އީރާނުން ގަލްފުގައި ހިފެހެއްޓީ އެމެރިކާ ސިފައިންނަށް ތެޔޮ ފޯރުކޮށްދޭ ޓޭންކަރެއް
ތެހެރާން (15 ނޮވެންބަރު 2025) : ޔޫއޭއީގެ ޝާރިޤާ ގެ ބަނދަރަކުން ތެޔޮ ބަރުކޮށްގެން ގަލްފުގެ ހުރުމުޒު ކަނޑުއޮޅިން އިންޑިއާ ކަނޑަށް ނުކުންނަ ދަތުރުކުރަމުން ދަނިކޮށް އީރާނުން ހިފަހައްޓައިގެން އުޅޭ ތެޔޮ ޓޭންކަރަކީ އެމެރިކާ ސިފައިންގެ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޓޭންކަރެއްކަން ހާމަވެއްޖެއެވެ. ރިޕޯޓްތަކާ ހަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި މި މަހުގެ 13 ވަނަ ދުވަހު އީރާނުގެ ކަނޑުގެ ސިފައިން މި އުޅަނދު ހިފެހެއްޓީ ހުރުމުޒް ކަނޑުއޮޅީގައި ޔޫއޭއީގެ ކަނޑުގެ ސަރަހައްދާ ގާތުން ބައިނަލްއަގްވާމީ ސަރަހައްދުގައި ދަތުރުކުރަމުން ދަނިކޮށެވެ. "ތަރާލާ" ނަމަކަށް ކިޔާ ނަމަކަށް ކިޔާ މި ޓޭންކަރަކީ "ޕާޝާ ފައިނޭންސް" ނަމަކަށް ކިޔާ ސައިފްރަސްގެ ކުންފުންޏަކުން އޮޕަރޭޓްކުރާ ޓޭންކަރެކެވެ. މި އުޅަނދަކީ އަރަބި ކަނޑާއި ދެކުނު ޗައިނާ ކަނޑުފަދަ އެމެރިކާ ސިފައިންގެ އަސްކަރީ މަނަވަރުތަކާއި އެނޫންވެސް އަސްކަރީ އުޅަނދުތައް ގިނައިން ދަތުރުކުރާ ސަރަހައްދުތަކަށް ގޮސް އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޓޭންކަރެއް ކަމަށް ވެއެވެ. މާޝަލް އައިލެންޑްގެ ދިދަ ނަގާފައިވާ މި ޓޭންކަރުގެ ތެޔޮ މިފަހަރު ގެންދަނީ ސިންގަޕޫރަށްކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ކަނޑުގެ ސިފައިންވަނީ މި މަހުގެ 13 ވަނަ ދުވަހު މި ޓޭންކަރު އީރާނުގެ ބަނދަރަކަށް ގެންދިޔަކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. ޓޭންކަރަށް ހުރަސްއަޅައި އޭގެ މިސްރާބު ބަދަލުކޮށް އީރާނުގެ ބަނދަރަކަށް ގެންދަން ޖެހުނީ އެޓޭންކަރުގެ އަމަލުތައް ގަވައިދާ ޚިލާފަށް ހުރުމުން ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އިތުުރ ތަފްސީލެއް ނުދެއެވެ. ނަމަވެސް އަލްޖޒީރާ ބުނާގޮތުން އީރާނުން މި އުޅަނދު އެގައުމުގެ ބަނދަކަށް ގެންގޮސްފައިވަނީ ދުނިޔޭގެ މާކަނޑުތަކުގައި އީރާނުގެ ތެލާއި ގޭސް ތެޔޮވިއްކުމަށް ދަތުރުކުރާ ޓޭންކަރުތަކަށް އެމެރިކާ ގޯނާކޮށް ބިރުދައްކަމުން ގެންދާތީ އެކަމަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރުމަށްޓަކައި އެމައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ގެންގޮސް އަލުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް އދ. ގެ އިތުރު ގަރާރަކާ ނުލައި މިގޮތަށް އޮޓަމެޓިކުން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަ ނުކުރެވޭނެކަމަށް ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ރަޝިއާ އާއި ޗައިނާ ބުނެއެވެ. އެހެންކަމުން ރަޝިއާ އާއި ޗައިނާ ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރީ ޣައިރު ގާނޫނީ ގޮތެއްގައި ކަމަށް ބުނެ އެކަން ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ. މިއާއެކު ޗައިނާ ގެންދަނީ ކުރިއެކޭ ވެސް އެއްގޮތަށް އީރާނުގެ ތެޔޮ ގަންނަމުންނެވެ. މިކަން ހަޖަމުނުވެ އެމެރިކާ ގެންދަނީ މާކަނޑުތަކުގައި ދަތުރުކުރާ އީރާނުގެ ބައެއް ތެޔޮޓޭންކަރުތަކަށް އުނދަނގޫކޮށް ދަތިކުރަމުން ކަމަށް އީރާން ބުނެފައިވެއެވެ. ޔޫއޭއީން ތެޔޮ ބަރުކޮށްގެންދިޔަ "ތަރާލާ" ޓޭންކަރު އީރާނުން ހިފެހެއްޓީ އެމެރިކާގެ މަސްލަހަތު ހުރި ޓޭންކަރުތަކަށް ގޯނާ ކުރުމަކީ އީރާނަށް ވެސް ކުރެވިދާނެކަމެއްކަމުގެ މެސެޖް އެމެރިކާއަށް ދިނުމުގެ ގޮތުންކަމަށް ބެލެވޭކަމަށް އަލްޖަޒީރާގެ މުހައްލިލުން ވިދާޅުވެއެވެ. ގަލްފުގައި ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް، އީރާނުން ހިފަހައްޓައި އެ ޓޭންކަރު އީރާނުގެ ބަނދަރަކަށް ގެންދިޔަކަން އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މީގެކުރިން ވެސް އީރާން ވަނީ އެ ގައުމުގެ އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކަށް ގޯނާކުރާތީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ކުންފުނިތަކުގެ ނޫނީ އެ ދެގައުމުގެ މަސްލަހަތު އޮންނަ އާގު ބޯޓުތައް ގަލްފުގެ ތެރެއިން ހިފަހައްޓައި އީރާނުގެ ބަނދަރުތަކަށް ގެންގޮސް ދިގުމުއްދަތަކަށް ބޭއްވުންފަދަ ބަދަލު ހިފުމުގެ އަމަލުތައް ހިންގާފައެވެ. މިފަދަ އަމަލުތައް ހިންގުމުން އެމެރިކާއާއި އިނގިރޭސިވިލާތުގެ ގޯނާތައްވަނީ މިފަހަކަށް އައިސް އީރާނުގެ އުޅަނދުތަކަށް ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ