ހޯރަފުށީ ކައުންސިލުގެ ރައީސް 3 މަހަށް ސަސްޕެންޑުކޮށްފި

ހއ. ހޯރަފުށީ ކައުންސިލާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއް ބެލުމަށްފަހު އެ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ތިން މަސް ދުވަހަށް ސަސްޕެންޑްކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެލްޖީއޭއިން މިއަދު ވަނީ، ވަހީދު މަގާމުގެ މަސްއޫލިއްޔަތުތަކުން މުސާރަ ނުލިބޭގޮތަށް ވަގުތީގޮތުން ދުރުކުރުމާއެކު، ދެން ތިބި ކައުންސިލަރުންނަށް ނަސޭހަތްތެރިވާން ވެސް ނިންމާފަ އެވެ.
ތަފްސީލް - އެލްޖީއޭއިން ބުނީ އެގޮތަށް ނިންމީ: 
ހޯރަފުށީ ކައުންސިލާއި ގުޅިގެން ހުށަަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެ އޮތޯރިޓީން ކުރި ތަހުގީގަކަށް ފަހު ކަމަށް 
އެ އިންކުއަރީ ހެދުމުގެ ހުއްދަ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފު ދެއްވީ މިދިޔަ 29 ޖޫންގައި 
މި މައްސަލާގައި ޖަވާބުދާރީވާން ކައުންސިލުގެ މެމްބަރުންނަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށް ވެސް އެލްޖީއޭން ބުންޏެވެ.
އެލްޖީއޭން އަދި ބުނިގޮތުގައި ކައުންސިލުގެ ރައީސް ވަހީދަށް ފިޔަވަޅު އެޅީ، ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ ރައީސް ކަމަށްވާތީ އެވެ. އެގޮތުން ބުނީ:
ގާނޫނުތަކާއި ގަވާއިދުތަކަށް ކައުންސިލުގެ ރައީސް ހިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭ 
މުސާރަ ނުހިނގާގޮތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ވަހީދު ދުރުކުރީ މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާފައި
މި މައްސަލާގައި ދެންތިބި ކައުންސިލަރުންނަށް ނަސޭހަތްތެރިވާން ނިންމީ ވެސް މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާފައި
މީގެ އިތުރުން، އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ގޮތަށް ކަންކަން ކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖޭއޭން މިއަދު ވަނީ ނިންމާފަ އެވެ.
އެނގުން މުހިންމު - ހޯރަފުށީ ކައުންސިލުން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ކޮރަޕްޝަނަށް މަގުފައިވާގޮތަށް 5000 އަކަފޫޓުގެ ބިމެއް ދީފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއަކާއެކު ޖުމްލަ އަށް މައްސަލައެއް އެލްޖޭއޭން ބަލާފައިވެ އެވެ. އެގޮތުން ބެލި މައްސަލަތަކަކީ:
މިއަހަރު ބޭއްވި ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތް ބޭއްވުމުގައި މާލިއްޔަތު ހޯރަފުށީ ކައުންސިލުން ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ މައްސަލައެއް
ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި ހިލާފަށް ރަށުގެ ގޯތިތަކާއި އިންވެގެން އޮންނަ ހުސް ބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވާ މައްސަލައެއް
މާލިއްޔަތު ގަވާއިދާ ހިލާފަށް 2023 ވަނަ އަހަރު ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލައެއް
މިއަހަރުގެ އީދު ކުޅިވަރާއި، ސްޓޭޖުލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ހަރަދު ކޮށްފައިވާ މައްސަލައެއް
ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމެޓީގައި ތިބޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ފޯރުކޮށް ނުދޭ މައްސަލައެއް
މިއަހަރުގެ އީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރިކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓްކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާކަމާއި އަދި އެތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ