މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު، އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ޕާޓީގެ ޗެއާޕާސަނުގެ މަގާމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިސްތިއުފާދެއްވުމުން ވަގުތީ ޗެއާޕަސަނެއް ހޮވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި، އެ މަގާމަށް ދާއިމީ މެންބަރަކު ހޮވުމަށް ނަގާ ވޯޓު ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ބާއްވަން ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް އެވެ.
އޭނާ ހުށަހެޅުއްވީ އެޕްރީލް 4، 2026، ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ކައުންސިލް އިންތިހާބުގެ ރަސްމީ ހަތް ދުވަސް ފަހުން ޗެއާޕާސަނުގެ އިންތިހާބު އޮންނާނެ ތާރީހެއް އިއުލާނުކުރުމަށެވެ. އެ ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރެއްގެ ވޯޓާ އެކު އެވެ.
ޗެއާޕާސަނަކު ހޮވުން ފަސްކުރަން ނިންމި ސަބަބެއްގެ ގޮތުގައި ސަލީމް އަދި މިރޭގެ ބައްދަލުވުމުގައ ވާހަކަދެއްކި ގިނަ މެންބަރުން ފާހަގަކުރެއްވީ ޕާޓީގެ ފޯކަސް ގެއްލުވާނުލާ، އެކުގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމެވެ.
މިރޭގެ ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ހޮވާފައިވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ.
"އަޅުގަނޑަށް އިތުބާރު ކުރައްވައި ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ހިތުގެ ހާލިސްކަމާއެކު ޝުކުރު ދަންނަވަން. އެއާއެކު ކުރިން ޗެއާޕާސަނެއްގެ މަގާމު ފުރުއްވަމުން ގެންދެވި ފައްޔާޒު އިސްމާއީލް އެ މަގާމުގައި ހުންނަވައި ޕާޓީއަށް ކޮށްދެއްވި ހިދުމަތަށްޓަކައި ހުރިހާ ބޭފުޅުންގެ ނަމުގައި ޝުކުރު ދަންނަވަން،" މަގާމާ ހަވާލުވުމަށް ފަހު ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު އަކީ މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެންމެ ދުވަސްވީ މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.
އެމްޑީޕީގެ ތެރޭގައި މިވަގުތު އޮތީ ވާދަވެރި ދެ ފެކްޝަނެއް އުފެދިފަ އެވެ. އެއީ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދުގެ ފެކްޝަނެވެ. ބެލެވޭ ގޮތުގައި ޗެއާޕާސަނުގެ އިންތިހާބުގައި އެ ދެ ފެކްޝަނުން ކެންޑިޑޭޓުން ވާދަކުރާނެ އެވެ.
މިހާތަނަށް އެ އިންތިހާބުގައި ވާދަކުރާނެ ކަން ރަސްމީކޮށް އިއުލާނުކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެކަންޏެވެ.
އެމްޑީޕީއަށް ޗެއާޕާސަނަކު އިންތިހާބުކުރާނީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެމްޑީޕީއަށް ޗެއާޕާސަނަކު އިންތިހާބުކުރާނީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ