ނެޓްފްލިކްސްއިން 'ސްކުއިޑް ގޭމް' ހެދި ސްޓޫޑިއޯ ބަންދުކޮށްފި
ނެޓްފްލިކްސްއިން 'ސްކުއިޑް ގޭމް' ގެ ގޭމް ހެދި ސްޓޫޑިއޯ ބަންދުކޮށްފިއެވެ. ސްޓްރީމިންގެ މަޝްހޫރު ޕްލެޓްފޯމް، ނެޓްފްލިކްސްއިން، އެ ކުންފުނީގެ މަޝްހޫރު ޝޯ 'ސްކުއިޑް ގޭމް' އަށް ބިނާކޮށް ހަދާފައިވާ މޮބައިލް ގޭމް "ސްކުއިޑް ގޭމް: އަންލީޝްޑް" ޑިވެލޮޕްކުރި ގޭމް ސްޓޫޑިއޯ، ބޮސް ފައިޓް އެންޓަޓެއިންމަންޓް ބަންދުކޮށްފައި މިވަނީ ނެޓްފްލިކްސްގެ ވީޑިއޯ ގޭމްގެ ސްޓްރެޓެޖީއަށް ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. މި ޚަބަރު ކަށަވަރުކޮށްދެއްވާފައިވަނީ ބޮސް ފައިޓް އެންޓަޓެއިންމަންޓްގެ ކޯ-ފައުންޑާ އަދި ކުރީގެ ސީއީއޯ، ޑޭވިޑް ރިޕީ، ބުރާސްފަތި ދުވަހު ލިންކްޑިންގައި ކުރެއްވި ޕޯސްޓެއްގައެވެ. "މިއީ ހަމަ ޔަގީނުން ވެސް ހިތާމަވެރި ޚަބަރެއް، ނަމަވެސް ނެޓްފްލިކްސްގައި އަޅުގަނޑުމެންނަށް ލިބުނު ވަގުތަށް ޓަކައި އަޅުގަނޑު ވަރަށް ޝުކުރުވެރިވަން،" ރިޕީ ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، އެ ސްޓޫޑިއޯގެ ގޭމް ޑިވެލޮޕްމަންޓްގެ ޑައިރެކްޓަރު، ޑޭވިޑް ލޫމަން ވެސް ވަނީ މިކަމާ ގުޅިގެން ޕޯސްޓެއް ކުރައްވާފައެވެ. "ބޮސް ފައިޓްގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު، އަދި ފަހު އަހަރުތަކުގައި ނެޓްފްލިކްސްގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު، މި ސްޓޫޑިއޯ ބަންދުކުރަން ޖެހިއްޖެ،" އޭނާ ލިޔުއްވާފައިވެއެވެ. ނެޓްފްލިކްސްއިން އެ ކުންފުނީގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ވީޑިއޯ ގޭމްގެ ދާއިރާއަށް ވަދެ، ބޮސް ފައިޓް އެންޓަޓެއިންމަންޓް ގަނެފައިވަނީ 2022 ވަނަ އަހަރުއެވެ. ސްޓޫޑިއޯ ބަންދުކުރި ނަމަވެސް، ބޮސް ފައިޓް އިން އުފައްދާފައިވާ ދެ ގޭމް ކަމަށްވާ "ނެޓްފްލިކްސް ސްޓޯރީޒް" އަދި "ސްކުއިޑް ގޭމް: އަންލީޝްޑް" ނެޓްފްލިކްސްގެ ޕްލެޓްފޯމުން ލިބެން ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ބަދަލުތަކާ އެކު ނެޓްފްލިކްސްއިން މިހާރު ސަމާލުކަން ދެމުންދަނީ ޕާޓީ، ނެރޭޓިވް، ކުޑަކުދިންނަށް ޚާއްސަ އަދި މެއިންސްޓްރީމް ގޭމްތަކަށެވެ. މީގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ނެޓްފްލިކްސްގެ ކޯ-ސީއީއޯ ގްރެގް ޕީޓާސް މި ހަފްތާގެ ކުރީކޮޅު ބޭއްވި ބައްދަލުވުމެއްގައި "ސްކުއިޑް ގޭމް: އަންލީޝްޑް" އަކީ އެ ކުންފުނިން އަމިއްލަ ޝޯތަކަށް ބިނާކޮށް އުފައްދަން ބޭނުންވާ ފަދަ ނެރޭޓިވް ގޭމްތަކުގެ ރަނގަޅު މިސާލެއް ކަމަށް ފާހަގަކުރައްވާފައި ވަނިކޮށް، މި ސްޓޫޑިއޯ ބަންދުކުރުމެވެ. ނެޓްފްލިކްސްއިން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ