އައިޝަތު އަލީއަށް ކުރާ ތުހުމަތު އޭސީސީއަށް ވެސް ސާފުވާހެން ހިއެއްނުވޭ: ވަކީލު

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރާ ތުހުމަތުތައް އެ ކޮމިޝަނަށް ވެސް ސާފުވާހެން ހީނުވާ ކަމަށް އައިޝަތު އަލީގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު މައުރޫފް މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން މައްސަލައިގައި ކުރީގެ ތިން މިނިސްޓަރަކު ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. މީގެ ކުރިން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހާޒިރުކުރިއިރު މިއަދު ވަނީ އައިޝަތު އަލީ ވެސް އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭސީސީން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަކީލު މައުރޫފް ވިދާޅުވީ، ޚުދު އޭސީސީގެ ބޭފުޅުންނަށް ވެސް މި މައްސަލައިގައި އައިޝަތު އަލީއަށް ކުރެވޭ ތުހުމަތު ސާފުވާހެން ހީނުވާ ކަމަށެވެ. ތުހުމަތު ސާފުކޮށްދޭން ވަރަށް ގިނަ ވަގުތު ހޭދަވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ދެ ކަމެއް އަޅުގަނޑުމެން ފާހަގަކުރިން. އެއް ކަމަކަށް އެ ތުހުމަތުގައި އޮތީ ނުހައްގު ބަދަލެއް ދޭން ނިންމާފައި އޮތް ކަމަށް. ދެން އަޅުގަނޑުމެން ދެންނެވިން އެއީ ނުހައްގު ބަދަލެއް ކަމަށް ކަނޑައެޅީ ކޮން ފަރާތަކުންތޯ؟ ދެން އެއަކަށް އެ ބޭފުޅުންނަކަށް ވަކި އެކްސްޕްލެނޭޝަނެއް ނުދެއްވުނު،" އޭނާ ވިދާޅުވިއެވެ. އައިޝަތު އަލީއާއި ވަކީލުން: އައިޝަތު އަލީ ވަނީ މިއަދު އޭސީސީއަށް ހާޒިރުކޮށްފައި -- ފޮޓޯ/ އެމްޑީޕީ މައުރޫފް ވިދާޅުވީ، ބަދަލު ދޭން ނިންމި ކަމަށް އޭސީސީން ތުހުމަތުކުރި ނަމަވެސް މިނިސްޓަރު އޭރު ބައިވެރިވެލެއްވި ކޮމިޓީއަކީ ގޮތް ނިންމާ ކޮމިޓީއެއް ނޫން ކަމަށެވެ. "ސުވާލުތައް ކުރިއަށް ދިޔައިރުގައި ވަރަށް އާދައިގެ ސުވާލުތައް ކުރީ. އަނެއްހެން ޖިނާއީ ކަމަކާ ގުޅިގެން މި ބޭފުޅުން މި ތުހުމަތު އިއްވާފައި އޮތް ކަމާ އެއްވެސް ގުޅުމެއް ނެތް،" އޭނާ ސުވާލު އުފެއްދެވިއެވެ. މައުރޫފް ވިދާޅުވީ، މި މައްސަލައާ ގުޅޭ ގިނަ ލިޔެކިޔުންތައް ވެސް އޭސީސީގައި ނެތް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ފައްޔާޒާއި އަމީރު ވެސް އޭސީސީއަށް ހާޒިރުކުރިއެވެ. އަދި، ފައްޔާޒް ވެސް މީގެ ކުރިން ވަނީ ކުރަނީ އެއްވެސް ތާކުންތާކު ނުޖެހޭ ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، އޭސީސީއަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީން ވެސް ވަނީ މިއީ ނޮވެންބަރު 17 ގައި ބާއްވަން އިއުލާނުކޮށްފައި އޮތް އެއްވުމަށް ހުރަސްއަޅަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. https://sun.mv/212597 ސްވިފްޓް އިންޖިނިއަރިން ކުންފުންޏަކީ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެކެވެ. އޭނާ ވެސް ވަނީ ބަދަލު ދިން ގޮތާ ގުޅުވައި އޭސީސީން ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. މީގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެ ކުންފުންޏަށް ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށާއި އެ ކަން ކުރުމުގައި އެއްވެސް ގޯހެއް ހިނގާފައި ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ