ރާއްޖޭގެ ޓެކުހާ ގުޅޭ ފުރަތަމަ ފޯރަމްގައި އަލިއަޅުވާލީ ޓެކްސް ދައްކަން ހުރި ދަތިތަކަށް

ޓެކްސް ނިޒާމުގެ މުހިންމުކަމާއި ޓެކްސް ތަންފީޒުކުރުމަށް ދިމާވާ ދަތިތަކަށް އަލިއަޅުވާލާ ރާއްޖޭގެ ޓެކުހުގެ ފުރަތަމަ ފޯރަމް މިއަދު ބާއްވައިފިއެވެ. އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް (ސީއޭ މޯލްޑިވްސް)އާއި ޓެކުހާ ބެހޭ ދައުލަތުގެ އިދާރާ މީރާ ގުޅިގެން "މޯލްޑިވްސް ޓެކްސް ފޯރަމް 2025"ގެ ނަމުގައި ފޯރަމެއް މިއަދު ބޭއްވީ "ޝޭޕިން އަ ސްމާޓާ ޓެކްސް ފިއުޗާ ޓުގެދާ"، މި ޝިއާރުގެ ދަށުންނެވެ. މީރާއިން ބުނީ، މި ފޯރަމުގައި ޓެކުހުގެ ދާއިރާގެ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންނާއި ޓެކުހާ ބެހޭ ވަކީލުންނާއި އެކައުންޓިންގެ މާހިރުން ބައިވެރިވެ، ރާއްޖޭގައި ޓެކުހާ ބެހޭ ގާނޫނުތައް ތަންފީޒުކޮށް، ޓެކްސް ދެއްކުމަށް ހުރި ދަތިތަކާއި ބައިނަލްއަގްވާމީ ޓެކުހުގެ މައިދާނުގައި ޓެކްސް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި އެކުލަވާލާފައިވާ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ. އެގޮތުން ރާއްޖޭން ބޭރު ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ފާހަގަވާ މައްސަލަތަކާއި އެ މީހުންނަށް ދިމާވާ ދަތިތަކާއި އެ މީހުން ރާއްޖޭގައި ޓެކްސް ދެއްކުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމަށް އަލިއަޅުވާލައި، ޓެކުހާ ގުޅޭ ލިޔެކިއުންތައް އެއް މިންގަނޑަކަށް ތައްޔާރުކުރާނެ ގޮތާ ގުޅޭގޮތުން މައުލޫމާތު އެ ފޯރަމްގައި ހިއްސާކުރި ކަމަށް، މީރާއިން ބުންޏެވެ. އޭގެ އިތުރުން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށާއި، ޓެކުހުގެ އިންތިޒާމުތައް އޮޓޮމޭޓްކުރުމަށްޓަކައި މީރާއިން ކުރާ މަސައްކަތަށް އަލިއަޅުވާލިކަމަށްވެސް، އެ އިދާރާއިން މައުލޫމާތުދެއެވެ. މި ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ވިދާޅުވީ، އިންވެސްޓަރުންނާއި ޑިވެލޮޕްމަންޓް ބޭންކުތަކާއި ސަރުކާރުތަކުން ބަލަނީ ގައުމަކުން އަމިއްލަ އާމްދަނީ ހޯދައި ބަލަހައްޓާ ގޮތް ކަމަށާއި، ޒަމާނީ އިތުބާރު ހުރި ޓެކުހުގެ ނިޒާމަކީ ބައިނަލްއަގުވާމީ ކޮންމެ މުއާމަލާތެއްގައިވެސް ގައުމަކަށް ގެންދެވޭނެ އެންމެ ވަރުގަދަ ކޯލިން ކާޑު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ