ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ކޮންމެ ތުހުމަތަކުން ހާމަވަނީ ބޮޑަތި ގޯސްތަކެއްގެ ތެރޭގައި އެ މަނިކުފާނު އުޅުއްވާ ތަން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މާލޭ މޭޔަރަކަށް މުއިއްޒު ހުންނެވިއިރު، 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި، ސީއެސްއާރުގެ ނަމުގައި ގަނޑުކޮށް ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އަލިމަސް ކާނިވާ ސަރަހައްދުން 10 ބިމެއް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކޮށްލި މައްސަލައާ ގުޅިގެން ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަތަކުގައި މުއިއްޒުއާ ދެކޮޅަށް މިއަދު ގާނޫނީ ފިޔަވަޅު ނާޅައިފާނެ ކަމަށެވެ.
"އެކަމަކު އަބަދަކު މި ހާލަތެއް ވެސް ނޯންނާނެ. ގައުމެއްގެ ހައިސިައްޔަތުން މިއީ ވަރަށް ބޮޑެތި ކަންތައްތައް. ބޮޑަތި ކުށްތަކެއް ހިންގާފައިވާކަމަށް ކުރެވޭ ތުހުމަތަށް މިލިބެނީ ދަލީލު،" ޖަމީލު ވިދާޅުވި އެވެ.
"ކިހިނެތްތޯ މިޔަށް ކޮރަޕްޝަނޭ ނުކިޔޭނީ؟ ދައުލަތަށް ގެއްލުން ވާގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ބެލެވޭނީ ކިހިނެތްތޯ؟ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނުނަގާކަމަށް ބަލާނީ ކިހިނެތްތޯ؟"
ޖަމީލު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ އާންމު ރައްޔިތުންނަށްވުރެ އެތައް ގުނައެއް މަތީގައި ނަޒާހަތްތެރިކަން ހުންނަންޖެހޭ ބޭފުޅެއް ކަމަށާއި "އެކަމަކު މުއިއްޒު މިފެންނަނީ ބޮޑަތި ގޯސްތަކެއްގެ ތެރޭގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސްއަކަށް ހުންނެވި ބޭފުޅަކަށް މިފަދަ ބޮޑެތި ތުހުމަތު ރައްދުވުމުން އެ ތުހުމަތު ބަރީއަކަމުގެ ސާފު ހުއްޖަތް ދެއްކުން ލާޒިމުވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ. ނޫނީ ރައްޔިތުންގެ އިތުބާރުނެތް ބޭފުޅަކަށްވެ ގާނޫނީ ނަތީޖާއާ ކުރިމަތިލާން މަޖްބޫރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލުން އާންމުކުރި މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުން ހާމަވި ގޮތުގައި ސީއެސްއާރުގެ ގޮތުގައި ގަނޑުކޮށް ފައިސާ ދައްކަންޖެހޭ ގޮތަށް އެއްވެސް ބިމެއް ސިޓީ ކައުންސިލުން ކުރިން ދޫކޮށްފައެއް ނުވެ އެވެ.
ނަމަވެސް، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ، ސީއެސްއާރުގެ ގޮތުގައި 300،000ރ. ނުވަތަ 500،000ރ. ނެގުމަށް ފަހު އެވެ. އެއީ ކޮން ކަމަކަށް ނެގި ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ. އަދި ބޭނުންކުރި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.
ވިޔަފާރީގެ އުސޫލުން މާލެއިން ބިމާއި އިމާރާތްތައް ކުއްޔަށް ދޫކުރާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ 20 އަހަރަށެވެ. އެ ބިންތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 އަދި 28 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އޮތީ ސެޕްޓެމްބަރު 30ގަ އެވެ.
މުއިއްޒު އެޅެމުންދަނީ ބޮޑެތި ގޯސްތަކުގެ ތެރޭގައި: ޖަމީލް މުއިއްޒު އެޅެމުންދަނީ ބޮޑެތި ގޯސްތަކުގެ ތެރޭގައި: ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ