އެމެރިކާގެ ރައީސް ކަމަށް ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޅު ކުރައްވައިފި އެވެ.
އޭނާ ވިދާޅުވީ އެއީ އޭނާ ކުރައްވަން ލޯބިފުޅުވާ ކަމެއް ކަމަށެެވެ.
ނަމަވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނައިބު ރައީސްއެއްގެ ގޮތުގައި ވާދަ ކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެއީ އެމެރިކާގެ ގާނޫނުއަސާސީން މަނާކޮށްފައިވާ، ރައީސަކު ތިން ވަނަ ދައުރަކަށް ކުރިމަތި ނުލެވޭ ނިންމުމަށް، އޭނާ އަށް ތާއީދު ކުރާ ބައެއް މީހުން ގެންގުޅޭ ހިޔާލެކެވެ.
އޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެއީ "ވަރަށް ހިތްގައިމު" ހިޔާލެއް ކަމަށެވެ.
އޭނާ އަލުން ވާދަކުރައްވާނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އަދި ނޭނގެ އެވެ. ޓްރަމްޕްގެ ކުރީގެ ސްޓްރެޓެޖިސްޓް ސްޓީވް ބެނަން މިދިޔަ ހަފުތާގައި ވިދާޅުވީ 79 އަހަރުގެ ޓްރަމްޕް އިތުރު ދައުރަކަށް އިންތިހާބު ކުރުމަށް "ޕްލޭނެއް" އޮތް ކަމަށެވެ.
މެލޭޝިއާއިން ޖަޕާނަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވީ ނައިބު ރައީސް ކަމަށް އަލުން ކުރިމަތިލެއްވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ.
ތިން ވަނަ ދައުރެއްގެ ފުރުސަތާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ އެކަމާ މެދު މާ ބޮޑު ވިސްނުންފުޅެެއް ނުގެންގުޅުއްވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭނާގެ ވޯޓުގެ ނަތީޖާއަކީ މިހާތަނަށް އެންމެ މަތީ ނަމްބަރު ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ނައިބު ރައީސް ޖޭޑީ ވެންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ފަދަ ބޭފުޅުންނަކީ ވެރިކަމަށް ވަރަށް ގާބިލު އަދި އެއްވެސް ކެނޑިޑޭޓަކަށް ބަލި ނުކުރެވޭނެ ފަދަ ބޭފުޅުން ކަމަށެވެ.
އޭނާ ވިދާޅުވީ ވަރަށް މަގުބޫލު ގާބިލު ގިނަ ބޭފުޅުން، ޑިމޮކްރެޓުންނާ ހިލާފަށް ރެޕަބްލިކް ޕާޓީގައި ތިއްބެވި ކަމަށެވެ.
އެމެރިކާގެ ގާނޫނުއަސާސީއަށް ގެނައި 22 ވަނަ އިސްލާހުގައިވާ ގޮތުން ރައީސަކު ތިން ވަނަ ދައުރަކަށް ކުރިމަތިލުން ވަނީ މަނާކޮށްފަ އެވެ.
އެ އިސްލާހު އުވާލުމަށް ދަށު ގެ އާއި ސެނެޓުގެ ތިން ބައިކުޅަ ދެބައި މީހުންގެ ރުހުން ބޭނުންވާނެ އެވެ. ނުވަތަ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ތިންބައިކުޅަ ދެބައި މީހުންގެ ތާއީދު ލިބެން ޖެހެ އެވެ. އަދި އެއީ ވަރަށް ނާދިރު ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އެފަދަ އިސްލާހެއް ތަސްދީގު ކުރުމަށް 38 ސްޓޭޓެއްގެ ތާއީދު ވެސް ބޭނުންވާނެ އެވެ.
ޓްރަމްޕަށް ތާއީދު ކުރައްވާ ކުރީގެ އެޑްވައިޒަރު ސްޓީވް ބެނަން މިދިޔަ ހަފުތާގައި ވިދާޅުވީ ޓްރަމްޕަށް ތިން ވަނަ ދައުރެއް ހޯދައިދިނުމަށް "ޕްލޭނެއް" އޮތް ކަމަށެވެ.
ދެން އޮންނަ އިންތިހާބު، 2028 ވަނަ އަހަރުގެ އިންތިހާބުގައި މޮކްރަޓުންގެ ފަރާތުން ވާދަ ކުރައްވާނީ ކޮން ބޭފުޅެއް ކަމެެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ ޝައުގުވެރިކަން ފާޅު ކުރައްވަމުންނެވެ.
3 ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ