ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވުމަށްފަހު ފާއިތުވެދިޔަ 44 ދުވަހުގެ ތެރޭގައި އިސްރޭލުން 497 ފަހަރު އެ އެއްބަސްވުމާ ހިލާފުވެއްޖެ ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވުމަށްފަހު ފާއިތުވެދިޔަ 44 ދުވަހުގެ ތެރޭގައި އިސްރޭލުން 497 ފަހަރު އެ އެއްބަސްވުމާ ހިލާފުވެ

ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް އެމެރިކާ އިސްވެ އޮވެގެން އެއްބަސްވުން އެކުލަވައި ތަންފީޒުކުރަން ފެށި އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 44 ދުވަހުގެ ތެރޭގައި އިޒްރޭލުން އެ އެއްބަސްވުމާ މަދުވެގެން 497 ފަހަރަށް ހިލާފުވެ، ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުން މަރާލައިފި އެވެ.
މިހާތަނަށް ދިން ހަމަލާތަކުގައި 342 އާންމުން މަރުވެފައިވާއިރު، މަރުވި މީހުންގެ ތެރެއިން ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުގެ ބާރުތަކުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ދެކޮޅަށް ހިންގާ ނުރައްކާތެރި އަދި ހުއްޓުމެއްނެތް އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ހިލާފުވުންތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާއި، ހަމަލާ ނުދިނުމަށް ވެފައިވާ އެއްބަސްވުމާ ވެސް ފާޅުގައި ހިލާފުވާ އަމަލުތަކެއް ކަމަށެވެ. ކެވެ. ފާއިތުވި ހޮނިހިރު ދުވަހު އެކަނި ވެސް 27 ހަމަލާ ދީފައިވާއިރު އެ ހަމަލާތަކުގެ ސަބަބުން 24 މީހުން ޝަހީދުވެ، 87 މީހުންނަށް އަނިޔާވެފައި ވެ އެވެ.
ހަނގުރާމައިން ހަލާކުވެފައިވާ ސަރަހައްދުތަކަށް އިންސާނީ އެހީއާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފުރިހަމައަށް އަދި މިނިވަންކަމާއެކު ފޯރުކޮށްދިނުމަށް އެއްބަސްވުން ލާޒިމުކުރި ނަމަވެސް އިޒްރޭލުން ދަނީ އަދިވެސް އެކަމަށް ވެސް ހުރަސް އަޅަމުންނެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ، މިފަހަރުގެ ހަމަލާތައް ދިނީ ޣައްޒާގެ 'ޔެލޯ ލައިން'ގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިއަކު އިޒްރޭލުގެ ސިފައިންނަށް ހަމަލާދިނުމުން ކަމަށެވެ.
ހަމާސްއިން ވަނީ އިޒްރޭލު ސިފައިންނަށް ހަމަލާދިންކަމަށް ބުނާ ހަނގުރާމަވެރިޔާގެ ވަނަވަރު ހާމަކުރުމަށް އިޒްރޭލަށް ގޮވާލާފަ އެވެ.
ހަމާސްގެ ސިޔާސީ ބިއުރޯގެ އިސް މެންބަރެއް ކަމަށްވާ އިއްޒަތުލް ރިޝްގް، ޣައްޒާ އެއްބަސްވުމުގެ މެދުވެރިންނަށާއި އެމެރިކާ ސަރުކާރަށް ގޮވާލާފައިވަނީ، އެއްބަސްވުން ތަންފީޒު ކުރުމަށް އިޒްރޭލަށް ބާރު އެޅުމަށެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްބަސްވުމަށް އަމަލުނުކޮށް، ނަސްލުހޭދު ކުރުމުގެ ހަނގުރާމައަކަށް އެނބުރި ދިއުމަށް އިޒްރޭލުން ދަނީ ބަހަނާތައް ދައްކަމުން ކަމަށެވެ.
އަލްޖަޒީރާގެ ތާރިޤް އަބޫ ޢައްޒޫމް، ޣައްޒާ ސިޓީއިން ރިޕޯޓު ކުރަމުން އާދިއްތަ ދުވަހު ބުނެފައިވަނީ، ޣައްޒާގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަކީ ހަމައެކަނި 'ނަމެއްގައި އޮތް އެއްބަސްވުމެއް' ކަމަށެވެ.
އޭނާ ބުނީ، ހަމަލާ ހުއްޓާލިކަމަށް އިއުލާނުކޮށްފައި ވީ ނަމަވެސް، އިޒްރޭލު ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ވައިގެ ހަމަލާތައް ދެމުން ގެންދާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ، މިފަދަ ހަމަލާތަކުން ދައްކައިދެނީ، ޣައްޒާ އެއްބަސްވުމަކީ ހަނގުރާމަ ހުއްޓާލުމެއްގެ ބަދަލުގައި ހަމައެކަނި ޓެކްޓިކަލް ގޮތުން ފަހަތަށް ޖެހުމެއް ކަމަށެވެ. އިޒްރޭލުން މަސައްކަތް ކުރަނީ ހަމަލާތައް ހުއްޓާލިކަމަށް އިއުލާނުކޮށް ދުނިޔޭގެ ސަމާލުކަން އަނބުރާލުމަށްފަހު ގަތުލުއާންމު ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ތުހުމަތުކުރި އެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ "ޔެލޯ ލައިން" އަކީ، މިދިޔަ މަހު އެއްބަސްވުމަށް އަމަލުކުރަން ފެށުމުން އިޒްރޭލު ސިފައިން ފަހަތަށް ޖެހުނު ހިސާބުގެ ސަރަހައްދީ ބޯޑަރެވެ. އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން އަދިވެސް ޣައްޒާގައި ހަރަކާތްތެރިވަމުން ދެ އެވެ.
ހަމާސްއިން ބުނެފައިވަނީ، އިޒްރޭލުން ވަނީ މިހާރު ޔެލޯ ލައިންގެ ހުޅަނގަށް ފެތުރިގެންފައި ކަމަށާއި، އިޒްރޭލުގެ ސިފައިން ޣައްޒާގައި ތިބޭ މި ސަރަހައްދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ބަދަލުކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން، ޣައްޒާ ފޮރެންސިކް އެވްޑަންސް ޑިޕާޓްމެންޓުގެ ތަރުޖަމާނެއް އަލްޖަޒީރާއަށް ބުނެފައިވަނީ، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން އަނބުރައި ދޫކޮށްލި ފަލަސްތީނު ރައްޔިތުންގެ ހަށިގަނޑުތަކުގެ ފިންގަރޕްރިންޓާއި ޑީއެންއޭ ތަހުލީލު ކުރުމަށް ލެބޯޓަރީއާއި ސާމާނު ބޭނުންވާ ކަމަށެވެ. އެތައް ހަށިގަނޑެއްގައި އަނިޔާކުރުމާއި، ގުނަވަންތައް ބުރިކުރުމުގެ ނިޝާންތައް ހުރިކަމަށް އޭނާ ފާހަގަކުރި އެވެ. މިއީ ހަނގުރާމައިގެ ތެރޭގައި ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ