ ގޮތަށް އަންނަނީ މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.ސަރުކާރުގެ މެންބަރުން އަންނަނީ، މީޑިއާ ބިލް ފާސްކޮށްފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިސްލާހުތައް ގެނައުމަށް ފަހު ކަމަށް ބުނަމުންނެވެ.އެހެންނަމަވެސް، ބިލުގައި ކަންބޮޑުވާން ޖެހޭ އިތުރު ކަންތައްތައް ހުރި ކަމަށް ބުނެ ނޫސްވެރިން ވަނީ ބިލް ތަސްދީގު ނުކުރަން ގޮވާލައި ސިލްސިލާ ހަރަކާތްތައް ބާއްވާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ