ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި މީހުންނަށް ދިރިއުޅެވޭ ގޮތަށް ސަސްޓެއިނެބަލް ޓައުންޝިޕް ނުވަތަ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ދެމެހެއްޓެނިވި ގޮތުގައި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ރަށެއް ނުވަތަ ގަމުތެރެ ތަރައްގީ ކުރުމަށް ކަނޑައެޅޭނެ ހަމަތައް ބަޔާންކޮށް އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި އެވެ.
އެސްއީޒެޑް ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ސުޖާއު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ 41 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓުދެއްވި އެވެ.
ސުޖާއު އިސްލާހު ހުށަހަޅުއްވި އިސްލާހުގައި ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީ ކުރުމުގެ ޝަރުތުތަކާއި އެފަދަ ޒޯނެއް ނުވަތަ ސަރަހައްދެއް ތަރައްގީ ކުރާ ފަރާތަކަށް ލިބޭނެ އިނާޔަތްތައް ބަޔާން ކޮށްފައިވެ އެވެ.
އެގޮތުން އެސްއީޒެޑްތަކުގައި ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީ ކުރުމުގެ ހުއްދަ ދެވޭނީ ޒޯންގައި ކުރާ އިންވެސްޓްމެންޓް 500،000،000 އެމެރިކާ ޑޮލަރަށްވުރެ އިތުރުވާ ނަމަ އެވެ. އަދި އެ ހުއްދަ ދޫކުރާނީ އެ ޒޯނެއްގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރާ ނަމަ އެވެ. އޭގެއިތުރުން ވެސް ބައެއް ޝަރުތުތައް އެ ބިލުގައި ހިމަނާފައިވެ އެވެ.
ސަސްޓެއިނެބަލް ޓައުންޝިޕެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް ތަރައްގީ ކުރާ ފަރާތަތްކަށް ލިބޭނެ އިނާޔަތްތައް ވެސް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.
އެގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކުން ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޭއިރު، އެ ކޮޓަރިއެއް ނުވަތަ ވިލާއެއްގެ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީން ޕްރޮޕާޓީ ޓްރާސްފާ ޓެކްސްގެ ގޮތުގައި ފުރަތަމަ ފަހަރު ދައުލަތަށް ދައްކަންޖެހޭނީ އެ އާމްދަނީގެ އެއް ޕަސެންޓެވެ. ދެވަނަ ފަހަރު ދެ ޕަސެންޓު އަދި ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކުން ލިބޭ އަމްދަނީ ހަތަރު ޕަސެންޓު ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެ އެވެ.
އޭގެއިތުރުން އެފަދަ ސަރަހައްދެއްގައި ހިންގާ ވިޔަފާރިއެއްގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައި ވަނީ ފުރަތަމަ 10 އަހަރަށް ފަސް ޕަސެންޓުގެ ރޭޓުންނެވެ. 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރާ ހަމައަށް 10 ޕަސެންޓުގެ ރޭޓުން ޓެކްސް ދައްކަންޖެހޭއިރު، 21 ވަނަ އަހަރުން ފެށިގެން 15 ޕަސެންޓު ދައްކަންޖެހޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.
އެސްއީޒެޑްތަކުގައި ޓައުންޝިޕް ތަރައްގީ ކުރެވޭ އިސްލާހު މަޖިލީހަށް ބަލައިގެންފި އެސްއީޒެޑްތަކުގައި ޓައުންޝިޕް ތަރައްގީ ކުރެވޭ އިސްލާހު މަޖިލީހަށް ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ