ޖަޕާނަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
ޖަޕާނުގެ އިރުއުތުރު އައްސޭރިފަށަސް 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައުމުން، ސުނާމީއެއް އަރައިފާނެ ކަމުގެ އިންޒާރު ނެރެފިއެވެ. ރާއްޖެ ގަޑިން މިރޭ 7:15 ހާއިރު އައި ބިންހެލުމުގެ އަސަރު ޖަޕާނުގެ އުތުރާއި އިރުމަތީގެ ސަރަހައްދުތަކަށް ކޮށްފައިވެއެވެ. ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ (ޖޭއެމްއޭ)އިން ބުނާ ގޮތުގައި ބިންހެލުމާ ގުޅިގެން ރާޅުގެ އުސްމިން ގާތްގަނޑަކަށް 10 ފޫޓަށް އުފުލުން އެކަށީގެންވެއެވެ. އެ އިދާރާއިން، ސުނާމީ އެލާޓް ނެރެފައިވަނީ ހޮކައިޑޯގެ އިތުރުން އައޯމޯރީ އާއި އިވާޓޭ ޕްރިފެކްޗާތަކަށެވެ. ބިންހެލުން އައިސްފައި ވަނީ އައޯމޯރީގެ ކަނޑުގެ ސަރަހައްދުން ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރަށް އަދި 50 ކިލޯމީޓަރު އަޑިއަށް ކަމަށްވެސް ޖޭއެމްއޭއިން ބުނެފައިވެއެވެ. މި އަހަރުގެ ޖުލައި މަހުވެސް ޖަޕާނުގެ ހުޅަނގު ދެކުނުގެ، އާބާދީ މަދު ޖަޒީރާ ސަރަހައްދަކަށް 5.5 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެއެވެ. ނަމަވެސް އެ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ