ބިދޭސީންގެ ސިއްހީ ކަންކަމަށް ހައްލު ނުހޯދޭނަމަ ނުރައްކާތެރި ހާލަތެއް ޖެހިދާނެ: ނާޒިމް
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްޙީ މައްސަލަތަކަށް ހައްލެއް ނުހޯދާ ނަމަ، ނުރައްކާތެރި ހާލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ނާޒިމް ވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޕްޗީއޭ) އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ "އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް" އިފުތިތާހުކޮށްދެއްވައިފައެވެ. އެ ކޮންފަރެންސް ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގައި އޭނާ ވަނީ، ބިދޭސީންނަށް ފުރިހަމަ ސިއްޙީ ފަރުވާގެ ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށްކުރާ މަސައްކަތް ކާމިޔާބުކުރުމަށް ހުރިހާ މުއައްސަސާއެއްގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކަކީ ބިދޭސީއެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އުޅޭއިރު، މުޅި ގައުމުގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބިދޭސީންގެ ދުޅަހެޔޮކަން ޔަގީންކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބިދޭސީންނަށް ފުރިހަމަ ސިއްހީ ފަރުވާގެ ޚިދުމަތް ދިނުމަށް މަގުފަހިކުރުމަށްކުރާ މަސައްކަތް ކާމިޔާބުކުރުމަށް، ހުރިހާ މުއައްސަސާއެއް ބައިވެރިވުމަށް ވެސް ވަޒީރު އެދިލެއްވިއެވެ. ބިދޭސީންގެ ނިސްބަތުން ގިނައީ އަވައްޓެރި ގައުމުތަކަށް ނިސްބަތްވާ މީހުން. ރާއްޖޭގައި ނެތް ނުވަތަ ނައްތާލެވިފައިވާ ބަލިތައް އެ ގައުމުތަކުގައި އުޅޭއިރު، ރާއްޖެއަށް އަންނަ ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން މުހިންމު. ހުރިހާ މުއައްސަސާއެއް ގުޅިގެން މިއަދު ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތް ނުކުރެވިއްޖެނަމަ، އާންމު ސިއްޙަތުގެ ދާއިރާއިން ބޮޑު ޗެލެންޖަކާއި ކުރިމަތިލާންޖެހިދާނެސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ސިއްހީ ވުޒާރާއިން ބުނީ އާންމު ސިއްޙަތުގެ ކޮންފަރެންސްގެ ތެރެއިން، މިދިޔަ ޖޫން މަހު އިފުތިތާހުކޮށްފައިވާ ބިދޭސީންގެ ސިއްޙަތާ ބެހޭ ގައުމީ ސިޔާސަތު ތަންފީޒުކުރުމަށް ކުރިމަތިވާ ހިރާސްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭގޮތުންވެސް އިލްމީ މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ސިއްހީ ވުޒާރާއިން ބުނީ އެ ކޮންފަރެންސްގައި ބިދޭސީންގެ ކަންކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާއި، ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާނެ ކަމަށެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން މިކަމުގައި ހުރި ހުރަސްތަކަށް ދިރާސާގެ ނަޒަރަކުން އަލިއަޅުވާލާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. https://sun.mv/186128 ރާއްޖެއަށް އެކި މަސައްކަތްތަކަށް އަންނަ ބިދޭސީންގެ މެޑިކަލް ރެކޯޑުތައް ރަނގަަޅަށް ނުބަލައި، ގައުމަށް ވަންނަން ހުއްދަދޭ ކަމުގެ ކަންބޮޑުވުންތައް އެކި ފަހަރު މަތިން ފެންމަތިވެފައިވެއެެވެ. އެ ކަންބޮޑުުވުން އެންމެ ފަހުން ފެންމަތިވީ، ރާއްޖެއިން ނައްތައިލެވިފައިވާ ކަމަށް އިއުލާނުކޮށްފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއޭސިސް ބަލި 2023 ވަނަ އަހަރުގެ ޑިސެންބަހު މަހު ހދ. ކުޅުދުއްފުށިން ފެނުމުންނެވެ. އޭގެ ފަހުން ރ. ފައިނާއި ގއ. ކޫއްޑޫން ވެސް އެ ބަލި ފެނުނެވެ. އޭގެ ފަހުން، ބިދޭސީންގެ މެދުގައި ބަލި ފެތުރުން މަދުކޮށް، ހަމަހަމަކޮށް ފަރުވާ ދިނުމަށް ސިޔާސަތެއް އިއުލާން ކުރީ މިދިޔަ ޖޫން މަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ